ރޯދަ މަހު ކިޔަވައިދޭ ގޮތަށް އަންނަ އަހަރުގެ އެކަޑަމިކް ކަލަންޑަރު އާންމުކޮށްފި

ކުރިއަށް އޮތް 1436 ވަނަ އަހަރުގެ ރޯދަ މަހަށް ސްކޫލްތަކުގެ ކިޔެވުން މެދު ނުކެނޑޭ ގޮތަށް ކަނޑައަޅައި ކުރިއަށް އޮތް 2015 ވަނަ އަހަރުގެ އެކަޑެމިކް ކަލަންޑަރު މިއަދު އާންމުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓްގައި އާންމު ކޮށްފައިވާ، 2015 ވަނަ އަހަރުގެ އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން ސްކޫލްތަކުގައި އަންނަ އަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން ފަށާނީ ޖެނުއަރީ 11ވާ އާދީއްތަ ދުވަހު އެވެ. އަދި ޓީޗަރުން ސްކޫލްތަކަށް ނުކުންނަން ފަށަން ޖެހޭ ދުވަހަކީ ޖެނުއަރީ ހައެއްވާ އަންގާރަ ދުވަހެވެ.

އަންނަ އަހަރުގެ ފުރަތަމަ ޓާމްގެ މިޑް-ޓާމް ބްރޭކް ލިބޭނީ މާޗް މަހުގެ 22 އިން 26 އަށެވެ. އަދި މާޗް 29 ވަނަ ދުވަހު ކިޔެވުން އަލުން ފެށުމަށް ފަހު، ފުރަތަމަ ޓާމްގެ ޓެސްޓް ނަގާން ފަށާނީ މޭ މަހުގެ 24 ވަނަ ދުވަހު އެވެ. ޖޫން މަހުގެ ހަތަރު ވަނަ ދުވަހު ފުރަތަމަ ޓާމް ނިންމާލާ ގޮތަށް ހަމަޖެހިފައިވާ އިރު ދެވަނަ ޓާމްގެ ކިޔެވުން ފަށާނީ ޖޫން މަހުގެ 14 ވާ އާދީއްތަ ދުވަހު އެވެ.

އަންނަ އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަސް ދިމާވަނީ، ދެވަނަ ޓާމްގެ ފުރަތަމަ ހަފްތާ އަށެވެ. އެއީ ޖޫން މަހުގެ 17 ވަނަ ދުވަހެވެ.

އަންނަ އަހަރު ގްރޭޑް 10ގައި ކިޔަވާ ދަރިވަރުންނަށް ދެވަނަ ޓާމްގެ އިމްތިހާނު އޮންނާނީ އޯގަސްޓް 23 އިން 27 އަށެވެ. އަދި އަންނަ އަހަރުގެ އެކަޑެމިކް ކަލަންޑަރުގައި ދެވަނަ ޓާމްގެ މިޑްޓާމް ބްރޭކެއް ހިމަނާފައި ނުވާއިރު، އެޓާމުގެ އިމްތިހާނު ފަށާނީ ނޮވެމްބަރު މަހުގެ 15ގަ އެވެ. އަދި އަހަރުގެ ކިޔެވުން ނިމި އަންނަ އަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ ނޮވެމްބަރު މަހުގެ 24ގަ އެވެ.

އަންނަ އަހަރުގެ އެކަޑެމިކް ކަލެންޑަރުގައި ވާގޮތުން ދެ ޓާމް އެއްކޮށް ސްކޫލްތަކުގައި ކިޔަވައިދޭނީ ޖުމުލަ 202 ދުވަހު އެވެ. އެގޮތުން ފުރަތަމަ ޓާމްގައި 98 ދުވަސް ހިމެނޭއިރު ދެވަނަ ޓާމުގައި ހިމެނެނީ 104 ދުވަހެވެ. އަދި ކަލަންޑަރުގައިވާ ގޮތުން އަންނަ އަހަރު ރައްޔިތުން މަޖްލިސް ހުޅުވާ ދުވަސް ފުރަތަމަ ޓާމްގެ ދުވަހަކާ ދިމާވާތީ ސްކޫލްތަކުގައި ކިޔަވައިދޭނީ އެއްދުވަސް މަދުން ކަމަށް ވެއެވެ.

އަންނަ އަހަރު ރޯދަމަހު ސްކޫލްތަކުގައި ކިޔަވައިދޭގޮތަށް އެކަޑެމިކް ކަލަންޑަރުގައި ހަމަޖައްސާފައިވީ ނަމަވެސް މިދިޔަ ރޯދަމަހު، ސަރުކާރުން ވަނީ ރޯދަ މަހުގައި ޕްރީ ސްކޫލުން ފެށިގެން ގްރޭޑް ނުވައަކާ ހަމައަށް ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލައިފަ އެވެ. އަދި އެގޮތަށް ނިންމީ ރޯދަ މަހުގައި ކިޔަވައިދޭ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އެދެވޭ ނަތީޖާއެއް ނުނެރެވޭނެތީ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު