ޔުކްރެއިންގެ ދާހިލީ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެޖެ

ޔޫކްރެއިން ސަރުކާރާއި އެގައުމުގައި ދިރިއުޅޭ ރަޝިޔާއަށް ތާއީދުކުރާ ހަނގުރާމަވެރިންނާ ދެމެދު ހިންގަމުންދާ ދާހިލީ ހަނގުރާމައިގެ ކުރިމަތިލުންތައް ނިމުމަކަށް ގެނައުމަށް ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ގާތްގަނޑަކަށް ފަސް މަސްދުވަހާ ގާތްވެފައިވާ ޔޫކްރެއިންގެ ދާހިލީ ހަނގުރާމަ ހުއްޓައިލުމަށް އިދިކޮޅު ހަނގުރާމަވެރިންނާއި ޔުކުރެއިން ސަރުކާރާ ދެމެދު އެއްބަސްވުމުގައި ސޮއިކުރީ ބެލަރޫސްގެ ވެރިރަށް މިންކްސް ގައި މިއަދު ބޭއްވި ދެފަރާތުގެ ވެރީންގެ ބައްދަލުވުމެއްގައެވެ. އަދި މި އެއްބަސްވުމަށް އަމަލުކުރާން ފައްޓާނީ ޖީއެމްޓީ ގަޑިން 15:00ގައި ކަމަށް ވެއެވެ.

ރައީސް ޕެޓްރޯ ޕޮރޮޝެންކޯ ޔުކްރެއިންގައި ހިންގަމުން ގެންދާ ލޭއޮހޮރުވުންތައް ނިމުމަކަށް ގެނައުމަށް "ކުރެވެން އޮތް ހުރިހާކަމެއް ކުރާނެ" ކަމަށް ވިދާޅުވަމުން ގެންދަވާއިރު އިދިކޮޅު ލީޑަރުން ބުނެފައިވަނީ ކުރިމަތިލުންތައް ހުއްޓާލުމުގެ އެއްބަސްވުމުގައި ސޮއިކުރި ކަމުގައިވީ ނަމަވެސް އެމީހުން ވަކިވެގަތުމަށް ކުރާ މަސައްކަތައް ހުއްޓުމެއް ނާންނާނެ ކަމަށެވެ.

"އެންމެ އަގުބޮޑު އެއްޗަކީ އިންސާނާގެ ފުރާނަ. އެހެން ކަމުން މި ލޭ އޮހޮރުވުންތައް ހުއްޓުމަކަށް ގެނައުމަށް ކުރަންޖޭހެ ހުރިހާކަމެއް އަހަރެމެން ކުރަން އެބަ ޖެހޭ،" ރައީސް ޕޮރޮޝެންކޯ ވިދާޅުވި އެވެ.

އެއްބަސްވުމާ އެއްގޮތަށް ކަންކަން ކުރިއަށް ދާނޭ ކަމަށް އުންމީދުކުރައްވާ ކަމަށް ހަނގުރާމަވެރިންގެ ބާރު އެންމެ ގަދަ ސިޓީ ކަމަށްވާ ޑޮނެޓްސްކްއަށް ކަނޑައަޅާފައި ހުންނަވާ ކިޔޭވްގެ ގަވަރުނަރު ޓަރޫޓާ ވިދާޅުވި ނަމަވެސް އިދިކޮޅު ހަނގުރާމަވެރިންގެ އިސް ފަރާތްތަކުން ބުނަމުން ގެންދަނީ އެމީހުން ވަކި ދައުލަތެއް އުފެއްދުމަށް ކުރަމުން އަންނަ މަސައްކަތް އަދިވެސް ކުރިއަށް ގެންދާނޭ ކަމަށެވެ.

"ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމުގެ މާނައަކީ އަހަރެމެން ޔުކްރެއިނުން ވަކިވެގަތުމަށް ކުރަމުންދާ މަސައްކަތުގެ ޕޮލިސީއަށް ބަދަލުގެނައުމެއް ނޫން،" ލުހާންސްކް ރީޖަންއަށް ކަނޑައަޅާފައި ހުންނަ އިދިކޮޅު ލީޑަރު އީގޯ ޕްލޮޓްނިޓްސްކީ ވިދާޅުވި އެވެ.

ޔުކްރެއިންގެ އިރުމަތީ ސިޓީގައި ހަނގުރާމަވެރިން ދިން އެކިއެކި ހަމަލާތަކުގައި މިހާތަނަށް 2600އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އެ ކުރިމަތިލުންތަށް ފުރަތަމަ ފެށިގެން ދިޔައީ، ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ސިޓީތައް އަނބުރާ ހޯދުމަށް އެގައުމުގެ އަސްކަރިއްޔާއިން ހިންގި އަސްކަރީ އޮޕަރޭޝަންތަކަކާ ގުޅިގެންނެވެ.

ހަނގުރާމަ ހުއްޓާލުމަށް ދެފަރާތުން އެއްބަސްވުންތަކަކަށް އާދެވިފައިވީ ނަމަވެސް ކުރިމަތިލުންތައް އެއްކޮށް ހުއްޓޭނީ ކޮން ދުވަހަކުން ކަން އަދި ކަށަވަރެއް ނުވެއެވެ. އެހެން ނަމަވެސް ދެފަރާތުންވެސް ބުނެފައި ވަނީ، ހަމަނުޖެހުން ހިންގި ސަރަހައްދުތައް އާރާސްތު ކުރުމާއި، އަސީރުން ބަދަލުކުރުމާއި، ހާލުގައިޖެހިފައިވާ ފަރާތްތަކަށް އިންސާނީ އެހީފޯރުކޮށްދިނުމާއި، ރެފިއުޖީންގެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް މިހަފްތާގެ ތެރޭގައި ފެށޭނެ ކަމަށެވެ.

ޔުކްރެއިން ހަނގުރާމަ ވަރުގަދަވެގެން ދިޔައީ، މިއަހަރުގެ އޭޕްރީލް މަހުގެ މެދެއްހާ ހިސާބުގައި އިރުމަތީ ޔުކްރެއިންގައި ރަޝިޔާބަހުން ވާހަކަދައްކާ ސަރަހައްދެއް ކަމަށްވާ ކްރައިމިއާ ޔުކްރެއިނުން ވަކިވުމަށް ނިންމުމާގުޅިގެންނެވެ.

ދެފަރާތުން އެއްބަސްވުންތަކެއް ގާއިމު ކުރި ނަމަވެސް މިއަދުވެސް އިރުމަތީ ޑޮނެޓްސްކްގެ ދެކުނު އައްސޭރި ޝަހަރެއް ކަމަށްވާ މަރިއުޕޮލްގައި ކުރިމަތިލުންތައް ކުރިއަށް ގެންގޮސްފައިވެއެވެ.

ޔުކްރެއިން ސަރުކާރާއި އެ ގައުމުގައި ހަނގުރާމަ ކުރަމުންދާ ރަޝިޔާއަށް ތާއީދުކުރާ ހަނގުރާމަވެރިންނާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެވުނު ނަމަވެސް، އީޔޫ އާއި އެމެރިކާއިން އަދިވެސް ތިބީ، ރަޝިޔާއާ ދެކޮޅަށް އަޅަން ނިންމާފައިވާ، މާލީ، ހަކަތަ އަދި ދިފާއީ ދަތިކުރުމުގެ ފިޔަވަޅުތައް އިއުލާނުކުރުމުގެ އުންމީގުގައެވެ.

ނޭޓޯއިން މިހާރު ދަނީ، 48 ގަޑިއިރު ތެރޭގައި ޔުކްރެއިން އާއި މެދުއިރުމައްޗަށް ނެޓޯގެ ގުޅިފައިވާ ލަޝްކަރުތަކެއް ފޮނުވުމަށް ތައްޔާރުވަމުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު