ހަމަނުޖެހުންތަކަށް މަގުފަހިވާ ގޮތަށް ބައެއް ނޫސްތަކުގައި ކޮމެންޓުތައް ޝާއިއުކުރޭ: ޕީޖީ

ރާއްޖޭގައި ހިންގާ ބައެއް ނޫސްތަކުގައި މީސްމީހުންގެ މެދުގައި ނަފްތަރު އުފެދޭގޮތަށް ކޮށްފައި ހުންނަ ކޮމެންޓުތައް ޝާއިއުކުރާ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް މުތާޒު މުހުސިން ވިދާޅުވެއްޖެ އެވެ.

'ސަން'އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ޕީޖީ މުހުތާޒު ވިދާޅުވީ، ބައެއް ނޫސްތަކުގައި "މޮޑަރޭޓް" ނުކުރެވި ކޮމެންޓުތައް ޝާއިއުކުރެވޭކަން އެމަނިކުފާނަށް ފާހަގަ ކުރެވޭ ކަމަށާއި އަދި އެކަމުގެ ޝަކުވާތައް ވެސް ލިބިވަޑައިގެންފައިވާ ކަމަށެވެ.

"އަޅުގަނޑު މަގާމާ ހަވާލުވި ފަހުން މިދިޔަ ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އާންމު ރައްޔިތުންގެ ވަރަށް ބައިވަރު ޝަކުވާ އައި އެކަމާ ގުޅިގެން. ނަފްރަތު އުފެއްދުމާ އިތުރަށް ކަންކަން ގޯސްކުރުމަށް މަގުފަހިވާ ބާވަތުގެ، ރުޅިވެރިކަން އިތުރުވާ ބާވަތުގެ ކޮމެންޓުތައް އެބަ ޝާއިއުކުރެވިގެންދޭ. އަޅުގަނޑަކަށް އެއީ ގަބޫލުކުރެވޭނެ ހަމައެއް ވެސް ނޫން،" މުހުތާޒު ވިދާޅުވު އެވެ.

މުހުތާޒު ވިދާޅުވީ އެ މައްސަލަ ރަސްމީ ސިފައެއްގައި މީޑިއާ ކައުންސިލަށް ހުށަހެޅުމަށް އެމަނިކުފާނު ގަސްތު ކުރައްވާ ކަމަށެވެ. އަދި އެފަދަ ކޮމެންޓުތައް ޝާއިއު ނުކުރެއްވުމަށް އެމަނިކުފާނު ވަނީ މީޑިއާގެ ހުރިހާ ފަރާތްތަކުގެ ކިބައިން އެދިވަޑައިގެންފަ އެވެ.

"މިކަން ރަސްމީ ސިފައެއްގައި މީޑިއާ ކައުންސިލާ ހިއްސާކުރުމުގެ ވިސްނުން އަޅުގަނޑުގެ އެބަހުރި. އެއީ ރައްޔިތުންގެ ޝަކުވާތަކެއް އަޅުގަނޑާ ހަމައަށް އައީމަ އަޅުގަނޑު އެބަޖެހޭ އެކަން ވެފައި އޮތްގޮތް ބަލަން. އަޅުގަނޑު ފިޔަވަޅުއަޅާ ވާހަކައެއް ނޫން. މީޑިއާ ބޭފުޅުން އަޅުގަނޑުދެކެނީ އަޅުގަނޑާ ވަރަށް ގާތް ބޭފުޅުންތަކެއްގެ ގޮތުގައި އަޅުގަނޑު މިދަނީ ވީވަރަކުން މީޑިއާއަށް ފުރުސަތު ވެސް ދެމުން،" މުހުތާޒު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މީސްމީހުންގެ މެދުގައި ނަފްރަތު އުފައްދައި ހަމަނުޖެހުމަށް މަގުފަހިވާޒާތުގެ ކޮމެންޓުއް ޝާއިއުކުރުމަކީ އެއްވެސް މީޑިއާގެ ވަސީލަތަކުން ނިންމާނެ ކަމެއް ކަމަށް ގަބޫލުފުޅުނު ނުކުރައްވާ ކަމަށެވެ. އަދި ގައުމު އަމާންތަކަށް ހެދުމުގައި މީޑިއާގެ ދައުރު އޮތްކަމަށް ވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް މިކުރަނީ ގައުމު އަމާންތަނަކަށް ހަދަން. އެކަން އަޅުގަނޑުމެންނަށް ކުރެވޭނެ،" ޕީޖީ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު