ފްރާންސްގެ ކޯޗުގެ މަގާމަށް ޒިދާން ޝައުގުވެރިވެއްޖެ

ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމަށް ޝައުގުވެރިވާ ކަމަށް ރެއާލް މެޑްރިޑްގެ ރިޒާވް ޓީމަށް ކޯޗުކޮށްދެމުން އަންނަ، ފްރާންސްގެ ކުރީގެ ކެޕްޓަން ޒައިނުއްދީން ޒިދާން (ޒިޒޫ) އެއްބަސްވެއްޖެ އެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައިވާ ޒިދާން ވަނީ، ކާލޯ އެންޗެލޮޓީގެ އެސިސްޓެންޓެއްގެ ގޮތުގައި ރެއާލް މެޑްރިޑާއެކު މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގާއި، ކޮޕާ ޑެލް ރޭ ކާމިޔާބުކޮށްފައެވެ.

"އަހަރެން މިކަމުގައި ކުރިއަށް ދާން ބޭނުން. މިހާރު އަހަރެންނަކީ ކޯޗެއް ކަމަށް އަހަރެން ގަބޫލު ކުރާއިރު، 'ކީއްވެ ގައުމީ ޓީމުގެ ކޯޗަކަށް ނުވެވެންވީ؟'،" ޑެއިލީ ލަ ޕްރޮވެންސް ނޫހަށް ޒިދާން މިއަދު ބުންޏެވެ.

"އަހަރެން ފްރާންސްގެ ގައުމީ ޓީމު ދެކެ ލޯބިވޭ. އަހަރެން އެޓީމުގެ ޖާޒީ ލިން. އޭގެ މާނައަކީ އަހަރެންނަކީ ކޯޗެކޭ ބުނެވިދާނެއެކޭ ނޫން، އެކަމަކު އަހަރެން ފެންސްގެ އަނެއް ފަރާތަށް އައިފަހުން އަހަންނަށް ކޯޗަކަށް ވުމުގެ ފުރުސަތު އޮތީ ހުޅުވިފައި."

ޒިޒޫ ބުނީ، މިހާރު އޭނާގެ މަސައްކަތަކީ ރެއާލްގެ ޒުވާން ކުޅުންތެރިންނަށް ކޯޗުކަން ކޮށްދިނުން ކަމަށާއި، އެގޮތުން ރަނގަޅު ރަނގަޅު ކޯޗަކަށް ވުމަށްޓަލައި ކުރަންޖެހޭ ކަންކަން "ފަހަރަކު ކަމެއް" ކުރަމުން އަންނަ ކަމަށެވެ.

މީގެ ކުރިން ދުނިޔޭގެ ފުޓްބޯޅަ މުބާރާތުގެ ތައްޓާއި، ޔޫރަޕްގެ އެންމެ ޝަރަފްވެރި މުބާރާތްކަމަށްވާ ޔޫރޯވެސް ކާމިޔާބުކޮށްފައިވާ ހުނަރުވެރި ފޯވާޑް ފުޓުބޯޅަ ކުޅުން ހުއްޓައިލީ، 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލްގައި އިޓަލީ އަތުން ބަލިވި މެޗަށް ފަހު އެވެ.

ޒިދާން ވަނީ، ފްރާންސްގެ މިހާރުގެ ކޯޗު ޑިޑިއާ ޑެޝެމްޕްސްއަށް ވެސް ވަރަށް ބޮޑަށް ތައުރީފުކޮށް ވާހަކަދައްކައިފައެވެ.

"ކުޅުންތެރިއެއްގެ ގޮތުގައި ވެސް އެއީ ލީޑަރެއް. އަދި ކޯޗެއްގެ ގޮތުގައި ވެސް އޭނާ ބަދަލެއް ނުވޭ. އޭނާ ވަނީ ފްރާންސް ޓީމުގައި ރަނގަޅު ސްކޮޑެއް އެކުލަވާލާފައި. އޭނާ އެދަނީ ރަނގަޅު ކާމިޔާބުތަކެއް ހާސިލް ކުރަމުން،" ޒިދާން ބުންޏެވެ.

ހެޑް ކޯޗެއްގެ ގޮތުގައި ޒިޒޫގެ އެންމެ ފުރަތަމަ ކާމިޔާބަކަށްވީ، މިދިޔަ އާދީއްތަ ދުވަހު އޭނާ ރެއާލް މެޑްރިޑް ކަސްޓިއްޔާ 3-1 ލަނޑުން ޓްރައިވަލް ވަލްޑޭރާސް މައްޗަށް ހޯދި ކާމިޔާބެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު