އޭޝިއަން ގޭމްސްގައި ވާދަކުރާ އެތުލެޓިކްސް ޓީމު އެކުލަވާލައިފި

ސައުތު ކޮރެއާގައި ބާއްވާ 17 ވަނަ އޭޝިއަން ގޭމްސްގައި ވާދަކުރާ ގައުމީ އެތުލެޓިކްސް ޓީމް، ފަސް އެތުލީޓުންނާއި ދެ ކޯޗުންނާއި މެނޭޖަރަކު ހިމެނޭ ގޮތަށް އެކުލަވާލައިފި އެވެ.

ކޮރެއާގެ އިންޗޮންގައި މި މަހު 19 އިން އަންނަ މަހުގެ ހަތަރަކަށް ކުރިއަށްގެންދާ ވާދަކުރާ ރާއްޖޭގެ އެތުލެޓިކްސް ޓީމުގައި ހިމެނޭ އެތުލީޓުންނަނީ ޙަސަން ސާއިދު އާއި އަޙްމަދު ޙަސަން އާއި ޙުސައިން އިނާޝް އާއި ޝިފާޒް މުޙައްމަދުގެ އިތުރުން ޙުސައިން ރިޒާ އެވެ. އެ ޓީމުގެ ކޯޗުންގެ ގޮތުގައި ހަމަޖައްސާފައި ވަނީ އަޙްމަދު ފާޢީލް އާއި މުޙައްމަދު ޝުޖާޢު އެވެ. އަދި ޓީމްގެ މެނޭޖަރަކީ އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ޠޮލާލް އެވެ.

މިފަހަރުގެ އޭޝިއަން ގޭމްސްގައި ސާޢިދު ވާދަކުރާނީ 100 މީޓަރު އަދި 200 މީޓަރު ދުވުމުގައެވެ. އަދި 200 މީޓަރާއި 400 މީޓަރު ދުވުމުގައި ވާދަކުރާނީ އިނާޝް އެވެ. ރިޒާ ވާދަކުރާނީ 400 މީޓަރު ދުވުމުގައެވެ. މީގެ އިތުރުން ޝިފާޒާއި އަޙްމަދު ޙަސަން ވާދަކުރާނީ 800 މީޓަރާއި 1500 މީޓަރު ދުވުމުގައެވެ.

މިފަހަރުގެ އޭޝިއަން ގޭމްސްގައި ބައިވެރިވާ ރާއްޖޭގެ އެތުލީޓުން މިހާރު އަންނަނީ ޓްރެވިންޑްރަމްގައި ތަމްރީންތަކެއް ފުރިހަމަ ކުރަމުންނެވެ.

އެތުލެޓިކްސް އެސޯސިއޭޝާނުން ބުނީ، ޓްރިވެންޑްރަމްގައި ފުރިހަމަ ކުރަމުންދާ ތަމްރީނުތަކަށް ފަހު ޓީމު މާލެ އަންނާނީ މިމަހުގެ 13 ވަނަ ދުވަހު ކަމަށާއި އެޓީމު ކޮރެއާއަށް ފުރާނީ މިމަހުގެ 16ވަނަ ދުވަހު ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު