ކޮންމެ 10 އަންހެން ކުދީންގެ ތެރެއިން އެއް ކުއްޖަކީ ޖިންސީ ގޮތުން އަނިޔާ ލިބިފައިވާ ކުއްޖެއް: އދ

ދުނިޔޭގެ އާބާދީގައި ހިމެނޭ އަންހެން ކުދީންގެ ކޮންމެ 10 ކުދީންގެ ތެރެއިން އެއް ކުއްޖަކީ ޖިންސީގޮތުން ކޮންމެވެސް ކަހަލަ ގޯނާއެއް ނުވަތަ އަނިޔާއެއް ލިބިފައިވާ ކުއްޖެއް ކަމަށް އދ.ގެ ރިޕޯޓަކުން ހާމަކޮށްފި އެވެ.

ތަފާތު ގޮތްގޮތަށް އަނިޔާލިބެމުންދާ އަންހެން ކުދީންނާ ބެހޭގޮތުން އދ. އިން ތައްޔާރުކޮށްފައިވާ އެ ރިޕޯޓުގައި ބުނެފައިވަނީ، ދުނިޔޭގެ އާބާދީގައި ހިމެނޭ ގާތްގަނޑަކަށް 120 މިލިޔަން އަންހެން ކުދީންގެ ތެރެއިން ކޮންމެ 10 ކުދީންގެ ތެރެއިން އެއް ކުއްޖަކީ އުމުރުން 20 އަހަރު ވުމުގެ ކުރީން ރޭޕުކުރުމުގެ ސަބަބުން ނުވަތަ އެނޫންވެސް ޖިންސީ އަނިޔާއެއްގެ ޝިކާރައަކަށް ވެފައިވާ ކުއްޖެއް ކަމަށެވެ.

އދ.ގެ ކުޑަކުދީންނާބެހޭ އޭޖެންސީ، ޔުނިސެފުން ބުނެފައިވާ ގޮތުގައި ހަމައެކަނި 2012 ވަނަ އަހަރުގެ ތެރޭގައި ވެސް އެކިގޮތްގޮތަށް އަނިޔާދީ މަރާލާފައިވާ ކުދިންގެ އަދަދު 95000އަށް އަރައެވެ. އޭގެ ތެރެއިން ގިނަ ކުދީންނަކީ ލެޓިން އެމެރިކާއާއި ކެރީބިއަންއަށް ނިސްބަތްވާ ކުދީން ކަމަށް ވެސް ރިޕޯޓުގައި ވެއެވެ.

ހަނގާ ކުރުން (ބުލީ ކުރުން) ފަދަ ކަންކަމާއި އެނޫންވެސް އެފަދަ ތަފާތު އަނިޔާތަކަށް ކުޑަކުދީން ކޮންމެ ދުވަހަކުހެން ހުށަހަޅަމުން ގެންދާކަމަށް ބަޔާންކޮށް 190 ގައުމަކުން އެއްކޮށްފައިވާ މައުލޫމާތުގެ މައްޗަށް ތައްޔާރުކޮށްފައިވާ އެ ރިޕޯޓުގައި ވާގޮތުން އުމުރުން 2 އަހަރާއި 14 އަހަރާ ދެމެދުގެ ކޮންމެ 10 ކުދީންގެ ތެރެއިން 6 ކުއްޖަކީ އެކުދީންގެ ބެލެނިވެރީންގެ ފަރާތުން ކޮންމެ ދުހަކުހެން ޖިސްމާނީ އަނިޔާތައް ލިބެމުންދާ ކުދީންނެވެ.

"މިފަދަ އަނިޔާތައް ލިބެނީ އެކުދީންނަށް ރައްކާތެރިކަން އެންމެ ބޮޑަށް ލިބޭން ޖެހޭ، އެކުދީންގެ ގެއާއި، ސްކޫލާއި އަދި ދިރިއުޅޭ މުޖުތަމައުގެ ތެރެއިން،" ރިޕޯޓުގައި ވެއެވެ.

އިންޓަނެޓް މެދުވެރިކޮށް ކުދީންނަށް ތަފާތު ގޯނާ ކުރުންތަށް އިތުރުވަމުންދާ ކަން ފާހަގަކޮށް، ރިޕޯޓުގައި ބުނެފައި ވަނީ، ގިނަފަހަރު އެފަދަ ކަންކަމުގެ އަޑީގައި ތިބެނީ، އެ ކުދީންގެ އާއިލާގެ މީހެއް، ޓީޗަރެއް ނުވަތަ އެކުގައި އުޅޭ ކުދިން ކަމަށާއި އަދި އަވައްޓެރިންނާއި ނުދަންނަ ފަރާތަތައް ވެސް ހިމެނޭ ކަމަށެވެ.

ކުޑަކުދީންނަށް ޖިންސީ ގޮތުންނާއި އަދި އެނޫންވެސް ގޮތްގޮތުން ލިބޭ އަނިޔާތައް މިފަހަކަށް އައިސް އިތުރުވުމަށް މެދުވެރިވާ ކަންތައް ތަކުގެ ތެރޭގައި އެ ކަންކަން ކަމާބެހޭ ފަރާތްތަކަށް ހުށަހެޅެމުގެ ބަދަލުގައި ފަރުދާކޮށްގެން ނުވަތަ ނޭނގޭ ކަމަށް ހަދައިގެން ތިބުން ހިމެނޭކަމަށް ރިޕޯޓުގައި ވެއެވެ.

ބައެއް ގައުމުތަކުގައި ކުޑަކުދީންނަށް ދެވޭ އެފަދަ އަނިޔާތަށް މުޖުތަމައުގައި ބަލައިގަނެގެން ތިބޭ ކަމަށާއި، އަދި ކޮންމެވެސް ވަރަކަށް އެފަދަ އަމަލުތައް ކުށްވެރި ކުރިނަމަވެސް، އަނިޔާ ލިބޭފަރާތުން އަނިޔާ ދޭ ފަރާތް ހާމަކުރުމަށް ފަސްޖެހޭތީވެސް މުޖުތަމައުގައި މިފަދަ މައްސަލަތައް އިތުރު ވަމުންދާ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ. (ބީބީސީ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު