ޣައްޒާއަށް އެހީވުމަށް ޖަންބަލް ސޭލެއް ހިންގާނެ ބަޔަކު ހޯދަން އިއުލާންކޮށްފި

އިސްރާއީލްގެ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް ފައިސާ ހޯދުމަށްޓަކައި ޖަމްބަލް ސޭލް އިންތިޒާމުކޮށް ރާވައި ހިންގައިދޭނޭ ބަޔަކު ހޯދަން އިއުލާން ކޮށްފި އެވެ.

ދިވެހި މީޑިއާގެ ފަރާތްތަކުން އިސްނަގައިގެން އަންނަ ހުކުރު ދުވަހުގެ މެންދުރު ފަހު 14:30 އިން ފެށިގެން 33 ގަޑި، 30 މިނިޓަށް ކުރިއަށް ގެންދިއުމަށް އިންތިޒާމު ކުރާ ޓެލެތޯންގެ ސްޓީއަރިން ކޮމެޓީން ނިންމާފައިވާ ޖަމްބަލް ސޭލް އިންތިޒާމުކޮށް ރާވައި ހިންގައިދޭނޭ ބަޔަކު ހޯދަން އިއުލާން ކުރީ މިއަދު އެވެ.

މިކަން ކޮށްދޭން ޝަގުވެރިވާ ފަރާތްތަކުން މިއަދު މެންދުރު ފަހު 3:00 އަށް ދިވެހި ރާއްޖޭގެ އަޑުގެ ސެނަކޯ މާލަމަށް ވަޑައިގެން މައުލޫމާތު ސާފުކުރަން ޖެހޭނެ ކަމަށް ޓެލެތޯންގެ ސްޓީއަރިން ކޮމެޓީން ބުންޏެވެ.

އަންނަ ހުކުރު އަދި ހޮނިހިރުގެ ބަންދާ ދިމާކޮށް ބާއްވާ ޖަންބަލް ސޭލް އިންތިޒާމު ކުރުމުގައި ސްކޫލްތަކުގެ ބެލެނިވެރިންނާއި ޓީޗަރުން އިސްނެގުމަކީ ޓެލެތޯންގެ ސްޓީއަރިން ކޮމެޓީން ވަރަށް ބޮޑު އެދުމެއް ކަމަށް އެ ކޮމެޓީން ބުންޏެވެ.

ޖަމްބަލް ސޭލް ބޭއްވުމަށް ސްޓީއަރީން ކޮމެޓީން ނިންމާފައި ވަނީ ފައިސާގެ ގޮތުން "ހެލްޕް ގާޒާ" ފަންޑަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދަތިވާ ފަރާތްތަކަށް ގޭގައި ގެންގުޅުއްވާ، ނުވަތަ ބޭނުން ކުރައްވާ އުނު އަންނަނު ފަދަ އެއްޗެއް ވިއްކަވާލައްވައިގެން ނަމަވެސް ފަންޑަށް ފައިސާ ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުންނެވެ.

"ހެލްޕް ގާޒާގެ ނަމުގައި ކުރިއަށް ގެންދިއުމަށް އިންތިޒާމު ކުރާ ޓެލެތޯންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލީ ފަލަސްތީނުގައި ދިރިއުޅޭ އަޅުގަނޑުމެންގެ އެއްބަނޑު އެއްބަފާ މުސްލިމް އަހުންނާއި އުހުތުންގެ އިތުރަށް އަންހެނެއް ކުޑަކުއްޖެއް ބެލުމެއް ނެތި ޒައިނިސްޓް އިޒުރޭލުން ކުރިއަށް ގެންދާ އުދުވާނީ އަދި އަނިޔާވެރި ލާ އިންސާނީ އަމަލުތަކުގެ ސަބަބުން ނިކަމެތިކަން ލިބިފައިވާ ފަރާތްތަކަށް އެހީގެ އަތެއް ފޯރުކޮށްދިނުމުގެ ފުރުސަތު އެކަމަށް އެދޭ ކޮންމެ ބަޔަކަށް ވެސް ތަނަވަސްކޮށްދިނުމުގެ ބޭނުމުގަ އެވެ،" ޓެލެތޯންގެ ސްޓީއަރިން ކޮމެޓީން ނެރުނު ބަޔާނުގައި ވެއެވެ.

ދިވެހި މީޑިއާއިން މިފަދަ ކަމަކަށް އިސްނެގީ މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން ވީހާ ވެސް ގިނަ ބަޔަކަށް އިސްރާއީލުގެ އަނިޔާވެރި ލާ އިންސާނީ އަމަލުތައް އަންގައިދީ އަދި މެދުވެރިއެއްގެ ބައި އަދާ ކުރުމަށް މަސައްކަތް ކުރެވިދާނެ އެއް ފަރާތަކީ މީޑިއާ ކަމަށް ގަބޫލުކުރެވޭތީ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު