އެޗްޓީއެމްއެލް 5 ގެ ރަސްމީ ލޯގޯ ތަޢާރަފްކޮށްފި

އިންޓަނެޓްގެ ގެ އެންމެ މުހިންމު އެއް ބައިކަމުގައިވާ ވޯލްޑް ވައިޑް ވެބް ނުވަތަ ވެބް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ބިނާކޮށްފައިވާ އާ ޕްލެޓްފޯމް، އެޗްޓީއެމްއެލް ފަހެއްގެ ރަސްމީ ލޯގޯ ތަޢާރަފްކޮށްފިއެވެ.

ވޯލްޑް ވައިޑް ވެބް ކޮންސޯޓިއަމުން ތަޢާރަފްކުރި މި ލޯގޯއާއެކު، ވެބް ގައި ބޭނުންކުރުމަށް އުފައްދާ ފައްކާކުރާ އާ ޓެކްނޮލޮޖީތަކާއި އީޖާދުތައް ބައްޓަންކުރާނޭ ގޮތުގެ މުޅީން އާ ތަސައްވުރެއް ވެސް ވަނީ ޢާންމުކޮށްފަ އެވެ.
އެޗްޓީއެމްއެލް އަކީ ވެބް ސަފްޙާތަށް ލިޔެ ކޯޑްކޮށް، އިންޓަނެޓްގެ ވިއުގައިގެ ތެރޭގައި ހިމެނުމަށް ބޭނުންކުރާ ޚާއްސަ ކޯޑް ލެންގުއޭޖް ފްރޭމްވާކެކެވެ.

އެޗްޓީއެމްއެލް ފަހެއް ތަޢާރަފްކުރެވި، ބޭނުންކުރެވި، އޭގެ ވާހަކަ ދެކެވެމުންދާތާ އަހަރަކަަށްވުރެ ގިނަވެފައިވާއިރު، މިހާރު މި މައުލޫ ވަނީ ވެބް ޑިވެލޮޕަރުންނާއި ވެބް ގެ ވެށި ތަރައްޤީކޮށް ކުރިއެރުވުމުގެ މުގުލުގައި ތިބި ފަރާތަތަކުގެ ތަރުހީބު ލިބިފައިވާ ހޫނު މައުލޫއަކަށްވެފަ އެވެ. އަދި އެޗްޓީއެމްއެލް5، މަޤްބޫލުވެ ވައިގައި ހިފުމުގެ ފަހަތުގައި، ގޫގުލް ފަދަ ކުންފުނިތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ އެތައްހާސް ވެބް ޑިވެލޮޕަރުންގެ މަސައްކަތް ފާހަގަކޮށްލެވެއެވެ.

އަނެއްކޮޅުން އެޑޯބް ފްލޭޝް ފަދަ ޓެކްނޮލޮޖީތަކަށް އެޕަލްގެ ސްޓީވް ޖޮބްސް ފަދަ ބޭފުޅުން ހަޖޫ ޖައްސަވައި މަލާމާތް ކުރައްވާފައިވަނީ ވެސް އެޗްޓީއެމްއެލް ފަހެއްގެ ކުޅަދާނަކަމުގެ ބޭނުން ކުރައްވައިގެންނެވެ.
އަލަށް ތަޢާރަފް ކުރެވުނު ލޯގޯ އަށް ޚާއްސަކޮށްފައިވާ ވެބްސައިޓްގައި އެޗްޓީއެމްއެލް5 ސިފަކޮށްދީފައިވަނީ ވެބް ސަފްޙާތަށް ލިޔުމަށްޓަކައި ދުނިޔޭގެ އެންމެނަށް ހަމަހަމަކަމާއި އެކު ޚިދުމަތްކުރުމުގައި ތެދުވެރިކަމާއި އެކު ދެގޮތެއްވުމެއްނެތި ސާބިތުވެ ހުންނާނެ ޝަހުސެއްގެ ގޮތުގައެވެ. އަދި ވެބް ސަފްޙާތަކުގެ ލޭއައުޓް ހެދުމުގައި އެއްވެސް ވަރަކަށް ޓޭބަލްގެ ބޭނުން ހިފަން ނުޖެހޭނެކަމަށްވެއެވެ.

އޮރެންޖް ކުލައާއި ހުދު އަދި މަޑު އަޅިކުލައެއް ހިމެނޭ މި ލޯގޯ ފަރުމާކޮށްފައިވަނީ އެކި އުފެއްދުންތައް ބްރޭންޑްކުރުމާއި ވެބް ޑިޒައިނިންގެ ފަންނުގައި ޙަރަކާތްތެރިވާ ބޫޓީކް އޭޖެންސީ 'އޮކިއުޕޮޕް' އިންނެވެ.
ލޯގޯއާއި ބެހޭގޮތުން ވާހަކަދައްކަމުން އޮއިއުޕޮޕް ގެ ޑިޒައިނާ މައިކަލް ނެލިން ބުނީ، އެޗްޓީއެމްއެލް ފަހެއް އެއީ ވެބްގެ އައު މިންގަނޑެއް ކަމަށާއި ލޯގޯ ފަރުމާކުރެވިފައިވާނީ ވެސް އެޗްޓީއެމްއެލް ފަހަކަށް އެ ޙައިސިއްޔަތު ލިއްބައިދޭ ގޮތަށް ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު