ޖުވެނައިލް ކޯޓު މުވައްޒަފުންގެ އެއް ދުވަހުގެ މުސާރައާއި އެލަވަންސް ޣައްޒާ ފަންޑަށް ހަދިޔާ ކުރަނީ

ޖުވެނައިލް ކޯޓުގެ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރައާއި އެލަވަންސް ޣައްޒާ ޓެލެތޯން ފަންޑަށް ހަދިޔާ ކުރުމަށް ނިންމައިފި އެވެ.
ޖުވެނައިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް އެ ކޯޓުގައި ބެހެއްޓި ފަންޑު ފޮއްޓަށް އެ ކޯޓުގެ 26 މުވައްޒަފުން ވެސް އެއް ދުވަހުގެ މުސާރައާ އެލަވަންސް ހަދިޔާ ކޮށްފައިވާ ކަމަށެވެ. އަދި ޓެލެތޯންގެ ހަރަކާތްތައް ނިމުމުގެ ކުރިން އެ ފައިސާ ޓެލެތޯން އިންތިޒާމް ކުރާ ފަރާތާ ހަވާލު ކުރެވޭނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
މިއީ ސާވިސްއެލަވަންސްގެ ގޮތުގައި ލިބޭ ފައިސާ ޣައްޒާ ފަންޑަށް ހަދިޔާ ކުރުމަށް ނިންމި ފުރަތަމަ ފަހަރެވެ.

ޖުވެނައިލް ކޯޓުގެ އިތުރުން ޝަރުއީ ކޯޓުތަކާއި ދައުލަތުގެ އެކި އިދާރާތަކުން ވަނީ އެތަންތަނުގެ މުވައްޒަފުންގެ އެއްދުވަހުގެ މުސާރަ ޣައްޒާ ފަންޑަށް ހަދިޔާ ކުރުމަށް ނިންމާފަ އެވެ.

ގިނަ ފަރާތްތަކުން ޣައްޒާ ފަންޑަށް ފައިސާ ހަދިޔާ ކުރަމުން އަންނަ އިރު، ފައިސާ ހޯދުމަށް ޚާއްސަ ހަރަކާތްތަކެއް ވެސް އަންނަނީ ހިންގަމުންނެވެ. އެގޮތުން އިމާދުއްދީން ސްކޫލްގައި ޖަންބަލްސޭލްއެއް ވަނީ ފަށާފަ އެވެ. ޖަންބަލްސޭލަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އިންތިޒާމް ކުރާ ފަރާތުން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު