އިބްރަހިމޮވިޗް ލަނޑުގެ ރެކޯޑެއް މުގުރާލައިފި

އެސްޓޯނިއާ ކޮޅަށް ޖެހި ދެ ލަނޑާއެކު ގައުމީޓީމަށް ޖުމުލަ 50 ލަނޑު ކާމިޔާބުކޮށްދީގެން ސްވިޑަން ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު އެޓީމުގެ ފޯވަޑް ޒްލަޓާން އިބްރަހިމޮވިޗް ގާއިމުކޮށްފި އެވެ.

ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއްގައި ރޭ އެސްޓޯނިއާ އަތުން 2-0 އިން ސްވިޑަން މޮޅުވި އިރު އެޓީމުގެ ފުރަތަމަ ލަނޑު، ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ އުމުރުން 32 އަހަރުގެ ސްވިޑަން ފޯވާޑޑް ކާމިޔާބުކުރީ، އެޓީމަށް ލިބުނު ކޯނަރަކުން ގޯލް ކުރިމައްޗަށް ބޯޅަ ހުރަސްކޮށްލި ވަގުތު ފުންމައިގެން އަރަ ވާތުފައިން ވަރަށް ބާރަށް ޖަހައި ގޯލްތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.

ސްވިޑަންގެ ސޮލްނާގައި ކުޅުނު އެ ޗުގެ ދެވަނަ ލަނޑު ކާމިޔާބުކޮށް، މީގެ 82 އަހަރު ކުރިން ސްވެން ރައިޑްލް ގާއިމުކޮށްފައިވާ 49 ލަނޑުގެ ރެކޯޑު އިބްރަހިމޮވިޗް މުގުރާލީ މެޗުގެ 24 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި މެޗަކީ އިބްރަހިމޮވިޗް ގައުމީ ޓީމަށް ކުޅުނު 99 ވަނަ މެޗެވެ. އަދި މެޗުގެ ފަހު ހާފުގައި އޭނާ ދަނޑުން ފައިބަން ދިޔަވަގުތު ކުޅިބަލަން ދަނޑަށް ވަދެތިބި 15000އަށް ވުރެ ގިނަ ސަޕޯޓަރުން ވަނީ، އެއްފަހާރާ ދެތުވެ އެންމެން އެކުގައި އޭނާއަށް ހޫނު ތަރުހީބެއްދީފައެވެ.

އިބްރަހިމޮވިޗްގެ ފުޓްބޯޅަ ކެރިއަރުގައި އޭނާ މިހާތަނަށް ކާމިޔާބުކުރި ލަނޑުތަކުގެ ތެރެއިން "ފޭވަރިޓް" ލަނޑަކީ، ރޭ "ރެކޯޑް މުގުރާލި 50 ވަނަ ލަނޑު"ތޯ ސުވާލުކުރުމުން އޭނާ ބުނީ އޭނާގެ ފޭވަރިޓް ގޯލަކީ އިނގިރޭސީންނާ ދެކޮޅަށް 2012 ވަނަ އަހަރު ނޮވެމްބަރު މަހު ކުޅުނު އެކުވެރިކަމުގެ މެޗުގައި 30 ޔާޑު ބޭރުން "އޯވަހެޑެއް" ޖަހައިގެން ކާމިޔާބުކުރި ލަނޑު ކަމަށެވެ.

"އަހަރެން ކާމިޔާބުކުރި އެންމެ ރީތި ލަނޑަކީ، އިންގްލެންޑް ކޮޅަށް ޖެހި ލަނޑެ. އެއަށް ވުރެ ރީތި ލަނޑެއް އަދި މިހާތަނަށް ކާމިޔާބެއް ނުކުރެވޭ. އެކަމަކު ހުރިހާ ލަނޑުތަކެއް ވެސް ވަރަށް މުހިއްމު،" ސްވިޑަންގެ ހުނަރުވެރި ފޯވާޑް ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު