އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގައި މިރޭ ދެވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ޓީސީ ސްޕޯޓްސް ކްލަބް އަތުން 3-1 ލަނޑުން މޮޅުވެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، މުބާރާތުގެ ސެމީފައިނަލަށް ދަތުރުކޮށްފި އެވެ.
ސެމީ ފައިނަލްގައި މާޒިޔާ ވާދަކުރާން ޖެހޭނީ، ބުރާސްފަތި ދުވަހުގެ ރޭ އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އަތުން 2-0 ލަނޑުން މޮޅުވެ ސެމީގެ ޖާގައެއް ކަށަވަރުކުރި ކްލަބް ވެލެންސިޔާއާ ދެކޮޅަށެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި މާޒިޔާއަށް ފުރަތަމަ ލަނޑު ޖަހައި ދިނީ، މުޙައްމަދު އާރިފް (ބަކާ) ތަނަވަސްކޮށްދިން ފުރުސަތަކުން މެޗުގެ ހަ ވަނަ މިނިޓްގައި އަސްހަދު އަލީ (އަޑުބަރޭ) އެވެ.
ދެވަނަ ހާފުގެ ދެވަނަ މިނިޓްގައި މާޒިޔާއަށް މެޗުގެ ދެވަނަ ލަނޑު ޖަހައި ދިނީ، އެޓީމަށް ލިބުނު ކޯނަރަކުން ބަކާ އެވެ.
ތަޖުރިބާ މަދުކަމުގައިވީ ނަމަވެސް މުޅި މެޗުގައިވެސް ހިތްވަރުގަދަ ކުޅުމެއް ދެއްކި ޓީސީން މެޗުގައި ކާމިޔާބުކުރި ހަމަ އެކަނި ލަނޑު މެޗުގެ 72 ވަނަ މިނިޓްގައި ޖަހައި ދިނީ އިބްރާހީމް އިސްރާ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ، އެޓީމަށް ލިބުނު ހިލޭ ޖެހުމަކުން ޔާމީން އިބްރާހީމް މާޒިޔާ ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ބޮލުންޖަހައި ގޯލްތެރެއަށް ފޮނުވާލައިގެންނެވެ.
މިދިޔަ އަހަރުގެ އެފްއޭ ކަޕްގެ ރަނަރަޕް ޓީމަށް މެޗުގެ ފަހު ލަނޑު ޖަހައި ސެމީގެ ޖާގައެއް ކަށަވަރުކޮށްދިނީ އަހްމަދު ޒާދު ޓީސީގެ އޭރިޔާތެރެއަށް ފޮނުވާލި ބޯޅައެއް މެޗުގެ ފުރިހަމަ ވަގުތުގެ ފަހު މިނިޓްގައި ގޯލް ތެރެއަށް ފޮނުވާލައިގެން ކެޕްޓަން އަސަދުﷲ އަބްދުﷲ އެވެ.
އެފްއޭ ކަޕްގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ 14 ވަނަ ދުވަހުގެ ރޭ ބައްދަލުކުރާނީ، އެންމެ ފަހުގެ ޗެމްޕިއަން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، ކްލަބު އީގަލްސްއެވެ. ސެމީގެ ދެވަނަ މެޗުގައި މާޒިޔާއާ ވެލެންސިޔާ ކުޅޭ މެޗުން އޮންނާނީ ނޮވެމްބަރު 15 ވަނަ ދުވަހުގެ ރޭ އެވެ.