ގަމުގެ ދެ ސަރަހައްދެއް ގުޅާލައިގެން އެއްކޮށް ކަރަންޓުގެ ހިދުމަތްދޭން ފަށައިފި

ލ. ގަމުގެ ތުނޑި އަވަށާއި އަލަށް އާބާދުވާ ސަރަހައްދު ގުޅާލައިގެން އެ ދެ ސަރަހައްދަށް އެއް ސްޓޭޝަނެއް މެދުވެރިކޮށް ކަރަންޓުގެ ޚިދުމަތްދޭން ފަށައިފި އެވެ.

މިދިޔަ އާދީއްތަ ދުވަހު ގަމުގެ ތުނޑި އަވަށާއި އަލަށް އާބާދުވާ ސަރަހައްދު ގުޅާލައިގެން ކަރަންޓު ދިނުމުގެ ހިދުމަތް ފައްޓަވައި ދެއްވީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ގަމު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔޫސުފް އަބްދުލް ގަފޫރު އެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް މިއަދު "ސަން" އަށް ވިދާޅުވީ ތުނޑި އަވަށާއި އަލަށް އާބާދުވާ ސަރަހައްދު ގުޅާލައިގެން ކަރަންޓުގެ ޚިދުމަތްދޭން ފަށާފައި ވަނީ އެ ދެ އަވަށަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް ކަމަށާއި މިހާރު ހިދުމަތަށް ގެނައި ބަދަލުގެ ސަބަބުން އެކަން ހައްލުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ލ. ގަމުގެ ތުނޑި އަވަށާއި އަލަށް އާބާދުވާ ސަރަހައްދު ގުޅާލައިގެން އެ ދެ ސަރަހައްދަށް އެއް ސްޓޭޝަނެއް މެދުވެރިކޮށް ކަރަންޓުގެ ޚިދުމަތްދޭން ފެށުން-

"ކުރިން ކޮންމެވެސް ވަރަކަށް އަޅުގަނޑުމެންނަށް ޝަކުވާ ލިބެމުން ދިޔަ އެ ދެ ސަރަހައްދުން ކަރަންޓްގެ މައްސަލައަށް. މިހާރު އެ ދެ ސަރަހައްދަށް އެއް ސްޓޭޝަނަކުން މިވަނީ ކަރަންޓު ދޫކޮށްފައި. އެއީ ކުރިން ހުރި ޖަނަރޭޓަރަށް ވުރެ ވެސް ބޮޑު ޖަނަރޭޓަރެއް މެދުވެރިކޮށް. އެހެންވީމާ އަޅުގަނޑުމެންނަށް ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތް އެ ސަރަހައްދުގެ ކަރަންޓުގެ މައްސަލަ މިކަމުން ހައްލުވާނެ ކަމަށް،" ނިމާލް ވިދާޅުވި އެވެ.

ނިމާލް ވިދާޅުވި އެ ދެ ސަރަހައްދުގެ ކޭބަލް ނެޓްވޯކް ގުޅާކުމަށް ފަހު ކަރަންޓް ދިނުމަށް މިހާރު ގާއިމްކޮށްފައިވާ ސްޓޭޝަންގައި 800 ކިލޯ ވޯޓުގެ ޖަނަރޭޓަރެއް ހުންނާނެ ކަމަށެވެ. އަދި އެ ޖަނަރޭޓަރު މެދުވެރިކޮށް އެ ދެ ސަރަހައްދަށް ބޭނުންވާ ކެޕޭސިޓީގެ ކަރަންޓު ފުރިހަމައަށް ފޯރުކޮށްދެވޭނެ ކަމަށާއި ޖަނަރޭޓަރަށް މައްސަލައެއް ދިމާވެއްޖެ ނަމަ "ބެކްއަޕް"ގެ ގޮތުގައި ބޭނުންކުރާނެ ސިސްޓަމެއް ވެސް މިހާރު ތުނޑީ އަވަށުގައި ގާއިމްކޮށްފައިވާނެ ކަމަށެވެ.

ފެނަކައިން ކުރިއަށް ގެންދާ "24 ގަޑިއިރުގެ ކަރަންޓް ޔަގީންކޮށް ދިނުމުގެ މަޝްރޫއު"ގެ ދަށުން ރާއްޖެ އަށް ގެންނަށް ނިންމާފައިވާ 77 ޖަނަރޭޓަރު މިހާރު ހުރީ މާލޭ ކަސްޓަމްސް ބަނދަރުގައި ކަމަށް ނިމާލް ވިދާޅުވި އެވެ. އަދި "ވަރަށް އަވަހަށް" އެތަކެތި އަތޮޅުތަކަށް ފޮނުވަން ފަށާނެ ކަމަށް ވެސް ނިމާލް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު