"ހައްދު ނުޖެހި 37 މައްސަލައެއް އޮތްކަން ފާހަގަ ކުރަން"

ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުގެ އެއްބާރުލުން ނުލިބިގެން ބައެއް މީހުންގެ ގައިގައި ހައްދު ޖެހިފައިނުވާ ކަމަށް ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ކްރިމިނަލް ކޯޓުގެ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެ ކޯޓުގެ އިސް ގާޒީ ވިދާޅުވީ 37 މީހެއްގެ ގައިގައި ހައްދު ޖެހުމަށް ކޮށްފައިވާ ހުކުމްތައް ތަންފީޒު ނުކުރެވި އެބައޮތް ކަމަށެވެ.

"މިއަދު ތަންފީޒު ނުކުރެވި ހައްދު ނުޖެހި އޮތް 37 މައްސަލައެއް އޮތްކަން ފާހަގަ ކުރަން. މި 37 މައްސަލަ ތަންފީޒު ކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ހުރަހަކީ ކަމާ ބެހޭ އިދާރާތަކުން ކޯޓަށް ލިބެން ޖެހޭ އެއްބާރުލުމާއި އެހީތެރިކަން ކޯޓަށް ލިބެމުން ނުދިޔުން،" އަބްދުﷲ ގާޒީ ވިދާޅުވި އެވެ.

އަބްދުﷲ ގާޒީ ވިދާޅުވީ ކަމާ ބެހޭ ފަރާތްތަކުގެ އެއްބާރުލުން ލިބިފައި ނުވާތީ ބައެއް މީހުންގެ ގައިގައި ހައްދު ނުޖެހި އޮތްކަމުގައި ވިޔަސް ހައްދުޖެހުމަށް އެ ކޯޓުންކޮށްފައިވާ ގިނަ ހުކުމްތައް ތަންފީޒުކޮށްފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓަށް ހުށަހެޅޭ ބައެއް މައްސަލަތައް ސާބިތުނުވުމުގައި ވަރަށް ގިނަ ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށާއި އޭގެ ތެރޭގައި ތަހުގީގު ފުރިހަމަވެފައި ނުވުމާއި ގާނޫނު އަސާސީ އާއި ގާނޫނުން ލިބިދީފައިވާ ކަންކަމަށް ތަހުގީގު ކުރާ ފަރާތުން ދޭން ޖެހޭ ސަމާލުކަން ދެވިފައި ނެތުން ފާހަގަކުރެވޭ ކަމަށް އަބްދުﷲ ގާޒީ ވިދާޅުވި އެވެ.

އަބްދުﷲ ގާޒީ ވިދާޅުވީ ދައުވާ ކުރާ ފަރާތަށް އެކަށީގެންވާ ގޮތެއްގައި ވަކާލާތު ނުކުރެވުމާއި ދައުވާ ކުރާއިރު އެކަށީގެންވާ ގޮތެއްގައި ދައުލަތުން މައްސަލަ ދިރާސާކޮށްފައި ނުވާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ހެކީންނާއި ދައުލަތުގެ ވަކީލުންނަށް އެމީހުންގެ ދައުރު އެކަށީގެންވާ ގޮތެއްގައި އަދާކުރެވޭނެ ފަދަ މާހައުލެއް ކޯޓުގައި ގާއިމްކުރެވިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުށުގެ ރެކޯޑު ސާފުކުރުމުގެ މަސައްކަތް އެކޯޓާ ހަވާލުވި ހިސާބުން ފެށިގެން އަވަސް މިނެއްގައި އެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖައްސާފައިވާނެ ކަމަށާއި އެގޮތުން ކުށުގެ ރެކޯޑު ސާފުކުރުމަށް މީގެކުރިން ދެ މަސް ދުވަސް ނެގި ކަމުގައި ވިޔަސް މިހާރު 15 ސިކުންތުން ކުށުގެ ރެކޯޑު ސާފުކުރެވޭ ވަރަށް އެކޯޓުން އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށް އަބްދުﷲ ގާޒީ ވިދާޅުވި އެވެ. އަދި މިދިޔަ އަހަރުގެ ނިޔަލަށް 24255 މީހެއްގެ ކުށުގެ ރެކޯޑު ސާފުކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރެކޯޑު ސާފުކުރުމުގައި ކޯޓަށް ދިމާވެފައިވާ ކަންތައް ނިމުމަކަށް ގެނެސް ފަސޭހަކަމާ އެކު އެކަން ކުރެވޭނެ އިންތިޒާމް މިހާރު ވަނީ ކޯޓުގައި ހަމަޖައްސައިދީފައި. މަސައްކަތުގެ ސްޕީޑު ވަނީ އެތައް ގުނައެއް އަވަސް ކުރެވިފައި. ކުށުގެ ރެކޯޑު ސާފުކުރަން މަސް ދެ މަސް ނެގި ނިޒާމް މިހާރު ވަނީ މާޒީގެ ތެރެއަށް ގޮސްފައި. ކޮންމެ 15 ސިކުންތަކުން މީހެއްގެ ކުށުގެ ރެކޯޑު ސާފުކުރެވޭ މިންވަރަށް ކުށުގެ ރެކޯޑު ސާފުކޮށްދިނުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންދެވިފައި. އެއީ މީގެ ތިން އަހަރު ކުރިން ކޯޓުން ކަނޑައަޅާފައިވާ އަމާޒު. އެ އަމާޒަށް މިހާރު މިވަނީ ވާސިލްވެވިފައި،" އަބްދުﷲ ގާޒީ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު