ދަރުބާރުގެ މަރާމާތުކުރުމަށްފަހު އަލުން ހުޅުވައިފި

ބޮޑު ޚަރަދުތަކެއް ކޮށްގެން ދަރުބާރުގެ މަރާމާތު ކުރުމަށްފަހު އަލުން ހުޅުވައިފި އެވެ.

މަރާމާތު ކުރުމަށްފަހު ދަރުބާރުގެ ރަސްމީކޮށް ހުޅުވުމަށް މިއަދު ހަވީރު ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެތަން މަރާމާތު ކުރެވިފައި ވަނީ ގާތްގަނޑަކަށް ފަސް މިލިއަން ނުވަތަ ހަ މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކަމަށެވެ.

ޑރ. މުއިއްޒު ވިދާޅުވީ ކެބިނެޓުގެ ނިންމުމާ އެއްގޮތަށް ދަރުބާރުގެ ސިޓީ ކައުންސިލުން ނެގުމަށްފަހު އެ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދިޔައިރު މުޅިތަން އޮތީ ވަރަށް ބޮޑަށް ވީރާނާވެފައި ކަމަށެވެ. އަދި މިހާރު މިވަނީ ދަރުބާރުގެ ވީރާނާވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް އެތަނަށް ކޮންމެހެން ގެންނަންޖެހޭ ކުރިއެރުންތައް ގެނެސްފައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ވަރަށް ގިނަ ކަންތައްތައް ދަރުބާރުގޭގައި ކުރަންޖެހިފައި ހުރި. ވަރަށް ބޮޑަށް ތަން އޮތީ ވީރާނާވެފައި އަޅުގަނޑުމެންނާ ހަވާލުވިއިރު. ފުރާޅުން [ފެން] ލީކުވުމުގެ ކަންތައް ވެސް ވަރަށް ބޮޑު. ފާރުގެ ތަންތަންގަނޑު ވެއްޓި، ސިޑިތައް ހަލާކުވެ، ފާޚާނާތައް ހަލާކުވެ، ޓައިލްސަތައް ހަލާކުވެ، މިގޮތުން ވަރަށް ގިނަ ކަންތައް ހުރީ ރަނގަޅު ކުރަންޖެހިފައި،" މިނިސްޓަރު ވިދާޅުވި އެވެ.
ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން


މަރާމާތުގެ ތަފްސީލް ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެތަނުގެ ސީލިންގްތައް ބަދަލުކޮށް ފާރުތަކުގައި ޖަހާފައި ހުރި ފެބްރިކް ވެސް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެތަނުގެ އެންމެ ބޮޑު މާލަން ކަމުގައިވާ ރަންނަ ބަނޑޭރި މާލަމުގެ ކާޕެޓު މުޅިން ބަދަލުކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިގޮތުން ބަލާލާއިރު ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ދަރުބާރުގޭގެ ފުރާޅުގެ އެއްބައި އެއްކޮށް ބަދަލުކުރެވިފަވޭ. ވަރަށް ބޮޑަށް ފެންލީކުވެ ވަރަށް ބޮޑަށް ވަނީ ސީލިންގްތައް ހަލާކުވެފައި. ސީލިންގް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި. ހަލާކުވެފައި ހުރި ދިމާލުން ވަނީ ބަދަލުކުރެވިފައި. ދަރުބާރުގޭގެ އެތެރެއިންނާ ބޭރުން ކުލަ ލެވިފައި ވަނީ. އަދި އެންމެ ބޮޑު މާލަން، ރަންނަ ބަނޑޭރި މާލަމުގެ ވަރަށް ބޮޑުބައި ވަނީ ބަދަލުކުރެވިފައި. އެގޮތުން މުޅި ކާޕެޓު އެއްކޮށް ބަދަލުކުރެވިފައި ވާނެ،" މުއިއްޒު ވިދާޅުވި އެވެ.

ދަރުބާރުގެ މަރާމާތު ކުރުމަށްފަހު އެތަން ކުއްޔަށް ދިނުމަށް އާ އުސޫލެއް ކަނޑައަޅައި، އެ އުސޫލުގެ ދަށުން އެތަން ކުއްޔަށް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު ވިދާޅުވީ މިހާރު އިއުލާން ކުރެވިފައިވާ އާ އުސޫލުގައި ކުއްޔަށްދޭ އަގަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

"މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އިއުލާން ކުރެވިފައިވާ އުސޫލާ އެއްގޮތަށް ކުރިއަށް ވުރެ ހަރުދަނާ ހާމަކަން ބޮޑު އުސޫލުން މިތަން ކުއްޔަށް ދޫކުރެވޭނެ. ކުއްޔަށް ދޫކުރާ އަގަށް ކޮންމެވެސް ވަރަކަށް ބަދަލު އައިސްފަ ހުންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު