ގެމަނަފުށީ ގެއަކުން ގިނައަދަދެއްގެ ފައިސާތަކެއް ވަގަށްނެގި ބަޔަކު ޖަލަށް

ގއ. ގެމަނަފުށީ ގެއަކުން ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށްނެގި ބަޔަކު ޖަލަށްލުމަށް އެރަށު ކޯޓުން ހުކުމް ކޮށްފި އެވެ.

ޖަމާއަތް ހަދައިގެން މިދިޔަ މާޗް މަހުގެ 30 ވަނަ ދުވަހުގެ ރޭ ދަންވަރު 12:15 އެހައިކަންހާއިރު ގެމަނަފުށީ އިރުފުހޭ ގެއިން ވައްކަން ކުރުމުގެ ކުށް ސާބިތުވުމާ ގުޅިގެން ގއ. ގެމަނަފުށީ ނޫރުއްސަބާހު ނިޔާމް މުހައްމަދު،26، ހަ އަހަރާއި އެއް މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ވަނީ ހުކުމް ކޮށްފަ އެވެ. އަދި އޭނައާ އެކު އެގެއަށް ވަދެ އެ ވައްކަމުގައި އަމަލީގޮތުން ބައިވެރިވި ދެ ކުއްޖަކު ދެ އަހަރަށް ޖަލަށްލުމަށް ވެސް ވަނީ ހުކުމް ކޮށްފަ އެވެ.

މިދިޔަ ހޯމަ ދުވަހު ގެމަނަފުށީ ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ އިރުފުހޭގޭގެ ކޮޓަރިއެއްގެ ތެރޭގައި ހުރި ލަކުޑި ފޮށީގައިހުރި 19000 ރުފިޔާއާއެކު ނިޔާމުއާ ދެ ކުޑަކުދިން އެ ފޮށި ވަގަށް ނަގާފައިވާކަން އެ މައްސަލައާ ގުޅިގެން ތަހުގީގަށް ލިބިފައި ހުރި ހެއްކާ ގަރީނާތަކުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

މިއީ ނިޔާމުގެ މައްޗަށް ވައްކަމުގެ ކުށެއް ސާބިތުވި ދެ ވަނަ ފަހަރު ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.

ގެމަނަފުށީގައި ފުލުހަކަށް ހަމަލާދީ އެ ފުލުސް މީހާގެ އާއިލާގެ ދެ މީހަކަށް ވަޅިން ހަމަލާދިންކަން ތަހުގީގަށް ކަށަވަރުވުމުން ނިޔާމުއާއި އޭނާގެ ކޮށްކޮ އަހްމަދު ނާދީ ސަލީމްގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުން ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގައި ދައުވާ އުފުލުމަށްޓަކައި ގެމަނަފުށީ ކޯޓަށް އެ މައްސަލަ ފޮނުވުމަށް ޕޯސްޓު އޮފީހާއި ލިޔުންތައް ހަވާލުކޮށްފައި ވަނިކޮށް، އެ މައްސަލައިގައި ހިމެނޭ ލިޔެކިޔުންތައް ގެއްލިފައިވާ ކަމަށް އެ އޮފީހުން ބުނެފައިވާ ކަމަށެވެ. އޭގެފަހުން އެ މައްސަލަ ވަނީ ހުއްޓިފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު