ކޮންޓޭގެ ކޯޗު ކަމުގައި ކުޅުނު ފުރަތަމަ މެޗުން އިޓަލީ މޮޅުވެއްޖެ

އެންޓޯނިއޯ ކޮންޓޭ އިޓަލީގެ ކޯޗު ކަމާ ހަވާލުވިފަހު އެޓީމު ކުޅުނު ފުރަތަމަ މެޗު، ނެދަލެންޑްސްއާ ވާދަކޮށް 2-0 ލަނޑުން މޮޅުވެއްޖެ އެވެ. މިއީ ނެދަލޭންޑްސް ކޯޗުކަމާ ގޫސް ހިޑިންކް ދެވަނަ ފަހަރަށް ހަވާލުވިފަހުން ނެދަލޭންޑްސް ވެސް ކުޅުނު ފުރަތަމަ މެޗެވެ.

އިޓަލީގައި ކުޅުނު ބައިނަލްއަގްވާމީ އެކުވެރި ކަމުގެ މި މެޗުގެ ތިން ވަނަ މިނިޓްގައި އެޓީމަށް މެޗުގެ ކުރި ހޯދައިދިނީ، ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅޭ 24 އަހަރުގެ ފޯވާޑް ޗިރޯ އިމޮބައިލް އެވެ.

މެޗުގެ 10 ވަނަ މިނިޓުގައި އިޓަލީއަށް ލިބުނު ޕެނަލްޓީއަކުން ޑެނިއެލް ޑި ރޮސީ އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކުރި އިރު، ހިޑިންކްގެ ޓީމު ވަނީ 10 ކުޅުންތެރިންނަށް މަދުވެފަ އެވެ. ނެދަލޭންޑްސްގެ ޕެނަލްޓީ އޭރިޔާތެރެއިން އިޓަލީގެ ޒުވާން ފޯވާޑް ސިމޯން ޒާޒާއަށް ނުރައްކާތެރި ފައުލެއް ކުރުމަށް ގުޅިގެން ރެފްރީ ވަނީ، ޑިފެންޑަރު ބުރޫނޯ މާޓީންސް އިންޑީއަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލައިފައެވެ.

މި މެޗުގައި ވެސްލީ ސްނެއިޑާގެ ފަރާތުން އިޓަލީގެ ޑިފެންސް ލައިނަށް ނުރައްކާ ކުރިމަތި ކުރި ނަމަވެސް ގޯލަށް އަމާޒުކޮށް ރަނގަޅު ހަމަލާއެއް އުފެއްދިފައެއް ނުއެވެ.

މިފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުވެސް ފަހަނަޅައި ނުދެވުނު އިޓަލީ ޓީމަށް އަމިއްލަ ފަސްގަނޑުގައި ރޭ ލިބުނު މޮޅާއެކު އެޓީމުގެ ކުޅުންތެރިންނަށް ވަނީ އާ ހިތްވަރެއް ލިބިފައެވެ.

އިޓަލީ ޓީމަށް ކޮންޓޭ ނަގާފައިވާ 28 ކުޅުންތެރީންގެ ސްކޮޑުގައި ލިވަޕޫލްގެ ފޯވާޑް މާރިއޯ ބަލޮޓެލީ ހިމަނާފައެއް ނުވެއެވެ.

ނެދަލޭންޑްސްގެ ކޯޗުކަމުން ވަކިވެ މެންޗެސްޓާ ޔުނައިޓެޑާ ގުޅުނު ކޯޗު ލުއިސް ވެން ހާލްގެ ބަދަލުގައި ނެދަލޭންޑްސް ޓީމާ ހަވާލުވި، ހިޑިންކަށް މިހާރުވަނީ، އެޓީމު އަލުން ބައްޓަން ކުރަން ޖެހިފައެވެ.

ކުރިއަށް އޮތް ޔޫރޯ 2016ގެ ކޮލިފައިންއަށް ޓީމުތަކުން ތައްޔާރުވަމުން ދާއިރު، ކޮލިފައިންގައި ނެދަލޭންޑްސް ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ ނުވަ ވަނަ ދުވަހު ނުކުންނާނީ ޗެކް ރިޕަބްލިކާ ދެކޮޅަށެވެ. އަދި އެ ދުވަހު އިޓަލީ ނުކުންނާނީ ރަށުން ބޭރުގައި ނޯވޭއާ ދެކޮޅަށެވެ.

މެޗަށްފަހު ކޮންޓޭ ބުނީ، އޭނާއަށް ކުރިއަށް ދާން އަދި ދިގު ރާސްތާއެއް އެބަ އޮތް ކަމަށާއި، މޮޅުވުމަކީ ކުރިއަށް ދިއުމުގައި ލިބޭ ވަރަށް ބޮޑު އެހީތެރި ކަމެއް ކަމަށެވެ.

"މި ޓީމުގައި އެބަ ތިބި، ތަސައްރަފު ފުދިފައި ތިބި ކުޅުންތެރިންނާއި އަދި ވަރަށް ޒުވާން ކުޅުންތެރިން ވެސް ޗެމްޕިއަނުންނަށް ވެވޭ ވަރުގެ،" އިޓަލީ ޓީމުގެ ކޯޗު ބުންޏެވެ.

ހިޑިންކް ބުނީ، މި މެޗުން ބަލިވުމަކީ "ޕެނިކް" ވާންޖެހޭވަރު ކަމެއް ނޫން ކަމަށެވެ. އަދި މެޗުގެ ސަބަބުން ނެގެޓިވް އަސަރުތަކެއް ޓީމަށް ކުރި ނަމަވެސް ޕޮޒިޓިވް ކަންތައްތަކެއް ވެސް ފެނިގެން ދިޔަ ކަމަށެވެ.

"މެޗުގެ ފުރަތަމަ 10 މިނިޓް ތެރޭގައި އަހަރެމެންނަށް މެޗު ނިމިއްޖެ. ޓީމުގެ ކުޅުންތެރިއަކު ރަތްކާޑު ދައްކައި ފޮނުވާލިފަހުން ދެން ބެލީ އިތުރު ގޯލެއް ވަނަ ނުދީ ހިފެހެއްޓޭތޯ. އަނެއްކޮޅުން އަހަރެމެން މި ބަލިވީ ވެސް ވަރަށް ވަރުގަދަ ޓީމެއްގެ އަތުން،" ނެދަލެންޑްސްގެ ކޯޗު ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު