ހުކުމްތަކަށް ފަހު ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ނުލިބި އެބަހުރި: ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމްތަކާ ގުޅިގެން ދައުލަތަށް ލިބެން ޖެހޭ ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިނުވާ ކަމަށް އެ ކޯޓުން ބުނެފި އެވެ.

ކްރިމިނަލް ކޯޓުގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައި ވަނީ 1991 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް އެ ކޯޓުން ކޮށްފައިވާ އެކިއެކި ހުކުމްތަކާ ގުޅިގެން ދައުލަތަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން 5،149،649 ރުފިޔާ ލިބިފައިނުވާ ކަމަށް ފާހަގަ ކުރެވޭ ކަމަށެވެ.

ކޮންމެ އަހަރަކު ނެރޭ އޮޑިޓް ރިޕޯޓުގައި އެ ފައިސާ ހޯދުމަށް ކޯޓުން މަސައްކަތް ނުކުރާ ކަމަށް ބުނެފައިވާ ކަމަށާއި ނަމަވެސް އެއީ އެ ކޯޓުގެ ގާނޫނީ ޒިންމާގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށް އެ ރިޕޯޓުގައިވެ އެވެ. އަދި އެއީ ދައުލަތުގެ ކަމާ ބެހޭ އެހެން އިދާރާތަކުން ކުރަންޖެހޭ ކަމެއް ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.

ޖިނާއީ ބައެއް ކުށްތަކުގައި ޖަލަށް ލުމާއި އަރުވާލުމުގެ ބަދަލުގައި ޖޫރިމަނާގެ އަދަބުތައް ދިނުމަށް ގާނޫނުތަކުގައި ކަނޑައެޅިފައިވެ އެވެ. ހަމައެހެންމެ ޖަލުގެ އަދަބާ އެކު ވެސް ބައެއް މައްސަލަތަކުގައި ޖޫރިމަނާ ކުރަން ޖެހޭ ކަމަށް ބައެއް ގާނޫނުތަކުގައި ވަނީ ކަނޑައަޅާފަ އެވެ.

ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމާއި ދަތިކުރުމާއި ފުލުހަކަށް ހަމަލާދިނުމާއި މިއިން ކަމެއް ކުރަން އުޅުމުގެ ކުށް ސާބިތުވި މީހަކަށް ޖަލުގެ ހުކުމުގެ ބަދަލުގައި ޖޫރިމަނާގެ ހުކުމެއް އިއްވިދާނެ ކަމަށް ފުލުހުންގެ ގާނޫނުގައި ބުނެފައިވެ އެވެ. އަދި ޖަލު ހުކުމާއި ޖޫރިމަނާގެ އަދަބު އެއްފަހަރާ ދެވިދާނެ ކަމަށް ވެސް އެ ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.

މަސްތުވާތަކެތި ޓްރެފިކްކުރާ މީހެއްގެ އަދަބެއްގެ ގޮތުގައި އެއްލައްކަ ރުފިޔާ އިން ފެށިގެން ގޮސް އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެ ކަމަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫގައި ބަޔާންކޮށްފައިވެ އެވެ.

އެ ގާނޫނުގައި މަސްތުވާތަކެތީގެ އެހެނިހެން ކުށްތަކަށް ވެސް ޖަލުގެ ހުކުމާ އެކު ޖޫރިމަނާގެ އަދަބު ކަނޑައެޅިފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު