އަމާޒަކީ ދުވާލު ކަރަންޓު ބޭނުންކުރާ މަތީ މިންވަރުގެ 30 ޕަސެންޓް އިއާދަކުރަނިވި ހަކަތައިން އުފެއްދުން: މިނިސްޓަރު

ސަރުކާރުގެ އަމާޒަކީ ކޮންމެ ރަށެއްގައި ދުވާލު ކަރަންޓު ބޭނުންކުރާ އެންމެ މަތީ މިންވަރުގެ 30 ޕަސެންޓް އިއާދަކުރަނިވި ހަކަތައިން އުފެއްދުން ކަމަށް އެންވާރަމެންޓް އެންޑް އެނާޖީ މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

މިއަދަކީ ދުނިޔޭގެ ހަކަތައިގެ ދުވަސްކަމުގައި ވާތީ ދުވަހުގެ މިނާސަބަތުގައި ދެއްވި ޚިތޯބެއްގައި މިނިސްޓަރު ތޯރިގު ވިދާޅުވީ އިގުތިސާދީގޮތުން ފުދުންތެރި ގައުމަކަށްވުމަށްޓަކައި އިއާދަކުރަނިވި ވަސީލަތްތަކުގެ ބޭނުން ހިފުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ ރަށްރަށުގައި އަލިން ހަކަތަ އުފައްދާ ނިޒާމުތައް އިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ތޯރިގު ވިދާޅުވީ ރާއްޖެ ހިމެނެނީ ދެކުނު އޭޝިއާގެ ގައުމުތަކުގެތެރެއިން އާބާދީގެ ނިސްބަތުން އެންމެ ގިނައިން ހަކަތަ ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ކަމަށާއި އެހެންކަމުން ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ އަސަރު ރާއްޖޭގެ އިގުތިސާދަށް ކުރުމަކީ ރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލަށް ހުރި ނުހަނު ބޮޑު ބިރެއް ކަމަށެވެ. އަދި ރާއްޖެއަކީ ތަރައްގީވަމުން އަންނަ ގައުމެއް ކަމުގައިވުމުން، ހަކަތައިގެ ޔަގީންކަން ހޯދުމަކީ ހަރުދަނާ އިގްތިސާދެއް ގާއިމުކުރުމަށްޓަކައި ކޮންމެހެން ބޭނުންކަމެއް ކަމަށް ވެސް އެނާޖީ މިނިސްޓަރު ވިދާޅުވި އެވެ.

ގައުމީ ފެންވަރުގައި ހަކަތަ ބޭނުންކުރާ މިންވަރު ދަށް ކުރުމުގައި އަމިއްލަ ފަރުދުންގެ ހިއްސާ ވަރަށް ބޮޑު ކަމަށާއި ހަކަތަ ބޭނުންކުރާ މިންވަރު ދަށްކުރުމުގައި ކޮންމެ ފަރުދަކަށް ވެސްކުރެވިދާނެ ކަންތައްތަކެއް އެބަހުރި ކަމަށް މިނިސްޓަރުގެ ޚިތޯބުގައި ވިދާޅުވިއެވެ.

"ގޭތެރޭގައި ބޭނުންކުރުމަށް ގަނެވޭ އާލާތްތަކަކީ ކަރަންޓުގެ ޚަރަދުކުޑަ އާލާތްތަކަކަށް ހެދުމަކީ ވަރަށް ބޭނުންތެރިކަމެއް. އާންމުގޮތެއްގައި ކަރަންޓުގެ ޚަރަދުކުޑަ އާލާތްތައް ނުވަތަ އެނާރޖީ އެފިޝަންޓް އެޕްލައެންސް، އެހެން އާލާތްތަކަށް ވުރެ އަގު ބޮޑުކަމުގައިވީނަމަވެސް މިފަދަ އާލާތްތައް ދިގުމުއްދަތަކަށް ބޭނުން ކުރުމުން ކުރަންޖެހޭ ޖުމްލަ ޚަރަދު ކުޑަވެގެންދާނެ އަދި ތިމާވެއްޓަށް ފައިދާހުރި ގޮތަކީވެސް މިދެންނެވި ޚަރަދުކުޑަ އާލާތްތައް ބޭނުންކުރުން،" ތޯރިގު ވިދާޅުވިއެވެ.

ގޭބިސީތަކާއި އޮފީސްތަކުން ކަރަންޓު ބޭނުންކުރެވޭ ގޮތަށް ބަލާއިރު އެންމެ ގިނައިން ކަރަންޓު ބޭނުންކުރެވެނީ އިމާރާތްތައް ފިނިކުރުމަށް ކަމަށާއި ޖުމްލަގޮތެއްގައި ކަރަންޓު ބޭނުންކުރެވޭ މިންވަރުގެ 60 އާއި 70 އިން ސައްތަ ބޭނުންކުރެވެނީ އިމާރާތްތައް ފިނިކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެހެންކަމުން، ކަރަންޓުގެ ޚަރަދު ކުޑަކުރުމަށް ވިސްނާއިރު އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހޭ އެއްކަމަކީ ފިނިކުރުމަށް ބޭނުންކުރެވޭ ކަރަންޓުގެ މިންވަރު މަދުކުރުން،" މިނިސްޓަރު ވިދާޅުވިއެވެ.

ތޯރިގު ވިދާޅުވީ އިމާރާތެއް ފަރުމާކުރެވޭ ހިސާބުން ފެށިގެންވެސް ފިނިކުރުމަށް ކަރަންޓު ބޭނުންކުރެވޭ މިންވަރު މަދުކުރެވޭނެ ގޮތްތަކާއިމެދު ވިސްނަންޖެހޭ ކަމަށާއި އިރުގެ ހޫނުން އިމާރާތް ހޫނުވާ މިންވަރު ދަށްކުރުމަށާއި، މާހައުލާ ގުޅޭގޮތަށް އިމާރާތްތައް ފަރުމާކުރުމަކީ މުހިންމުކަމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އިމާރާތެއް ބޭނުންކުރާއިރުވެސް ފިނިކުރުމަށް ބޭނުންކުރެވޭ ކަރަންޓުގެ މިންވަރު ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް ހޯދައި ބަލަން އެބަޖެހޭ ކަމަށެވެ. އެގޮތުން ކުރެވިދާނެ އެންމެ މުހިންމުކަމެއް އެއްކަމަކީ ބޭނުންނުކުރާ ވަގުތުތަކުގައި އެއަކޮންޑިޝަންތައްނިއްވާލާފައި ބެހެއްޓުމާއި، މާހައުލާ ނުގުޅޭ މިންވަރަށް ފިނިކުރުމަށް މަސައްކަތް ނުކުރުން ކަމަށް ވިދާޅުވި އެވެ.

"ހަކަތައިގެ އިސްރާފު ކުޑަކުރުމާ ގުޅޭގޮތުން މިއަހަރު ބޭނުންކުރެވޭ ޝިޢާރުކަމުގައިވާ "އިޓްސް ކޫލް އެޓް 25" އަމާޒުކުރެވިފައިވަނީ މިކަމަށް. ދިރާސާތަކުން ދައްކާގޮތުގައި، ދިވެހިރާއްޖޭގައި އިމާރާތްތައް ފިނިކުރުމަށް އެންމެ އެކަށީގެންވާ ފިނިހޫނުމިނަކީ 25 ޑިގްރީ ސެލްސިއަސް. އެހެންކަމުން ފިނިހޫނުމިން މި މިންގަނޑުގައި ބެހެއްޓުމަކީ އަޅުގަނޑުމެނަށް އޭގެ ފައިދާ ސީދާގޮތުންނާއި ނުސީދާގޮތުން ފުރިހަމައަށް ލިބޭނެކަމެއް،" ތޯރިގު ވިދާޅުވި އެވެ.

ދުނިޔޭގެ ފެންވަރުގައި ހަކަތައިގެ ދުވަހެއް ފާހަގަކުރުމުގެ މުހިއްމުކަން ފާހަގަކުރެވި ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހަކީ ދުނިޔޭގެ ހަކަތައިގެ ދުވަހުގެ ގޮތުގައި ކަނޑައެޅިގެންދިއުމާ ގުޅިގެން މިކަމަށް ތަރުހީބުދިނުމުގެ ގޮތުން "ދަ ޑުބާއީ ޑެކްލަރޭޝަން އޮފް އެނާޖީ ފޮރ އޯލް" ގަރާރުގައި 60 ގައުމަކުންނާއި ބައިނަލްއަގުވާމީ ބައެއް ޖަމާއަތްތަކުން ވަނީ ސޮއިކޮށްފަ އެވެ.

މިދުވަސް ފުރަތަމަ ފަހަރަށް ފާހަގަކޮށްފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު ޑުބާއީގައި ބޭއްވުނު ވޯލްޑް އެނާޖީ ފޯރަމްގައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު