24 ކިލޯގެ ޑްރަގް މައްސަލައިގައި ހައްޔަރު ކުރި ތިން މީހެއްގެ މައްޗަށް ދައުވާ ނުކުރަން ނިންމައިފި

ދިވެހިރާއްޖެއަށް 24 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ފަސް މީހުންގެ ތެރެއިން ތިން މީހެއްގެ މައްޗަށް ދައުވާ ނުކުރަން ނިންމައިފި އެވެ.

'ސަން'އަށް އެނގިފައިވާ ގޮތުގައި އެ ތިން މީހުންގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައި ވަނީ ދައުވާ ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައިނުވާތީ އެވެ.

ދައުވާ ނުކުރަން ނިންމި މީހުންގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތި ބަލައި އީރާނުގެ ހޮރުމޯޒު ބޯޓަށް ދިޔަ ދޯނީގެ ވެރިމީހާ އާއި އެ ދޯނީގެ ކެޕްޓަނުގެ އިތުރުން އެ މައްސަލައިގައި ހައްޔަރު ކުރި ފުލުހުސް މީހާއެވެ.

ފުލުސް މީހާ އަކީ މަސްތުވާތަކެތި ގަތުމަށްޓަކައި ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގައި އަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހާ އެވެ.

އެ މައްސަލައިގައި ދައުވާ އުފުލާފައި ވަނީ ހ. އެވާޕީސް، އަބްދުﷲ ސަފްވަތާއި ގ. ޓްރަސްޓްވުޑް، އިސްމާއީލް މޫސާގެ މައްޗަށެވެ. އެ ދެ މީހުންނަކީ ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގައި ހޮރުމޯޒު ބޯޓު އޮއްވައި މަސްތުވާތަކެތި ބަލައި އެ ބޯޓަށް ދޯންޏެއްގައި ދިޔަ ދެ މީހުންނެވެ.

އީރާނުގެ ހޮރުމޯޒު ބޯޓުން ރާއްޖެއަށް 24 ކިލޯގެ މަސްތުވާތަކެތި އެތެރެކޮށްފައި ވަނީ، ޑިންގީއެއްގެ ކައްޅި ތަކުގެ ތެރެއަށްލައި ފައިބަރުޖަހައި ބަންދުކޮށްގެނެވެ. އެ ތަކެތި ބަލައި ހޮރުމޯޒު ބޯޓަށް ދިޔަ މީހުން ފުލުހުން އަތުލައިގަތީ، އއ. މަތިވެރިއާ ދިމާލުން 30 ނޯޓިކަލް މޭލު ބޭރުން މަސްތުވާތަކެތި ފޮރުވާފައިވާ ޑިންގީ ހިފައިގެން ދޯނީގައި އައިސް ހުޅުމާލެއަށް ފޭބިވަގުތު އެވެ.

މަސްތުވާތަކެތި ހިފައިގެން ރާއްޖެ އައި ހޮރުމޯޒު ބޯޓުގައި ތިބި ޕާކިސްތާނުގެ 11 މީހަކު ވެސް އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރި އެވެ. ނަމަވެސް ފުލުހުންގެ ތަހުގީގު ނިމުނުއިރު އެމީހުންގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ހެކި ލިބިފައި ނުވާތީ އެ އެންމެން މިހާރު ވަނީ ޑީޕޯޓުކޮށްލައިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު