ތޫނުއެއްޗަކުން ހަމަލާދީ ޒުވާނަކު ޒަޚަމްކޮށްލައިފި

މާލޭގައި އަނެއްކާވެސް ތޫނުއެއްޗަކުން ހަމަލާދީ ޒުވާނަކު ޒަޚަމްކޮށްލައިފި އެވެ.

މިރޭ 11:05 އެހައިކަންހާއިރު މާފަންނު ބިސްބުރު ކައިރީ ހުރި ގޯޅިގަނޑެއްގެ ތެރޭގައި ތޫނުއެއްޗަކުން ދިން ހަމަލާގައި ޒަޚަމްވި ޒުވާނާއަށް އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ ޒުވާނާގެ ބޮލަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައި ވެއެވެ.

މިކަމާ ބެހޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާއާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެތެރޭގައި އަނިޔާ ލިބުނު މީހާވެސް ހިމެނޭ ކަމަށެވެ. އަދި އެ އެންމެންގެ އަތުން ތޫނު ހަތިޔާރު ފެނިފައިވާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

"އަނިޔާ ލިބުނު މީހާ އަށް އައިޖީއެމްއެޗްގައި ފަރުވާދިނުމަށްފަހު ދޫކޮށްލުމުން އެމީހާ ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި. މި މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ އަތުން ވެސް ތޫނު ހަތިޔާރު ވަނީ ފެނިފައި،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ހާދިސާ ހިނގި ސަރަހައްދުގައި ހުރި ދެ ސައިކަލެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ހާދިސާ ހިނގި ސަރަހައްދުގައި ހުރި ސައިކަލެއް ފުލުހުންގެ ވެހިކަލަށް އަރުވަނީ ---- ސަން ފޮޓޯ: އަލީ ރިފްޝާން

ސަންއަށް އެނގިފައިވާ ގޮތުގައި މިރޭ ހިނގި އެ ހާދިސާއަކީ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި ކުރިމަތިލުމެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު