މަސްތުވާތަކެތީގެ ވިޔަފާރި ކުރި މީހަކު އުމުރަށް ޖަލަށްލުމަށް ހުކުމް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރި ކުރި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރި ހަތަރު މީހުންގެ ތެރެއިން ތިން މީހަކު ސަލާމަތްވެ، އެކަކު އުމުރަށް ޖަލަށްލުމާ އެކު 100،000 އިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ދެހާސް ބާރަ ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ރޭ 11:07 އެހައިކަންހާއިރު ކޯޓު އަމުރެއްގެ ދަށުން މ. އޯކިޑުހައުސްގޭގެ ހަތަރު ވަނަ ފަންގިފިލާ ބަލައި ފާސްކޮށް ފުލުހުން ހައްޔަރު ކުރި ހަތަރު މީހުންނަކީ، މ. ހަތިކަނޑު އަހްމަދު މޫސާ އާއި ހަމައެގޭ އަލީ މޫސާ އާއި މ. ސޭންޑީހޯލް އަބްދުﷲ އިނާޒު އާއި ސ. މަރަދޫ ބޯޅަނދަޑުގޭ މުހައްމަދު ލިއުޝާނެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނެފައި ވަނީ މ. އޯކިޑުހައުސްގޭގެ ހަތަރު ވަނަ ފަންގިފިލާގެ ބެލްކަނީގައި އެމީހުންތިއްބައި އެ އެންމެން ހައްޔަރުކޮށް އެމީހުންގެ ހާޒިރުގައި އެ ކޮޓަރިތެރެ ބަލައި ފާސްކުރި އިރު، އެތަނުގައި ހުރި އަލަމާރީގެ މަތީގައި އޮތް ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ރަބަރު ޕެކެޓެއް ފެނިފައިވާކަން ހެކީންގެ ހެކިބަހުން އެނގެން އޮންނަ ކަމަށެވެ.

އެ ކޮޓަރިތެރެއިން ފެނުނު މަސްތުވާތަކެތި ތަހުލީލު ކުރި އިރު އޭގެ ބަރުދަނުގައި 442.9000 ގްރާމް ކެނަބިސް ހުރިކަން އެ ތަކެތީގެ ތަހުލީލު ރިޕޯޓުން އެނގެން އޮންނަ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.

އެ ހުކުމްގައި ބުނެފައި ވަނީ އެ ދައުވާ ސާބިތުވަނީ އެމީހުންގެ ތެރެއިން ހަމައެކަނި ލިއުޝާންގެ މައްޗަށް ކަމަށާއި ދެންތިބި މީހުންގެ މައްޗަށް ދައުވާ ސާބިތުކުރެވޭ ވަރުގެ ކާފީ ހެކި ލިބިފައިނުވާ ކަމަށެވެ.

"....މުހައްމަދު ލިއުޝާން އުމުރަށް ޖަލަށްލުމާ އެކު 100،00 ރުފިޔާ އިން ޖޫރިމަނާކޮށް މިފައިސާ މިއަދުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދެއްކުމަށް މުހައްމަދު ލިއުޝާނަށް އަންގައި، މިގޮތުގެމަތިން ހުކުމްކޮށް، މި ގަޒިއްޔާގައި ދައުވާލިބޭ އަހްމަދު މޫސާ އާއި އަބްދުﷲ އިނާޒު އާއި އަލީ މޫސާގެ މައްޗަށް މި ދައުވާ ސާބިތުނުވާ ކަމަށް ކަނޑައަޅައި މިގޮތުގެމަތިން ހުކުމްކޮށް މިގަޒިއްޔާ ނިންމީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު