ވޯލްޑް ކަޕްގެ ހިތްދަތިކަން ހަނދާނުން ފޮހެލުމަށް ބްރެޒިލްގެ ކޯޗު ގޮވާލައިފި

މިފަހަރުގެ ވޯލްޑް ކަޕްގައި ބްރެޒިލަށް ލިބުނު ހިތްދަތިކަން ހަނދާނުން ފޮހެލުމަށްފަހު އާ ހިތްވަރަކާއެކު ކުރިއަށް ދިއުމަށް އާ ކޯޗު ޑުންގާ އޭނާގެ ކުޅުންތެރިންނަށް ގޮވާލައިފި އެވެ.

އުމުރުން 50 އަހަރުގެ ޑުންގާ ބްރެޒިލްގެ ގައުމީ ކޯޗު ކަމާ ދެވަނަ ފަހަރަށް ހަވާލުވުމަށް ފަހު ކުރިމަތިލާ ފުރަތަމަ މެޗުގައި މާދަމާ ހެނދު ކޮލަމްބިޔާއާ ދެކޮޅަށް ނުކުންނައިރު ޑުންގާ ބުނީ، މިހާރު މިވަނީ އަނެއްކާވެސް ބަދަލު ތަކަކާއެކު ޓީމު ކުރިއަށް އަރުވާންވީ ވަގުތު ޖެހިފައި ކަމަށެވެ.

ޑުންގާ ވަނީ 2006 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާ ހަމައަށް ބްރެޒިލްގެ ކޯޗުކަށް ކޮށްފައެވެ. އޭނާ ކޯޗުކަމުގެ މަގާމުން ދުރުކުރުމަށް ފަހު އެ އަހަރުގެ ޖުލައި މަހު ކޯޗުކަން ހަވާލުކުރީ ލުއިސް ފެލިއްޕޭ ސްކޮލާރީއާ އެވެ.

"ޑުންގާ އަހަރެމެން އެންމެން ކައިރީގައި ބުނީ، ވެދިޔަކަންތައް ހަނދާން ނައްތާލައި، އިސްއުފުލައިގެން އަލުން ކުރިއަށް ދިއުމަށް،" ޗެލްސީއަށް ކުޅޭ ބްރެޒިލް މިޑްފީލްޑަރު އޮސްކާ ބުންޏެވެ.

ކޮލަމްބިޔާއާ ދެކޮޅަށް ކުޅޭ މެޗަކީ މިދިޔަ ޖުލައި މަހުގެ 12 ވަނަ ދުވަހު، ވޯލްޑް ކަޕްގެ ތިންވަނަ ހޮވި މެޗުގައި ނެދަލޭންޑްސް އަތުން 3-0 އިން ބަލިވި މެޗަށް ފަހު ބްރެޒިލް ކުޅޭ ފުރަތަމަ މެޗެވެ.

ބްރެޒިލްގެ ކޯޗުކަމުން ސްކޮލާރީ އިސްތިއުފާ ދިނީ، ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ޖަރުމަނު އަތުން 7-1 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއިން ބަލިވި މެޗަށް ފަހު އެވެ. އެ މެޗަކީ ބްރެޒިލްގެ ފުޓްބޯޅައިގެ ތާރީހުގައި ވެސް އެންމެ ލަދުވެތި ނަތީޖާއަކުން ބަލިވި މެޗެވެ.

ސްކޮލާރީގެ ކޯޗު ކަމުގައި މިދިޔަ ވޯލްޑް ކަޕް ކުޅުމުގެ ފުރުސަތު ގެއްލުނު، ކުރިން އެތުލެޓިކޯ މެޑްރިޑަށް ކުޅުމަށްފަހު މިފަހަރުގެ ޓްރާންފާގައި ޗެލްސީއަށް ބަދަލުވި، 29 އަހަރުގެ ލެފްޓް-ބެކް ފެލިޕޭ ލުއިޒް އަށް ވަނީ، ޑުންގާގެ ޓީމުން އަލުން ފުރުސަތު ދީފައެވެ.

"ފާއިތުވެ ދިޔަ ތަނަކީ އަނބުރާ ގެނެވޭނެ އެއްޗެއް ނޫން. އަހަރެމެން މިހާރު ވޯލްޑް ކަޕް މަތިން ހަނދާންކުރާކަށް ބޭނުމެއް ނޫން. އަހަރެމެން އެކަމުން އިބުރަތެއް ހާސިލްކޮށް އެފަދަ ކަމެއް އަލުން ތަކުރާރުވިޔަ ނުދޭން އަޒުމު ކަނޑައަޅަންވީ،" ލުއިޒް ބުންޏެވެ.

ބީބީސީއަށް ދިން އިންޓަވިއުއެއްގައި ލުއިޒް ބުނީ، މިރޭގެ މެޗަށް ނުކުންނައިރު ޑުންގާ ވަނީ ޓީމަށް ޓެކްޓިކަލް ބަދަލުތަކެއް ގެނެސްފައި ކަމަށެވެ. އެގޮތުން ވޯލްޑް ކަޕްގއި މިފަހަރު ކުޅުނު ތަރިން ކަމަށްވާ، ފޯވާޑް ޖޯއާއި ފްރެޑްގެ އިތުރުން މިޑްފީލްޑަރު ޕައުލީނިއޯ މިހާރުގެ ސްކޮޑްގައި ހިމަނާފައި ނުވާކަމަށެވެ. އެހެން ނަމަވެސް ވޯލްޑް ކަޕުން ފުރުސަތު ގެއްލުނު ލިވަޕޫލްގެ މިޑްފީލްޑަރު ފިލިއްޕޭ ކޮޓީނިއޯއަށް އަލުން ފުރުސަތު ދީފައިވާ ކަމަށް އޭނާ ބުންޏެވެ.

ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ކޮލަމްބިއާ ވަނީ، 2-1 ލަނޑުން ބްރެޒިލް އަތުން ބަލިވެފައެވެ.

ކޮލަމްބިއާ ޓީމު ބްރެޒިލާ ދެކޮޅަށް ނުކުންނައިރު، އަނިޔާގެ ސަބަބުން މިފަހަރުގެ ވޯލްޑް ކަޕްގައި ނުކުޅެވުނު އެޓިމުގެ ހިތް ކަމުގައިވާ ރަޑެމަލް ފަލްކާއޯ ޓީމާ އަލުން ގުޅޭނޭ ކަމަށް ބެލެވެއެވެ. އޭއެސް މޮނާކޯގެ ފޯވާޑް ވަނީ، މިފަހަރުގެ ޓްރާންފާގައި ލޯނު އެއްބަސްވުމެއްގެ ދަށުން މިސީޒަންގެ ނިޔަލަށް މެންޗެސްޓާ ޔުނައިޓެޑާ ގުޅިފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު