ފަތުހު ޖަމާއަތުގެ ވެރިޔާގެ ބަންދަށް 15 ދުވަސް ޖަހައިދީފި

އިސްލާމިކް މިނިސްޓްރީން ދޫކޮށްފައިވާ ކޯޓާއަށް ވުރެ އިތުރަށް މީހުން ހައްޖަށް ގެންދިއުމަށް ފައިސާ ނެގި މައްސަލައާ ގުޅިގެން ހައްޔަރު ކުރި އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ޖަމާޢަތުގެ މެނޭޖިންގް ޑިރެކްޓަރު މ. އެކްސަލް، މުސްޠަފާ މުޙައްމަދު،68، ގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިދީފި އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ މުސްތަފާގެ ބަންދުގެ މުއްދަތު 15 ދުވަހަށް ޖަހައިދީފައި ވަނީ މިއަދު ކަމަށެވެ.

މި މައްސަލައާ ގުޅިގެން މުސްތަފާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެއާއި އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ޖަމާޢަތުގެ އޮފީސް ބަލައި ފާސްކުރުމަށް ފަހު އިއްޔެ އިރުއޮއްސި 6:00 އެހާކަންހާއިރު ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި މި އަހަރު ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ، އެ ޖަމާއަތަށް އިސްލާމިކް މިނިސްޓްރީން ދޫކޮށްފައިވާ ކޯޓާއަށް ވުރެ އިތުރަށް ގިނަ ބަޔަކު ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ އެމީހުންގެ އަތުން ފައިސާ ނަގާފައިވާކަން އެނގިފައިވާ ކަމަށެވެ.

އަލްފަތުޙު ހައްޖު އެންޑް ޢުމްރާ ޖަމާޢަތުން މި އަހަރު ހައްޖަށް ދިއުމަށް ފައިސާ ދީފައިވާ ފަރާތްތަކުން، އެ މައުލޫމާތު ވީ އެންމެ އަވަހަކަށް ފުލުހުންނާ ހިއްސާ ކުރެއްވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ހައްޖަށް ދިޔުމަށްޓަކައި ފަތުހު ޖަމާއަތަށް ފައިސާ ދެއްކި ފަރާތްތަކުން މޯލްޑިވްސް ޕޮލިސް ސާވިސްގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ނަމްބަރު 9790048 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފަ އެވެ.
އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ އިސްލާމިކް މިނިސްޓްރީންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު