ހައްޖު ކޯޓާ ބޭނުންކުރި ގޮތުގައި ކޮރަޕްޝަނެއް ނެތް: ލުތުފީ

ހައްޖަށް މީހުން ގެންދިޔުމަށް ސަރުކާރަށް ލިބިފައިވާ ކޯޓާ ބޭނުންކުރި ގޮތުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައިނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ހަސަން ލުތުފީ ވިދާޅުވެއްޖެ އެވެ.

'ސަން'އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ލުތުފީ ވިދާޅުވީ ހައްޖަށް މީހުން ގެންދިޔުމަށް ސަރުކާރަށް ލިބިފައިވާ ޖާގައިގެ ތެރެއިން 50 ޖާގަ ބޭނުންކުރީ 2012 ވަނަ އަހަރު މަލީޝާ ހައްޖު އެންޑް އުމްރާ ސާވިސްއަށް ފައިސާ ދައްކައި ހައްޖަށް ނުދެވި ތިބި މީހުން ހައްޖަށް ގެންދިޔުމަށް ކަމަށެވެ. ނަމަވެސް އެއީ ކޮރަޕްޝަންގެ އަމަލެއް ނޫން ކަމަށާއި އެގޮތަށް ހަމަޖެއްސުމުގެ އިޚްތިޔާރު އިސްލާމިކް މިނިސްޓްރީއަށް ލިބިގެންވާ ކަމަށް ލުތުފީ ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ނުފެނޭ އެއީ ކޮރަޕްޝަން އެކުލެވޭ ކަމެއް ކަމަށް. ސަރުކާރަށް ލިބޭ ކޯޓާގެ ތެރެއިން 50 ޖާގަ މިފަހަރު ބޭނުންކުރީ މަލީޝާ ޖަމާއަތަށް ފައިސާ ދައްކާފައި ހައްޖަށް ނުދެވި ތިބި ބައެއް މީހުން ހައްޖަށް ގެންދިޔުމަށް. އެގޮތަށް ރިޒާވް ކުރި ކުރުމެއް. މިނިސްޓްރީއަށް އޮންނާނެ އެ އިޚްތިޔާރު،" ލުތުފީ ވިދާޅުވި އެވެ.

މަލީޝާގެ ސަބަބުން ހައްޖަށް ނުދެވި ތިބި 50 މީހަކަށް ހައްޖަށް ދިޔުމުގެ ފުރުސަތު ދިނުމާ ގުޅިގެން އެއީ ކޮރަޕްޝަންގެ އަމަލެއް ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް އެންޓިކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅީ އަމިއްލަ ފަރާތަކުންނެވެ.

މަލީޝާގެ އޮޅުވާލުމުގައި ޖެހި ހައްޖަށް ނުދެވި ތިބި މީހުންނަށް އެފުރުސަތު ފަހިކޮށްދެއްވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު