އޮންލައިން އިޝްތިހާރުތަކުގެ 'އުނދަގުލުން' އިންޓަނެޓް ބޭނުންކުރާ މީހުން ސަލާމަތްކުރަން ގޫގުލް އާއި މޮޒިއްލާއިން އާ ފިޔަވަޅުތައް އަޅަނީ

އިންޓަނެޓްގެ ސަފްހާތައް އުކަމުން ގެންދާއިރު ނަމުން 'ގޮވާލައި' ހައިޖަހާލާ އިޝްތިހާރުތައް ފެނޭ ހެއްޔެވެ؟ ނުވަތަ އީމެއިލް، ވަނަން، ނޫނީ ފޭސްބުކްފަދަ ޝޯސަލް ނެޓްވާކެއްގައި ބޭނުންކުރާ ނަން އެނގޭ 'ރަޙުމަތްތެެރި އިޝްތިހާރަކާ ދުވަހަކުވެސް ދިމާވިހެއްޔެވެ؟ ފަހަރެއްގައި މި ތަޖުރިބާ ނުކުރެވި އޮވެދާނެ އެވެ.

ނަމަވެސް އިންޓަނެޓްގައި އިޝްތިހާރުކުރުމާއި ތަފާތު އުފެއްދުންތައް މާކެޓްކުރުމުގައި، ވެބް ބްރައުޒާތަކުން އެ ބްރައުޒާއެއް ބޭނުންކުރާ ފަރާތަކާއި ބެހޭ މަޢުލޫމާތު ދެނެގަނެ، އެފަދަ މަޢުލޫމާތުތަކުގެ އެހީގައި ވަކި ފަރާތަކަށް ޚާއްސަކޮށް އިޝްތިހާރުތައް ފޮނުވައި ހެދުމަކީ މިހާރު ޢާންމުކަމެކެވެ. މީގެ އިތުރުން ވެބް ބްރައުޒާ ބޭނުންކޮށްގެން، އެކި ފަރާތްތަކުން އިންޓަނެޓް ބޭނުންކުރާ ދާއިރާތަކާއި، ވަންނަ ވެބްސައިޓްތަކާއި ނެޓް ބޭނުންކުރުމުގެ ވައްޓަފާޅި ދެނެގަނެ، އެފަދަ ފަރާތްތަކުން ގަޔާވާކަހަލަ އިޝްތިހާރުތަކާއި ދިމާއަށް ގެންދިއުމަށްވެސް ފުޅާ ދާއިރާއެއްގައި ދަނީ މަސައްކަތްކުރެވެމުންނެވެ. އިޝްތިހާރު ކުރާ ފަރާތްތަކުން މި މަޢުލޫމާތުތަށް ދެނެގަންނަނީ ވެބް ބްރައުޒާތަކުން، އެ ބޭނުންކުރާ މީހުންގެ ފަސޭހައަކަށްޓަކައި ރައްކާކޮށް ބަލަހައްޓާ މަޢުލޫމާތުތައް (އިންޓަރނެޓް ކުކީ ތައް) ބޭނުންކޮށްގެންނެވެ. އަދި ބައެއްފަހަރު ވަކި ވެބްސައިޓަކަށް ވަނުމުން އެ ވަންނަ މީހަކާއި ބެހޭ މަޢުލޫމާތު ހޯދައިގަތުމަށް ޚާއްސަ ކުކީތައް ބޭނުންކުރެއެވެ. ޔޫރަޕާއި އެމެރިކާ ފަދަ ޤައުމުތަކުގައި މިކަންވަނީ އިންޓަނެޓް ބޭނުންކުރާ މީހުނަށް ޢާންމު އުނދަގުލަކަށްވެފައެވެ.

ނަތީޖާއެއްގެ ގޮތުން، ވިޔަފާރި އުފެއްދުންތަކާއި ޚިދުމަތްތަކުން ކަސްޓަމަރުންނަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކޮށްދިނުމުގެ ޒިންމާ ބޮލުގައި އަޅައިގެން އުޅޭ އެމެރިކާގެ ކޮންޒިއުމާ ޕްރޮޓެކްޝަން އޭޖެންސީ، ފެޑްރަލް ޓްރޭޑް ކޮމިޝަނުން މިކަމާއި ކަންބޮޑުވެ، އިންޓަނެޓް ބޭނުންކުރާ ފަރާތްތައް މި އުނދަގުލުން ސަލާމަތްކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. އެގޮތުން ގޫގުލް އާއި މޮޒިއްލާ ފަދަ ވެބް ބްރައުޒާ މާކެޓުގެ ބޮޑެތި ބާރުތަކާއި، މަޝްހޫރު ސޯޝަލް ނެޓްވާކްތަކަށް، އެ ފަރާތްތަކުގެ ބްރައުޒާތަކާއި ސޯޝަލް ނެޓްވާކް ޚިދުމަތްތައް ބޭނުންކުރާ މީހުންގެ ޙަރަކާތްތަކަށް ފާރަަލައި 'ކުކީ' ތައް، އިޝްތިހާރުކުރާ ފަރާތްތަކަށް އަތުޖެހުނަ ނުދިނުމަށް ބާރުއަޅާފަދަ ނިޒާމެއް ޤާއިމުކުރުމަށް އެދިފައިވެއެވެ.

މިކަމަކީ ކުރަން އުނދަގޫ ކަމެއްގެ ގޮތުގައި ގިނަ ފަރާތްތަކުން ސިފަކޮށްފައި ވަނިކޮށް ގޫގުލް އާއި މޮޒިއްލާއިން ވަނީ އެމީހުންގެ ވެބް ބްރައުޒާތައް ކަމަށްވާ ގޫގުލް ކްރޯމާއި ފަޔަފޮކްސްގައި މިފަދަ "ޑޫ ނޮޓް ޓްރެކިން ކުކީ" ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ފަށައިފައެވެ. އިންޓަނެޓް އެކްސްޕްލޯރާ ގެ ނުވަވަނަ ޢަދަދުގައިވެސް މިފަދަ ނިޒާމެއް ހިމަނާނެކަމަށް ވެއެވެ.

ގޫގުލް އާއި މޮޒިއްލާގެ ކުކީ ޓްރެކިން ސިސްޓަމް މަސައްކަތްކުރާ ގޮތަށް ބަލައިލާއިރު، ގޫގުލް އިން މިކަމަށްޓަކައި ބޭނުންކޮށްފައިވަނީ 'މައި އޮޕްޓް-އައުޓްސް' ކިޔާ އެކްސްޓެންޝަން އެކެވެ. މި އެކްސްޓެންޝަން ކްރޯމް އާއި ގުޅައިލުމުން ބޭނުންކުރާމީހާގެ ޒާތީ މަޢުލޫމާތުތައް ވެބްސައިޓްތަކަށް ސިއްރުކޮށްދީ އެފަދަ މަޢުލޫމާތުތައް ބޭނުންކޮށްގެ އިޝްތިހާރާއި އެނޫންވެސް ކުޅިސަމާތައް ދެއްކުމަށް ހުރަސްއަޅައެވެ.

ފަޔަފޮކްސް އިން މިކަމަށްޓަކައި އުފައްދާފައިވަނީ ޚާއްސަ އެޗްޓީޓީޕީ ހެޑާއެކެވެ. ޑޫ ނޮޓް ޓްރެކް (ޑީއެންޓީ) ގެ ނަމުން ނަން ދެވިފައިވާ މި ހެޑާ، ފަޔަފޮކްސްއިން ހުޅުވާ ވެބް ސަފްޙާތަކުގައި ހިމެނުމުން، އިޝްތިހާރުކުރާ ފަރާތަކަށް އެމީހުންގެ އިޝްތިހާތުތަކުގައި ކަސްޓަމަރުންގެ ނުވަތަ ބްރައުޒާ ބޭނުންކުރާ މީހުންގެ ޒާތީ މަޢުލޫމާތުތައް ހިމެނުން މަނާކުރެއެވެ. އަދި އެއް އިޝްތިހާރެއް މާ ގިނަގިނައިން ތަކުރާރުވުން ފަދަ ކަންތައްތައްވެސް ހުއްޓުވާލައެވެ.
މި ނިޒާމު މަސައްކަތަކުރާ ގޮތުގައި ތަފާތުތަކެއް ހުރިނަމަވެސް އާޚިރު ނަތީޖާއަކީ، ބްރައުޒާ ބޭނުންކުރާ މީހުނަށް ތުރާލަކަށް ވިޔަ ނުދީ، ބްރައުޒިން ހިސްޓްރީ އާއި ކުކީތައް ބަލަހައްޓައިދީ، ޒާތީ މަޢުލޫމާތުތަކަށް ފާރަލާ އިޝްތިހާރުތަކުގެ ކިބައިން އެ މަޢުލޫމާތުތައް ރައްކާތެރިކޮށްދިނުމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު