އޭޝިއަން ގޭމްސްގައި ވާދަކުރާ ފުޓުބޯޅަ ޓީމް ފުރައިފި

ދެކުނު ކޮރެއާގެ އިންޗިއޮން ސިޓީގައި މިމަހު ބާއްވާ އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ 23 އަހަރުން ދަށުގެ އަންހެން ފުޓުބޯޅަ ޓީމާއި ފިރިހެން ފުޓުބޯޅަ ޓީމް ދެކުނު ކޮރެއާއަށް މިއަދު ފުރައިފި އެވެ.

މިއަދު މެންދުރު ކޮރެއާއަށް ފުރި، 23 އަހަރުން ދަށުގެ ގައުމީ އަންހެން ފުޓުބޯޅަ ޓީމާއި ފިރިހެން ފުޓުބޯޅަ ޓީމާ އެކު ޑޮކްޓަރުންގެ ޓީމްގައި ހިމެނޭ ދެ ޑޮކްޓަރަކު ވެސް ވަނީ ފުރާފައެވެ. އެއީ ޑރ. އަހްމަދު ޝަކީބާއި ރާފިއު (ރާއްޕެ) އެވެ.

ޖުމްލަ 208 ކުޅުންތެރިން ހިމެނޭ ދެ ޓީމް ފުރުމަށް ތައްޔާރުވަމުން ދިޔަވަގުތު ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު އާއި އެފްއޭއެމްގެ ނައިބު ރައީސް އަބްދުލް މުހުސިން ހަމީދު ވަނީ ކުޅުންތެރިންނާ ބައްދަލު ކުރައްވާފައެވެ.

އެ ބައްދަލުކުރެއްވުމުގައި މިނިސްޓަރު މަލީހު ވަނީ އޮލިމްޕިކް ގޭމްސްގައި ރާއްޖޭގެ ކޮންޓިންޖެންޑު ލީޑު ކުރާނެ ފްލެގް ބެރާ ކަމުގައި ހަމަޖައްސާފައިވާ މިދިޔަ އަހަރުގެ ވޮލީ ބޯޅައިގެ ވޮލީ ބޯލް އޮފްދަ އިޔާ އިސްމާއީލް ސާޖިދުއާ ރާއްޖޭގެ ގައުމީ ދިދަ ހަވާލުކުރައްވާފަ އެވެ.

އެ ރަސްމިއްޔާތުގައި އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫގު ވަނީ އޭޝިއަން ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ދައުވަތު ޔޫތު މިނިސްޓަރަށް ދެއްވައިފަ އެވެ. އަދި އޭނާ ވަނީ ރާއްޖޭގެ ކޮންޓިންޖެންޓުން ބޭނުންކުރާ ޓީޝާޓެއް މިނިސްޓަރަށް ހިދިޔާ ކުރައްވާފަ އެވެ.

ސަން އަށް ދެއްވި އިންޓަވިއުއެއްގައި މަރުޒޫގު ވިދާޅުވީ އޮލިމްޕިކް ގޭމްސްގައި ރާއްޖެއިން އެކި ކުޅިވަރުތަކުގައި ބައިވެރިވާއިރު އެކި ކުޅިވަރުތަކުގައި ކަނޑައަޅާފައި ވަނީ ތަފާތު ޓާގެޓުތައް ކަމަށެވެ.

"އަޅުގަނޑުމެންގެ ތަފާތު ކުޅިވަރުތަކުގައި ތަފާތު ޓާގެޓުތައް ކަނޑައެޅިފައި ވަނީ. މިސާލަކަށް އަންހެން ގިނަ ކުޅިވަރުތައް އަޅުގަނޑުމެން މި ބައިވެރި ކުރަނީ އަންހެން ކުޅިވަރަށް ފުރުސަތު ދިނުމުގެ ގޮތުން އަޅުގަނޑުމެން މިއަހަރު އެކުލަވާލި ޕޮލިސީއެއްގެ ދަށުން ހޭންޑްބޯލް އާއި ވޮލީބޯލް އާއި ފުޓުބޯޅަގައި އަންހެންޓީމު މި ބައިވެރި ކުރަނީ،" މަރުޒޫގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމުގައި ހިމަނާފައިވާ ސީނިއާ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ބައިވެރި ނުވިނަމަވެސް އުންމީދަކީ ދެވަނަ ބުރަށް ދިޔުން ކަމަށެވެ.

"ފުޓުބޯޅަ އަޅުގަނޑުމެން މިބަލަނީ ސެކަންޑު ރައުންޑަށް ދާނެ ކަމަށް. އަޝްފާގެއް ނެތް. އެހެންނަމަވެސް އަޅުގަނޑުމެންގެ އުންމީދަނީ އެއީ،" މަރުޒޫގު ވިދާޅުވި އެވެ.

އަންނަ އަހަރު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ހަތް މެޑަލާއި ނުވަ މެޑަލާ ދޭތެރޭ މެޑަލް ހޯދުމަށް ޓާގެޓުކޮށްފައިވާ ކަމަށާއި އެކަން ހާސިލްކުރުމަށްޓަކައި ތަޖުރިބާ ހޯދުމުގެ ގޮތުން މިފަހަރުގެ ގޭމްސްގައި ބައިވެރިވުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުގެ ޕާފޯމަންސް މިފަހަރު އަނެއްކާ ވެސް ފެނިގެންދާނެ ކަމަށެވެ. އެހެންނަމަވެސް ދުނިޔޭގެ ހައި ރޭންކިންގ ކުޅުންތެރިންނާ ވާދަކުރަންޖެހޭތީ ބެޑްމިންޓަން ކުޅުންތެރިޔާ މުހައްމަދު އަޖުފާނަށް ދިމާވެފައި ވަނީ ނަސީބު ދެރަގޮތެއް ކަމަށް މަރުޒޫގު ވިދާޅުވި އެވެ.

"ޓީމްތަކަށް ތަޖުރިބާ ހޯދަން މިއީ އެންމެ މުހިންމު މުބާރާތް ކަންނޭނގެ. އޭގެ އިތުރުން އަޅުގަނޑުމެން ގަބޫލުކުރަން ސާއިދުގެ ޕާފޯމަންސް އަނެއްކާ ވެސް ފެނިގެންދާނެ. ދެން އަޖުފާން ރަޝީދަށް މިފަހަރު ތަންކޮޅެއް ނަސީބު ދެރަކޮށް ދިމާވިގޮތަކީ މިފަހަރު ދުނިޔޭގެ އެންމެ ރޭންކިންގ ހައި ޕްލޭޔަރުންނާ މިޖެހެނީ. އެހެންނަމަވެސް ގިނަ ކުޅުންތެރިންތަކަކަށް އަންނަ އަހަރު އޮންނަ ގޭމްސް އަށް ތައްޔާރުވުމަށް ލިބިގެންދާނެ ވަރަށް ބޮޑު ފުރުސަތެއް ކަމަށް މި ބަލަނީ،" މަރުޒޫގު ވިދާޅުވި އެވެ.

ރާއްޖޭގެ ފިރިހެން ވޮލީ ޓީމަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މެޑަލަށް ވާދަކުރާނެ ޓީމެއް ކަމަށާއި އޭޝިއަން ގޭމްސްގައި އެޓީމަށް ފުރުސަތު ދީފައިވުމަކީ ކުރެވުނު ވަރަށް މުހިންމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު