މިދިޔަ އަހަރު ދުނިޔޭގައި އީމެއިލްގެ 107 ޓްރިލިއަން މުޢާމަލާތް ކޮށްފައިވޭ

މި ދިޔަ 2010 ވަނައަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އީމެއިލްގެ 107 ޓްރިލިއަން މުއާމަލާތް ކޮށްފައިވާކަމަށް، އިންޓަނެޓާއި ގުޅުން ހުރި ތަފާސްހިސާބުތައް މޮނީޓަރކޮށް ބަލަހައްޓާ ކުންފުންޏެއް ކަމަށްވާ 'ޕިންގްޑޮމް' ގެ ދިރާސާއަކުން ދައްކައިފިއެވެ.

ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާގޮތުގައި މުޅި ދުނިޔޭގައި އީމެއިލް ޚިދުމަތުގެ ބޭނުންހިފާ 1.88 ބިލިއަން މީހުންގެ އާބާދީއެއް އޮތްއިރު، އެވަރެޖްކޮށް ދުވާލަކު ފޮނުވޭ އީމެއިލްގެ ޖުމްލަ 294 ބިލިއަނަށް އަރައެވެ. ނަމަވެސް މީގެ ތެރެއިން 10.9 ޕަސެންޓް ފިޔަވައި އެހެން ހުރިހައި މެއިލްއަކީ 'ސްޕޭމް' މެއިލްތައް ކަމަށްވެއެވެ.

މީގެއިތުރުން އޮންލައިން ވެށީގައި މިފަރާތްތަކުން އީމެއިލްގެ މުޢާމަލާތްތަކަށް ހޭދަކޮށްފައިވާ ވަގުތުތައް ފިޔަވައި ބާކީ ވަގުތުތަށް ހޭދަކޮށްފައިވަނީ މުޅި އިންޓަނެޓްގެ 255 މިލިއަން ވެބްސައިޓްތަކުގައި އަތްފުނާ އެޅުމުގައެވެ. އަދި އެއަށްވުރެވެސް ބޮޑަށް ފާހަގަކޮށްލެވެނީ މި ވެބްސައިޓުތަކުގެ 21.4 މިލިއަނަކީ 2010 ވަނައަހަރު އިންޓަރނެޓަށް އުފަންވި ވެބްސައިޓްތަކަށް ވާކަމެވެ.

މި ތަފާސްހިސާބުތަކުން ދައްކައިދޭ އިންޓަނެޓްގެ ކުރިމަގުގެ ތަސްވީރު އިތުރަށް ސާފުކޮށް ބަލައިލުމަށްޓަކައި ސޯޝަލް ނެޓްވާކްތަކާއިގުޅޭ ތަފާސްހިސާބުތަކަށް ބަލައިލާނަމެވެ.
ޓުވިޓާއިން މި ދިޔައަހަރު ނިންމާލީ 100 މިލިއަނަށްވުރެގިނަ މެންބަރުންނާއި 25 ބިލިއަނަށްވުރެ ގިނަ ޓްވީޓްސް އާއެކީގައެވެ. އަދި އީމެއިލްގެ 107 ޓްރިލިއަން ފަހަނައަޅައިދިއުމަށް ދިގު ރާސްތާއެއް އޮތްކަމުގައިވިޔަސް މިހާރުވެސް ޓްވީޓްސް ގެ އަދަދު ދަނީ ފަތުއަޑުކިޔާފައި އިތުރުވަމުންނެވެ. އަނެއްކޮޅުން ފޭސްބުކުން ވަނީ އަހަރު ނިމުނު އިރު ޖުމްލަ 250 މިލިއަނަށްވުރެ ގިނަ މީހުންގެ ހިތްޖައްސައި، އެ އެންމެންގެ މެދުގައި ފޮޓޯ އާއި ވީޑިއޯ ފަދަ 30 ބިލިއަނަށް ވުރެ ގިނަ ކޮންޓެންޓްސް ޙިއްސާކުރުމުގެ ހިތްހަމަޖެހުން ހޯދައިފައެވެ.

އެހެންކަމުން މަންޒަރު ފެންނަގޮތަށް ބަލާއިރު އިންޓަނެޓަށް ބަރޯސާކޮށް ކުރެވޭ އެންމެ ދުވަސްވީ އެއް މުވާޞަލާތުކަމަށްވާ އީމެއިލް ދޫކޮށްލައި ގިނަބަޔަކު ސޯޝަލް ނެޓްވާކްތަކާއި ދިމާއަށް ހިނގައިދާނެތޯ މީ އުފެދޭ ސުވާލެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު