ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ އޮފީހުގައި ހުޅުޖަހައި އަންދާލައިފި

އައްޑޫ ސިޓީގެ ހިތަދޫ ދެކުނު ދާއިރާގައި ހުންނަ އެމްޑީޕީ އޮފީހުގައި އަލިފާންރޯކޮށްލައިފިއެވެ.

'ސަން' އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ އޮފީހުގައި އަލިފާން ރޯވެފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިރޭ 11:40 އެހައިކަންހާއިރު ކަމަށެވެ. އެމްޑީޕީ އޮފީހުގައި ރޯވި އަލިފާންގަނޑު ޖެހިގެން ހުރި "ހައްޓި ހިތްވަރު" ނަމަކަށް ކިޔާ ފިހާރައަށް ވެސް ފެތުރިފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެ ދެ ތަނުގައި ރޯވެފައިވާ އަލިފާން ނިއްވުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު 'ސަން' އަށް ވިދާޅުވީ އެ ހާދިސާގައި އެ އޮފީހުގައި ހުރި ހުރިހާ މުދަލަކާއެކު މުޅި އިމާރާތް އަނދައި ހުލިވެފައިވާ ކަމަށެވެ. އަދި އެ ހާދިސާގެ ސަބަބުން ހަ ލައްކަ ރުފިޔާގެ ގެއްލުންވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެހާދިސާ ހިނގިވަގުތު އެ ސަރަހައްދުގައި އަލިފާން ނިއްވާލެވޭނެ ވަސީލަތެއް ނެތް ކަމަށާއި އައްޑޫ ފަޔާ ސާވިސްގެ ޓީމުން އަލިފާން ކޮންޓްރޯލްކޮށްފައި ވަނީ ހާދިސާ ހިނގިތާ ގަޑިއެއްހާއިރު ފަހުން ކައިރީގައި ހުރި މިސްކިތު ވަޅަށް ޕަންޕު ޖަހައިގެން ކަމަށެވެ.

"މިތަނުގައި އެމްޑީޕީ އޮފީހެއް ނެތް. މުޅިތަން ވަނީ އަނދާ ހުލިވެފައި،" ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ އެ ހާދިސާ ހިނގުމާއެކު "ހައްޓި ހިތްވަރު" ފިހާރައިގައި ހުރި މުދާތައް ބޭރަށް ނެރެފައިވާ ކަމަށެވެ.

އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސް އިން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު