އޮޑިޓް ރިޕޯޓު ނެރުނީ މެމްބަރު ނާޒިމް ވިދާޅުވެގެން ކަމަށް އަދީބު ތުހުމަތުކުރައްވައިފި

ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބާ ގުޅޭގޮތުން އޮޑިޓާ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވެގެން ނެރުއްވި އޮޑިޓް ރިޕޯޓެއް ކަމަށް އަދީބު ތުހުމަތު ކުރައްވައިފި އެވެ.

ދިޓީވީ ސްޓޫޑިއޯގައި މިރޭ ނޫސްވެރިންނާ ބައްދަލުކުރައްވައި އަދީބު ވިދާޅުވީ، މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަތުމަށް ނާޒިމަށް ހުރަސްތަކެއް ދިމާވުމުން އޭނާ މަޖިލީހުގެ ރައީސްކަމަށް ގެންނަން ސަޕޯޓު ނުކޮށްފިނަމަ އަދީބާއި އޭނާގެ އާއިލާގެ ފަރާތްތަކާ ގުޅޭ އެތަށް އޮޑިޓް ރިޕޯޓުތަކެއް ނެރޭނެ ކަމަށް ނާޒިމް ވިދާޅުވި ކަމަށެވެ.

"އަޅުގަނޑަށް ކުރީގެ މަޖިލީހުގެ ނައިބު ރައީސް ނާޒިމް، އެބޭފުޅާ މަޖިލިސް ރައީސް ކަމަށް މަސައްކަތްކުރި އިރު އައި ހުރަސްރަސްތަކުގައި ވަރަށް ބޮޑަށް އަޅުގަނޑާ ދިމާލަށް ބުނަމުންދިޔަ. މިފަހަރު މިކަމުގައި ސަޕޯޓު ނުކޮށްފިއްޔާ އަޅުގަނޑާ ބެހޭގޮތުން އެތައް ރިޕޯޓެއް ނުކުންނާނެ ވާހަކައާއި، އަދި އަޅުގަނޑު އެކަނި ނޫން ކަމަށާއި އަޅުގަނޑުގެ އާއިލާއާ ހުރިހާ އެންމެނާ ބެހޭ ރިޕޯޓެއް ވެސް ނެރެގެންދާނެ ކަމަށް،" އަދީބު ވިދާޅުވި އެވެ.

އަދީބު ވިދާޅުވީ، ނާޒިމް އެގޮތަށް ދެންނެވުމުން އޭނައާ ބެހޭގޮތުން އޮޑިޓް ރިޕޯޓެއް ނެރެންޖެހޭ ކަމެއް އޮވެއްޖެނަމަ އެފަދަ ރިޕޯޓެއް އަވަހަށް ނެރުއްވުމަށް ދަންނަވާފައިވާނެ ކަމަށެވެ.

"އަޅުގަނޑު ސާބިތުކަމާއެކު ބުނިން އަޅުގަނޑުގެ ތިފަދަ ރިޕޯޓެއް އޮވެއްޖެއްޔާ އަވަހަށް ނެރުއްވާށޭ،" އަދީބު ވިދާޅުވި އެވެ.

މޯލްޑިވްސް މާކެޓިން ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އަށް ފަސް މިލިއަން ޑޮލަރު (77.1 މިލިއަން ރުފިޔާ) ގަތުމަށް ހިންގި މުއާމަލާތާ ގުޅޭގޮތުން އޭނާ އަށް ތުހުމަތުތަކެއް ކުރައްވާފައިވީނަމަވެސް އެ ފައިސާ އަކީ ދައުލަތައް ގެއްލޭނެ އެއްޗެއް ނޫން ކަމަށް އަދީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ފަސް މިލިއަން ޑޮލަރު ގަތުމާ ގުޅޭ ޓްރާންސެކްޝަންތައް ހިންގާފައި ވަނީ އެމްޕީއެލް އާއި އެމްއެމްޕީއާރުސީއާ ދެމެދު އެގްރީމެންޓެއްގައި ސޮއިކޮށްގެން ކަމަށާއި އޭގެތެރެއިން މިހާތަނަށް ތިން މިލިއަން ޑޮލަރު އެމްޕީއެލް އަށް އަނބުރާ ދައްކައި ނިމިފައިވާކަމަށެވެ. އަދި ބާކީ ހުރި ފައިސާތައް އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ދައްކައި ނިމޭނެ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

އޮޑިޓް ރިޕޯޓް ނެރުމުގެ ކުރިން އޭނާގެ ބަހެއް ހޯދުމަށް އޮޑިޓް އޮފީހުން އެދިފައިނުވާ ކަމަށާއި އެއީ ފުރިހަމަނުކޮށް ނެރެފައިވާ ބޭއިންސާފު އޮޑިޓް ރިޕޯޓެއް ކަމަށްވެސް އަދީބު ވިދާޅުވި އެވެ.

އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހީމް އާއި ނާޒިމްއާ އާދަޔާ ޚިލާފު ގުޅުންތަކެއް އޮންނަ ކަމަށާއި މިފަހަރު އޮޑިޓް ރިޕޯޓު ނެރެފައި ވަނީ ނާޒިމް އަދީބު އަރިހު ދެންނެވިގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އޮޑިޓާ ޖެނެރަލްއާ ނާޒިމްއާ އާދަޔާ ޚިލާފު ގުޅުންތަކެއް އޮވޭ. އެކަން އަޅުގަނޑަށް ސާބިތުވާ ކަމަކީ އަޅުގަނޑު ކައިރީގައި ނާޒިމް އޭރުދެއްކެވި ސީދާ ނުކުންނާނީ ހަމަ މިގޮތަށޭ އޮޑިޓް ރިޕޯޓު،" އަދީބު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު