ފީއަލީ އިންޖީނުގެ ހިންގަން ފެނަކައިން ހަވާލުވެއްޖެ

މީގެ ކުރިން އަމިއްލަ ފަރާތަކުން ހިންގަމުން އައި ފ. ފީއަލި އިންޖީނުގެ ހިންގަން ފެނަކައިން މިއަދު ހަވާލުވެއްޖެ އެވެ.

އެކަމަށްޓަކައި މިއަދު ފެނަކަ ކޯޕަރޭޝަންގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް އެވެ. ފީއަލިން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފީއަލި ކައުންސިލްގެ ރައީސް މުހައްމަދު ޖަލީލް އެވެ.

ސޮއިކުރެއްވުމަށް ފަހު މީޑިއާ އަށް މައުލޫމާތު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ނިމާލް ވިދާޅުވީ ފެނަކަ ކޯޕަރޭޝަންގެ ދަށުން ހިންގުމަށް ފީއަލި އިންޖީނުގެ މިހާރު ހަވާލުވެފައިވާ އިރު އެ މަސައްކަތް މިމަހު 12 ހިސާބުގައި ފެށޭ ވަރުވާނެ ކަމަށާއި އޭގެ ސަބަބުން އެ ރަށު ރައްޔިތުންނަށް ހެޔޮ އަގެއްގައި ކަރަންޓުގެ ޚިދުމަތް ލިބިގެންދާނެ ކަމަށެވެ.

"ޔުނިޓަކަށް 2.20 ރުފިޔާގެ ރޭޓުން ރައްޔިތުން އަތުން ޗާޖް ކުރާނީ. އޭގެ ސަބަބުން ފީއަލި ރައްޔިތުންގެ ޖީބަށް ވަރަށް ބޮޑަށް ލުއިވެގެން ދާނެ އަދި ވަރަށް އަވަހަށް މުޅިން އައު އިންޖީނެއް އެ ރަށުގައި އިންސްޓޯލް ކުރާނަން. އެހިސާބުން ފީއަލީގެ މިހާރުގެ ކަރަންޓުގެ ހާލަތު އެއްކޮށް ބަދަލުވެގެން ދާނެ." ނިމާލް ވިދާޅުވި އެވެ.

ފީއަލި ކައުންސިލްގެ ރައީސް ޖަލީލް ވިދާޅުވީ މިއަދު ވި އެއްބަސްވުމަކީ 2008 ވަނަ އަހަރުން ފެށީގެން ފީއަލި ކައުންސިލުން ކުރަމުން އައި މަސައްކަތެއްގެ ނިމުން ކަމަށާއި އޭގެ ސަބަބުން ފީއަލި ރައްޔިތުންނަށް އޭގެ ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ.

ޖުމްލަ 1165 މީހުންގެ އާބާދީއެއް އޮންނަ ފީއަލީގެ ކަރަންޓުގެ އެންމެ މަތީ ކެޕޭސިޓީ އަކީ 100 ކިލޯ ވޯޓެވެ. ފީއައްޔާ އެކު ފެނަކަ އިން ޖުމްލަ 151 ރަށަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު