ފަލްކާއޯއަށް ވެން ޕާސީގެ އިންޒާރެއް

ނިމިދިޔަ ފުޓްބޯޅަ ޓްރާންސްފާގައި މެންޗެސްޓާ ޔުނައިޓެޑާ ގުޅު މޮނާކޯގެ ކޮލަމްބިއާ ފޯވާޑް ރަޑެމަލް ފަލްކާއޯ، "ފަސްޓްޗޮއިސް" ފޯވާޑެއްގެ ރޯލް އަދާކުރަން ބޭނުން ނަމަ، ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށް ބުނެ ޔުނައިޓެޑްގެ ހޮލެންޑް ފޯވާޑް ރޮބިން ވެން ޕާސީ އިންޒާރު ދީފި އެވެ.

އުމުރުން 28 އަހަރުގެ ކޮލަމްބިއާ އިންޓަނޭޝަނަލް ފޯވާޑް މެންޗެސްޓާ ޔުނައިޓެޑާ ގުޅުނީ ޓްރާންސްފާ ނިމުނު ދުވަހު، ހަ މިލިއަން ޕައުންޑުގެ ލޯނުއެއްބަސް ވުމެއްގެ ދަށުން މި ސީޒަންގެ ނިޔަލަށެވެ.

"ފަލްކާއޯ ޔުނައިޑެޓާ ގުޅުމުން އަހަރެން އޭނާއަށް މަރުހަބާ ކިޔަން، އޭގެ ސަބަބުން އަހަރެމްނެ އިތުރަށް ވަރުގަދަވެގެން ދާނެ،" ވެން ޕާސީ ބުންޏެވެ. "އަހަރެން ދެކޭގޮތުގައި ބޮޑެތި ކްލަބުތަކަށް ކުޅޭއިރު ކޮންމެ ކުޅުންތެރިއަކު ވެސް އަބަދުވެސް އެމީހެއްގެ 'ބެސްޓް' ނެރެންޖެހޭ. ފަލްކާއޯ ވެސް އޭނާގެ މަގާމު ހޯދަން އަހަރެން މި ކުރާ ފަދަ ބުރަ މަސައްކަތެއް ކުރަން ޖެހޭނެ."

ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން މިދިޔަ ވޯލްޑް ކަޕުގައި ކުޅުމުގެ ފުރުސަތު ގެއްލުނު ފަލްކާއޯ މިދިޔަ ސީޒަންގައި މޮނާކޯއާ ގުޅުމަށް ފަހު އެޓީމަށް ކުޅުނު 20 މެޗުގައި 11 ލަނޑު ޖަހާފައިވެ އެވެ.

ފަލްކާއޯ ޔުނައިޓެޑަށް ގެނައީ، ވެން ޕާސީގެ ކަކުލުގެ ސާޖަރީއެއް ހަދަން ޖެހޭތީ ކަމަށް ބުދެ ދެކެވޭ ވާހަކަތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ.

"އަހަރެން މިހިރީ ހައިރާން ވެފައި މީހުން ހަދަހަދައިގެން އެކަހަލަ ވާހަކަތައް ފަތުރަމުން ދާތީ،" 31 އަހަރުގެ ވެން ޕާސީ ބުންޏެވެ. "އަހަންނަކަށް ނޭނގެ ކޮންކޮން ދިމާލަކުން މީހުން ހޯދާ ވާހަކަތަކެއް އެއީ. އަހަރެން ހިތެއް ނުބުނޭ އަހަރެން އެފަދަ އޮޕަރޭޝަނަކަށް ހޮސްޕިޓަލަށް ދާންޖެހޭނެ ކަމަކަށް."

އާސެނަލުން 2012 ވަނަ އަހަރު 24 މިލިއަން ޕައުންޑުގެ ފީއަކަށް މެންޗެސްޓާ ޔުނައިޓެޑާ ގުޅުނު ވެން ޕާސީ ވަނީ، އެޓީމާ ގުޅުނު ފުރަތަމަ ސީޒަންގައި ވެސް 26 ލަނޑު ކާމިޔާބުކޮށްދީ ޔުނައިޓެޑަށް އެފަހަރުގެ ލީގު ހޯދައި ދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު