ރޯދަ މަހުން ފެށިގެން ފީއަލީގައި ކަރަންޓުގެ މައްސަލަ އަންނަނީ ދިމާވަމުން: ކައުންސިލް

މިދިޔަ ރޯދަ މަހުން ފެށިގެން ފ. ފީއަލިން އެކިވަގުތުތަކުގައި ކަރަންޓު ކެނޑުމުގެ މައްސަލަތައް ދިމާވަމުން އަންނަ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.

ފީއަލީ ކައުންސިލްގެ ނައިބު ރައީސަ މަރިޔަމް ހަސަން މިރޭ 'ސަން' އަށް ވިދާޅުވީ މިދިޔަ މަހުން ފެށިގެން އެރަށު ރައްޔިތުން އުޅެމުންދަނީ ކަނުއަނދިރީގައި ކަމަށާއި އެކި ވަގުތު ކަރަންޓު ކެނޑުމުގެ މައްސަލަތައް ދިމާވުމުން ގިނަ ގެތަކުގައި ބޭނުންކުރާ އިލެކްޓޯނިކް ސާމާނުތައް ވެސް ހާލާކުވެފައިވާ ކަމަށެވެ.

"ވަރަށް ބައިވަރު މީހުންގެ ތަކެއްޗަށް ގެއްލުންލިބިފައި ވަނީ. އެކަން ރަނގަޅުކުރުމަށް ކައުންސިލުން ވަރަށް ބޮޑަށް މަސައްކަތް އެބަ ކުރަން. ފެނަކައިން ފުރަތަމަ އެއްބަސްވީ ރޯދައިގެ ކުރިން އިންޖީނުގެއާ ހަވާލުވެދެއްވާނެ ކަމަށް. އެކަމަކު ފަހުން ތާރީޚުތައް ލަސްކުރަމުން ލަސްކުރަމުން މިއަދާ ހަމައަށް ވެސް ފެނަކައިން އިންޖީނުގެއާ ހަވާލެއް ނުވޭ،" މަރިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރެވޭނީ ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ކަމަށް ގަބޫލުކުރެވޭތީ ރައްޔިތުންގެ ވޯޓަކުން އެކުންފުންޏާ އިންޖީނުގެ ހަވާލުކުރުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެކުންފުނީގެ ފަރާތުން އަދިވެސް އިންޖީނުގެއާ ހަވާލުވެފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފެނަކައާ އިންޖީނުގެ ހަވާލުކުރުމަށް ހުރިހާކަމެއް ކުރެވިފައި ވަނީ. ފެނަކައިން ފުރަތަމަ އެއްބަސްވީ ރޯދައިގެކުރިން އިންޖީނުގެއާ ހަވާލުވެދެއްވާނެ ކަމަށް. އެކަމަކު ފަހުން ތާރީޚުތައް ލަސްކުރަމުން ލަސްކުރަމުން މިއަދާ ހަމައަށް ވެސް އިންޖީނުގެއަކާ ހަވާލެއް ނުވޭ،" މަރިޔަމް ވިދާޅުވި އެވެ.

ފެނަކައާ އިންޖީނުގެ ހަވާލުކުރުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެ ނިމިފައިވާ ކަމަށާއި އެގޮތުން މުވައްޒަފުން ހޯދައި އެގްރީމެންޓު ތައްޔާރުކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިކަމާ ބެހޭގޮތުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ނިމާލު ވިދާޅުވީ ފީއަލީ އިންޖީނުގެއާ ހާވާލުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރިއަށްދާ ކަމަށާއި އެ މަސައްކަތް ކުރިއަށްދާ ގޮތުގެ ތަފްސީލުތައް ކައުންސިލްގެ މެމްބަރުންނަށް ކިޔައިދީފައިވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ ވޯޓަކުން އިންޖީނުގެ އެކުންފުންޏާ ހަވާލުކުރަން ނިންމި ކަމުގައި ވިޔަސް އެއީ އެހާ އަވަހަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަން ކުރުމުގެ ކުރިން އެނާޖީ މިނިސްޓްރީ އާއި ފިނޭސް މިނިސްޓްރީއާ މުއާމަލާތް ކުރަންޖެހޭ ކަމަށެވެ.

ފީއަލީ ސްކޫލްގެ ބެލެނިވެރިޔަކު ބުނީ ކަރަންޓުގެ މައްސަލަ ދިމާވާތީ ގްރޭޑް ދިހައެއްގެ ކުދިންނަށް ރޭގަނޑު ބާއްވަންމުން އަންނަ އެކްސްޓްރާ ކްލާސްތައް ވެސް އެކަށީގެންވާ ވަރަށް ބޭއްވޭނެ ގޮތެއް ނެތް ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު