ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޮޑީބޯޑު ފަނޑިޔާރުން ތަމްރީނުކުރާ ކޯހެއް ހިންގައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަގްވާމީ ފެންވަރުގެ "ބޮޑީބޯޑް" ޖަޖުން ތަމްރީނުކުރާ ކޯހެއް ހިންގައިފި އެވެ.

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން އިންތިޒާމުކޮށްގެން މިދިޔަ އަންގާރަ ދުވަހު އެއްދުވަހުގެ މުއްދަތަށް ހެންވޭރު ބޯޅަ ގޭގައި ހިންގި އެ ކޯހަކީ، ބޮޑީބޯޑިން އިންޓަނޭޝަނަލް އޮފިޝަލް (ބައޯ ލިމިޓެޑް)އާ ގުޅިގެން ކުރިއަށް ގެންދިޔަ ބައިނަލްއަގްވާމީ ސެޓްފިކެޓް ކޯހެކެވެ.

މި ކޯހުގައި 20 ބައިވެރިއަކު ތަމްރީނު ފުރިހަމަކޮށްފައިވާ އިރު ކޯހުގައި ކިޔަވައިދެއްވީ ބައޯގެ ސެކްރެޓަރީ ޑައިރެކްޓަރު އަދި އޭޕީބީ ޓުއާ ޖަޖް، ކާލް ގޯލް އެވެ.

އެމްބީބީއޭގެ ރައީސް އަބްދުﷲ އަރީފު ވިދާޅުވީ، އެ ޖަމިއްޔާއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ ބައިނަލްއަގްވާމީ ފެންވަރުގެ ބޮޑީބޯޑް ޖަޖިން ކޯހަކީ ރާއްޖޭގައި ބޮޑީބޯޑިން އިތުރަށް ކުރިއެރުވުމަށް އެޅުނު ހަރުދަނާ ފިޔަވަޅެއް ކަމަށެވެ. އަދި ކުރިއަށް އޮތްތާނގައި ވެސް މިފަދަ ކޯސްތައް ބާއްވަން މަސައްކަތް ކުރައްވާނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ރާޅާއެޅުމުގެ ފަންނު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ އެމްބީބީއޭ އިން ވަނީ، އޭޝިއަން ސާފިން ޗެމްޕިއަންޝިޕްސް (އޭއެސްއީ)އާ ގުޅިގެން މޯލްޑިވްސް އޯޕަން 2014ގެ ނަމުގައި ބައިނަލްއަގްވާމީ ރާޅާއެޅުމުގެ މުބާރާތެއް ވެސް އިއްޔަ ފަށައިފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު