މިދިޔަ އަހަރު ކްރިމިނަލް ކޯޓުން އެންމެ ގިނަ މައްސަލަތައް ނިންމެވީ ގާޒީ ސަމީރު

މިދިޔަ އަހަރު ކްރިމިނަލް ކޯޓުން އެންމެ ގިނަ މައްސަލަ ނިންމެވި ގާޒީ އަކަށް ގާޒީ އަހްމަދު ސަމީރު އަބްދުލްއަޒީޒު ހޮވިވަޑައިގެންފި އެވެ.

ކްރިމިނަލް ކޯޓުގެ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ހަފްލާގައި ގާޒީ ސަމީރަށް ވަނީ އެކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުން ހަނދާނީ ލިޔުމެއްދެއްވާފަ އެވެ. އެ ހަނދާނީ ލިޔުން އޭނައާ ހަވާލުކޮށްދެއްވީ އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު ޖުވެނައިލް ކޯޓުގެ ގާޒީ މުހައްމަދު ނައީމެވެ.

އެ ކޯޓަށް ހުށަހެޅިފައިވާ ޖިނާއީ ދައުވާތަކުގެ ތެރެއިން 728 މައްސަލައެއް ގާޒީ ސަމީރު ވަނީ ނިންމަވާފަ އެވެ.
ކުށެއްގެ ތުހުމަތުގައިވާ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމުގެ މައްސަލަތައް މިދިޔަ އަހަރު އެންމެ ގިނައިން ނިންމެވި ގާޒީ އަކަށް ހޮވިފައި ވަނީ ގާޒީ ސައީދު އިބްރާހީމެވެ.
ގާޒީ ސައީދު އިބްރާހީމަށް ހަނދާނީ ލިޔުންދެއްވަނީ ---- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

އޭނާ ވަނީ 2567 މީހެއްގެ ބަންދާ މެދު ގޮތެއް ނިންމުމުގެ މައްސަލަ ނިންމަވާފަ އެވެ. ބަންދާ މެދު ގޮތެއް ނިންމުމުގެ މައްސަކަތައް ދެވަނައަށް އެންމެ ގިނައިން ނިންމަވާފައި ވަނީ ގާޒީ ސަމީރެވެ. އޭނާ ވަނީ 2429 މީހެއްގެ ބަންދާ މެދު ގޮތެއް ނިންމުމުގެ މައްސަލަ މިދިޔަ އަހަރު ނިންމަވާފަ އެވެ.

މިދިޔަ އަހަރު ހާޒިރީ އަށް އެންމެ ރަނގަޅު ގާޒީ އަކަށާއި އެންމެ އުފެއްދުންތެރި މަސައްކަތް ކޮށްދެއްވާފައިވާ ގާޒީ އަކަށް ވެސް ހޮވިވަޑައިގެންފައި ވަނީ ގާޒީ ސަމީރެވެ.

ކޯޓުގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް މިދިޔަ އަހަރު ކުރިމަތިވި ގޮންޖެހުންތަކާ ކުރިމަތިލައްވައި އިޚްލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވާފައި ވާތީ ގާޒީ އަބްދުﷲ ދީދީ އަށް ވެސް ރޭ ވަނީ ހަނދާނީ ލިޔުންދެއްވާފަ އެވެ.
ގާޒީ އަބްދުﷲ ދީދީއަށް ސެޓްފިކެޓު ހަވާލުކޮށްދެއްވަނީ ---- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ޝަރުއީ ދާއިރާއަށް އިޚުލާސްތެރިކަމާ އެކު 20 އަހަރު ޚިދުމަތް ކޮށްދެއްވާފައިވާތީ އެކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެ ކޯޓުގެ ދެ ގާޒީއަކަށް ރޭ ވަނީ ޓްރޮފީއާއި ހަނދާނީ ލިޔުން ދެއްވާފަ އެވެ. އެއީ ގާޒީ މުހުތާޒު ފަހުމީއާއި އަބްދުﷲ ދީދީ އެވެ. އަދި އޭގެއިތުރުން ޝަރުއީ ދާއިރާއަށް 20 އަހަރު ދުވަހު ޚިދުމަތްކޮށްދެއްވި އެ ކޯޓުގެ މުވައްޒަފުންނަށް ވެސް ރޭ ވަނީ ސެޓްފިކެޓުދީފަ އެވެ.

އިސް ގާޒީ އަބްދުﷲ މުހައްމަދު ހިމެނިވަޑައިގަންނަވާ ގޮތަށް އަށް ގާޒީ އަކު މިދިޔަ އަހަރު ކްރިމިނަލް ކޯޓުގައި މަސައްކަތް ކުރައްވާފައިވެ އެވެ. އެބޭފުޅުންގެ ތެރޭގައި މިހާރުގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިނާއި ގާޒީ މުހުތާޒު ފަހުމީ އާއި ގާޒީ އަހްމަދު ސަމީރު އަބްދުލް އަޒީޒާއި ގާޒީ އަބްދުﷲ ދީދީ އާއި ގާޒީ ސައީދު އިބްރާހީމެވެ. އަދި މިދިޔަ އަހަރު ނިމެން ކައިރިވެފައި ވަނިކޮށް ގއ. އަތޮޅު ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްޓުގެ ގޮތުގައި ހުންނެވި ސުޖާއު އުސްމާނާއި ނ. އަތޮޅު ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްޓުގެ ގޮތުގައި ހުންނެވި އަބްދުﷲ ނަޝީދު ވަނީ އެ ކޯޓުގެ ފަނޑިޔާރު ކަމަށް ބަދަލު ކުރައްވާފަ އެވެ.
ރޭގެ ހަފްލާގައި ކްރިމިނަލް ކޯޓުގެ ބައެއް ގާޒީން ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިންއާ އެކު ---- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަބްދުﷲ ގާޒީ ވިދާޅުވީ ސުޖާއު އާއި ނަޝީދު އެ ކޯޓުގެ ގާޒީ ކަމާ ހަވާލުވަޑައިގަތް އިރު އެބޭފުޅުން މަސައްކަތް ކުރައްވާނެ މާހައުލެއް ގާއިމްވެފައިނުވާ ކަމަށެވެ. އަދި އެ ކޯޓުގައި ގާޒީން ތިއްބެވި އަދަދަށް ބަލާ އިރު ޝަރީއަތް ކުރާ ކޮޓަރިތައް މަދުކަން އިސްގާޒީ ފާހަގަ ކުރެއްވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު