ޗެމްޕިއަންސް ލީގު ޕްލޭއޯފްގެ ފުރަތަމަ ލެގުގައި ބެސިކްޓާސް އާއި އާސެނަލް ބައްދަލުކުރި މެޗަށް ކުޅިބަލަން ވަން މީހަކު އާސެނަލްގެ ކޯޗު އާސެން ވެންގާއާ ދިމާލަށް ފެންފުޅިއެއް އެއްލުމުން އޭނާ އެ މައްސަލަ ޔޫއެފާއަށް ހުށަހަޅައިފި އެވެ.
ރޭ ބެސިކްޓާސްއާ ދެކޮޅަށް ކުޅުނު މެޗު ނިމިގެންދިޔައީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އެ މެޗުގައި އާސެނަލްގެ މިޑްފީލްޑަރު އާރޮން ރަމްސީއަށް ރަތް ކާޑު ދެއްކުމުގެ ސަބަބުން ދެވަނަ ހާފުގެ ފަހު 10 މިނެޓް އެ ޓީމަށް ކުޅެން ޖެހުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ.
ވެންގާ ބުނީ، އޭނާ ބެސިކްޓާސްގެ ދަނޑުން ބޭރަށް ނުކުންނަން ދަނިކޮށް، ކޮންމެވެސް މީހަކު އޭނާއާ ދިމާލަށް އެއްޗެއް އެއްލި ކަމަށާއި މިހާރު އެ މައްސަލަ ބެލުން އޮތީ ޔޫއެފާގެ އަތްމަތީގައި ކަމަށެވެ.
"އަހަރެން ދަނޑުގައި ފައިބައިގެން ދަނިކޮށް، ކޮންމެވެސް މީހަކު އަހަރެންނާ ދިމާލަށް ފުޅިއެއް ކަހަލަ އެއްޗެއް އެއްލި،" ނޫސްވެރިންނާ ވާހަކަދައްކަމުން ވެންގާ ބުންޏެވެ. "މިހާރު އަހަރެން ވާނީ ޔޫއެފާއަށް އެ މައްސަލަ ރިޕޯޓްކޮށްފައި."
މި ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވާން ބޭނުންނަމަ، އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅޭ ދެވަނަ ލެގުގައި ރޭގެ މެޗަށްވުރެ ރަނގަޅު ކުޅުމެއް ދައްކަން އާސެނަލްއަށް މަޖުބޫރުވާނެ އެވެ. ބެސިކްޓާސްއާ ދެކޮޅަށް ކުޅޭ ދެވަނަ ލެގު މެޗަށް އާސެނަލް ނުކުންނާނީ މި މަހުގެ 27 ވަނަ ދުވަހު އެވެ.