ހަމާސް ނެތިކޮށްލައިފިއްޔާ އުފަންވާނީ އިތުރު "އައިއެސްއައިއެސް"އެއް: ޕެންޓަގަން

ހަމާސް ނައްތާލައިފިއްޔާ އޭގެ ނަތީޖާއަކަށް ވެގެންދާނީ، މެދުއިރުމަތީގައި "އިސްލާމިކް ސްޓޭޓް" ފަދަ ވަރުގަދަ ހަނގުރާމަ ވެރި އިތުރު ޖަމާއަތެއް އުފަންވުން ކަމުގެ އިންޒާރު އެމެރިކާގެ ގައުމީ ދިފާއީ ބާރު، ޕެންޓަގަންގެ އޮފިޝަލުން ދީފިއެވެ.

ހަމާސްއިން އިސްރާއީލަށް ހަމަލާދިނުމަށް ޣައްޒާގައި ބިންގަރާސްތައް ހަދައި އެފަދަ ވަސީލަތްތަކުގެ ބޭނުންކޮށްގެން ދެމުންގެންދާ ހަމަލާތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން، އެމެރިކާ އާމީގެ ޑިފެންސް އިންޓެލިޖެންސް އޭޖެންސީގެ ޑިރެކްޓަރު ލެފްޓިނެންޓް ޖެނެރަލް މައިކަލް ފްލީން ވިދާޅުވީ، ހަމާސްގެ އެފަދަ ބާރުތައް ކަނޑުވާލައި އެ ޖަމާއަތް ނެތިކޮށްލުމަށް އިސްރާއީލުން މިހާރު ކުރަމުންދާ މަސައްކަތްކުގެ އާޚިރު ނަތީޖާއަކަށް ވެގެންދާނީ، އެ ސަރަހައްދުގައި ހަނގުރާމަވެރި އިތުރު ޖަމާއަތްތަށް އުފެދުން ކަމަށެވެ.

"ހަމާސް އެއްކޮށް ނައްތާލައފި އެމީހުންގެ އަޑު ކަނޑުވާލުމުން އާޚިރު ނަތީޖާއެއްގެ ގޮތުން ދެން އަހަރެމެން ކުރިމަތިލާން ޖެހޭނީ އެއަށްވުރެ ނުރައްކާތެރި ކަންތައްތަކަކާ. މުޅި ސަރަހައްދު ކުރިމަތިލާން ޖެހޭނީ މިހާރަށް ވުރެވެސް ނުރައްކާތެރި ހާލަތަލާ،" ކޮލަރާޑޯގައި ޕެންޓަގަންއިން ކުރިއަށް ގެންދިޔަ ސަލާމަތީ ކަންތައްތަކާ ބެހޭ ފޯރަމެއްގައި ލެފްޓެނަންޓް ޖެނެރަލް ވިދާޅުވި ކަމަށް ރޮއިޓާސްގައި ވެއެވެ.

މިސާލު ދައްކަވަމުން ލެފްޓެނަންޓް ޖެނެރަލް މައިކަލް ފްލީން ވިދާޅުވީ، އިރާގާއި ސީރިޔާގެ އުތުރުގެ ބޮޑެތި ވާދީތަށް މިހާރުވަނީ އައިއެސްއައިއެސް ފަދަ ހަގުރާމަވެރި ޖަމާއަތްތަކުގެ ބާރުގެ ދަށަށް ގޮސްފައި ކަމަށާއި، ފަލަސްތީނުން ހަމާސް ނައްތާލައިފި ނަމަ، އެ ސަރަހައްދުގައި ވެސް ހަމަ އިރާގާއި ސީރިޔާއިން މިހާރު ތަހައްމަލު ކުރަމުންދާ ފަދަ ކަންތައްތަކެއް ފެނިގެންދާނެ ކަމަށެވެ.

އިސްރާއީލުން ވޭތުވެދިޔަ 20 ދުވަހުގެ ތެރޭގައި ޣައްޒާއަށް ދެމުން އަންނަ ރަހްމެއްނެތް އުދުވާނީ ހަމަލާތަކުގައި ފަލަސްތީނުގެ 1000އަށް ވުރެ ގިނަ މީހުން ޝަހީދުކޮށް އެތަކެއް ހާސް މީހުންވަނީ، ޒަޚަމްކޮށްލާފައެވެ.

އާދީއްތަ ދުވަހު، އިސްރާއީލުންނާއި ހަމާސްއިން ވެސް ވަނީ، ހަމަލާތައް ބަދަލުކުރުން މެދުކަނޑާލުމަށް ވަކިވަކި ހުށަހެޅުން ތަކެއް ހުށަހަޅައިފައެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުންގެންދާ ލާއިންސާނީ ގަތުލުއާންމުތަކާ ދެކޮޅަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަޑުއުފުލަމުންދާ އިރު، އަދި އދ.ގެ ސަލާމަތީ މަޖިލީހުގައި ވެސް އެކަމާ ބެހޭގޮތުން ވާހަކަތައް ދެކެވެމުންދާއިރު، އިސްރާއީލާ އެއްކޮޅަށް ފާޅުގައި އަޑުއުފުލާ ގައުމަކީ އެމެރިކާކަން ފާހަގަކޮށްލެވެ އެވެ.

އިސްލާމިކް ސްޓޭޓް ފަދަ ޖަމާއަތެއްގެ ހިޔަނި ހަމާސްގެ މައްޗަށް ވެސް އެޅެމުންދާ ކަމަށް ސިފަކުރައްވަމުން ޖެނެރަލް ފްލީން ވިދާޅުވީ، އިސްރާއީލާ ހަމާސްއާ ދޭތެރޭގައި ހަމަޖެހުން ގާއިމުވެގެން ދާތަން "އަހަރެންގެ ހަޔާތުގައި" ފެނިގެން ހިނގައިދާނޭ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު