ސައުދީ ވަލީއަހުދު އަޅުއްވައިދެއްވާ 10 މިސްކިތުގެ މަސައްކަތް ޖެނުއަރީގައި ފެށޭނެކަމަށް އުންމީދުކުރަން: ޝަހީމް

ސައުދީ އަބިއްޔާގެ ވަލީއަހުދު ސަލްމާން ބިން އަބްދުލްޢަޒީޒްގެ އެހީތެރިކަމާއެކު ރާއްޖޭގައި އަޅަން ހަމަޖެހިފައިވާ 10 މިސްކިތުގެ މަސައްކަތް އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޝަހީމް ވިދާޅުވީ، 10 މިސްކިތް އެޅުމަށް ސައުދީގެ ވަލީއަހުދު ދެއްވަން ނިންމަވާފައިވާ ފައިސާގެ އެހީގެ ތެރެއިން ތިންބައިކުޅަ އެއްބަޔަށްވާ ފައިސާ ކަމުގައިވާ 1.2 މިލިއަން ޑޮލަރު މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށެވެ.

"ސައުދީ އަރަބިއްޔާގެ ވަލީއަހުދު، ސަލްމާން ބިން އަބްދުލް އަޒީޒް އަލް ސަޢޫދު ރާއްޖޭގެ 10 މިސްކިތެއް އެޅުއްވުމަށްޓަކައި އެހީގެގޮތުގައި ދެއްވަން ހަމަޖައްސަވާފައިވާ ފައިސާގެ ތެރެއިން ތިންބައިކުޅަ އެއްބަޔަށްވާ ފައިސާ ކަމުގައިވާ 1.2 މިލިއަން ޑޮލަރު ވަނީ މިނިސްޓްރީއަށް ޖަމާކޮށްދެއްވާފައި. މި މިސްކިތްތަކުގެ މަސައްކަތްތައް މި އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން،" އިސްލާމިކް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެންނާއި ސައުދީ އަރަބިއާގެ ސަރުކާރުގެ ހިލޭއެހީގެ ދަށުން ބިނާކުރަން ފަށާފައިވާ ހަތް މިސްކިތާއެކު ޖުމްލަ 17 މިސްކިތް އިމާރާތް ކުރުމުގެ މަޝްރޫއު މިއަހަރު އެ މިނިސްޓްރީން ބަލަހައްޓަމުން ގެންގޮސްފައިވާ ކަމަށެވެ. އަދި ރަމަޟާން މަހަށް ޚާއްސަކޮށްގެން ރާއްޖޭގެ އެކި މިސްކިތްތައް އާބާތުރަ ފިލުވުމަށް މިއަހަރު މަޝްރޫއެއް ހިންގިފައިވާ ކަމަށާއި 137 ރަށެއްގެ 334 މިސްކިތް މަރާމާތުކުރުމަށް 9.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ޑރ. ޝަހީމް ވިދާޅުވި އެވެ.

މިސްކިތްތަކަށް އެހީވާ ފަންޑުން ޚަރަދުކޮށްގެން ތ. ގާދިއްފުށީގައި އިމާރާތްކުރަމުންދާ މިސްކިތް މި މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށާއި އެ މި މިސްކިތް އެޅުމަށް ތިން މިލިއަން އެއްލައްކަ ހަތަރުހާސް ފައްސަސޭކަ ފަންސާސް އެއް ރުފިޔާ ފަންސަވީސް ލާރި ޚަރަދުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިއީ މިސްކިތް ފަންޑުން ބިނާކުރާ ފުރަތަމަ މިސްކިތެވެ.

ރާއްޖޭގެ 11 ރަށެއްގެ މިސްކިތްތައް މަރާމާތު ކުރުމަށް 1.1 މިލިއަން ރުފިޔާ މިސްކިތް ފަންޑުން މިއަހަރު ޚަރަދުކޮށްފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އިސްލާމީ މަރުކަޒުގައިވާ އެންމެހައި މަރާމާތުތަކެއް ޔޫއޭއީގެ ޚަލީފާ ފައުންޑޭޝަންގެ މާލީ އެހީތެރިކަމާއެކު މަރާމާތުކުރުމަށް ނިންމާފައިވާ ކަމަށާއި އެކަމަށްޓަކައި ކުރަންޖެހޭ ރަސްމީ މުއާމަލާތްތައް މިނިސްޓްރީގެ ފަރާތުން ކުރަމުން އަންނަ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު