އާ ކެޕްޓަން ރޫނީގެ ލަނޑުން ނޯވޭއަތުން އިންގްލެންޑް މޮޅުވެއްޖެ

ނޯވޭއާ ދެކޮޅަށް ކުޅުނު އެކުވެރި ކަމުގެ ފުޓްބޯޅަ މެޗުގައި އާ ކެޕްޓަން ވޭން ރޫނީ، ޕެނަލްޓީއަކުން ޖަހައިދިން ލަނޑުން އިންގްލެންޑް 1-0 އިން މޮޅުވެއްޖެ އެވެ.

ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމް އަލުން މަރާމާތުކުރުމަށް ފަހު އެ ދަނޑުގައި ކުޅުނު އެކުވެރި ކަމުގެ މި މެޗު ބަލައިލުމަށް ދަނޑަށް ވަދެ ތިބި މީހުންގެ އަދަދަށް ބަލާއިރު މިއީ، އިނގިރޭސީން އަމިއްލަ ގައުމުގައި ކުޅުނު މެޗެއް ބަލަން އެންމެ މަދުން ސަޕޯޓަރުން ވަދެފައިވާ މެޗުކަމަށް ވެއެވެ. 90،000 ސަޕޯޓަރުންގެ ޖާގައިގެ އެ ދަނޑަށް މި މެޗު ބަލަން ވަދެތިބި މީހުންގެ އަދަދަކީ 40,181 އެވެ. ކުރިން އެންމެ މަދުން މީހުން ވަދެފައި ވަނީ، 2007 ވަނަ އަހަރު އެ ސްޓޭޑިއަމް އާކުރުމަށްފަހު ހުޅުވި ފަހުން 2011 ވަނަ އަހަރު ސްވިޑްންއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗަށެވެ. އެމެޗަށް ވަދެފައި ވަނީ، 48,876 މީހުންނެވެ.

އިނގިރޭސީންގެ ފަރާތުން ވޯލްޑްކަޕެއްގައި ފެނުނު އެންމެ ދަށް ކުޅުން ފެނިގެން ދިޔަ ވޯލްޑް ކަޕަށް ފަހު އެޓީމު ކުޅުނު ފުރަތަމަ މެޗުން ވެސް ރޯއީ ހޮގްސަންގެ ޓީމަށް ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

މެޗުގެ 68 ވަނަ މިނިޓްގައި ރަހީމް ސްޓާލިންއަށް ނޯވޭގެ ޕެނަލްޓީ އޭރިޔާ ތެރެއިން ކުރި ފައުލަކާ ގުޅިގެން އިންގްލެންޑަށް ލިބުނު ޕެނަލްޓީން ރޫނީ ކާމިޔާބު ކުރި ލަނޑާއެކު ގައުމީ ޓީމަށް އޭނާ ޖަހައިދިން ލަނޑުގެ އަދަދު ވަނީ، 41 އަށް އަރައިފައެވެ. އުމުރުން 28 އަހަރުގެ ފޯވާޑް މިހާރު އޮތީ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ބޮބީ ޗާލްޓަންއަށް ވުރެ އަށް ލަނޑު ފަހަތުގައެވެ.

"އަހަރެމެންނަށް މިއަށްވުރެ ރަނގަޅު ނަތީޖާއެއް ނެރެވެން ޖެހޭނެ،" ރޫނީ ބުންޏެވެ. "އަހަރެމެންނަށް ފުރަތަމަ ހާފްގައި ވަރަށް އާދައިގެ ކުޅުމެއް ދެއްކުނު އިރު، އިދިކޮޅު ޓީމުން ވަނީ އިތުރަށް ކުރިއަށްޖެހި އަހަރެމެންނަށް މެޗު އިތުރަށް އުނދަގޫކޮށްފައި."

"ދެވަނަ ހާފުގައި އަހަރެމެންނަށް މެޗު ފެށުނީވެސް އެހާ ދަށްކޮށް. ހީވަނީ އަހަރެމެން އެމީހުންނަށް މެޗު ދޫކޮށްލަން ބޭނުންވެފައި ތިބިހެން."

އިނގިރޭސި ޓީމުގައި ބުރަ މަސައްކަތެއް ކުރަމުން އައި ދެ މިޑްފީލްޑަރުން ކަމަށްވާ ފްރޭންކް ލަމްޕާޑާއި ސްޓީވެން ޖެރާޑް ގައުމީ ޓީމަށް ކުޅުން ހުއްޓައިލުމާއެކު މިހާރު އެޓީމު މިވަނީ، އާ ޖީލަކަށް ކުރިމަތިލާފައެވެ.

އަންނަ ހޯމަދުވަހު ޔޫރޯ 2016ގެ ކޮލިފައިންގައި ސްވިޒަލޭންޑާ ދެކޮޅަށް އިންގްލޭންޑް ނުކުންނައިރު އެޓީމުގެ ފުރަތަމަ 11ގައި ހިމެނޭ ކުޅުނުތެރީންގެ އެވްރެޖް އުމުރު އުޅޭނީ 24 އަހަރުގައި ކަމަށް ބެލެވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު