ރޮޑްރިގޭޒަށް ވޯލްޑް ކަޕްގެ ރަން ބޫޓު ހަވާލުކޮށްފި

ފީފާ ވޯލްޑް ކަޕުގައި އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ކޮލަމްބިއާ މިޑްފީލްޑަރު ހަމޭސް ރޮޑްރިގޭޒަށް އެ މުބާރާތުގެ ރަން ބޫޓު ހަވާލުކޮށްފި އެވެ.

ވޯލްޑް ކަޕުގެ ރަން ބޫޓު ރެއާލް މެޑްރިޑަށް ކުޅެމުންދާ ރޮޑްރިގޭޒަށް ހަވާލުކުރީ މެޑްރިޑްގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައެވެ.

މިދިޔަ މަހުގައި ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރޮޑްރިގޭޒް ކޮލަމްބިއާއަށް ކުޅުނު ފަސް މެޗުން އޭނާ ވަނީ ހަ ލަނޑު ކާމިޔާބުކޮށްފަ އެވެ. އޭނާއަށް އެންމެ ކައިރި ކުރި ޖަރުމަން މިޑްފީލްޑަރު ތޯމަސް މުލާއަށް ކާމިޔާބު ކުރެވުނީ ފަސް ލަނޑެވެ.

އުމުރުން 23 އަހަރުގެ މިޑްފީލްޑަރު ވޯލްޑް ކަޕުގައި ގްރީސް، އައިވަރީ ކޯސްޓް، ޖަޕާން އަދި ބްރެޒިލް، މިއިން ކޮންމެ ޓީމެއް ކޮޅަށް ލަނޑެއް ކާމިޔާބުކުރި އިރު، ގަދަ ސޯޅާގައި އުރުގުއާއީ އާ ދެކޮޅަށް ކުޅުނު މެޗުގައި ދެ ލަނޑު ކާމިޔާބުކުރި އެވެ.

"އަހަރެންނަށް ފުރިހަމަ ވެގެން އެ ދިޔައީ އަހަރެން ކުރަމުން އައި ހުވަފެނެއް. މެޑްރިޑްގައި ވެސް އެ ފަދަ ކާމިޔާބީތަކެއް ހޯދޭނެ ކަމަށް އުންމީދުކުރަން،" ރޮޑްރިގޭޒް ބުންޏެވެ. "މެޑްރިޑުގައި ހިމެނޭ ކޮންމެ ކުޅުންތެރިއަކީ ވެސް މޮޅު ކުޅުންތެރިއެއް. މި ކްލަބުން އަހަރެން ފަރާތުން ބޭނުންވާ ކަންތައްތައް ފުރިހަމަކޮށްދިނުމަށް މަސައްކަތް ކުރާނަން."

ފީފާގެ ރަސްމީ ވެބްސައިޓުން އާންމުންނަށް ވޯލްޑް ކަޕުގެ އެންމެ މޮޅު ގޯލު ހޮވުމަށް ވަނީ ހުޅުވާލައިފަ އެވެ. އާންމުން ހޮވި އެންމެ މޮޅު ގޯލަކަށްވެގެން ދިޔައީ އުރުގުއާއީ އާ ދެކޮޅަށް ކުޅުނު މެޗުގައި ރޮޑްރިގޭޒް ކާމިޔާބުކުރި ވޮލީ ގޯލެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު