ކޮނޑޭގައި ކައުންސިލެއް ގާއިމް ކޮށްދިނުމަށް ގެމަނަފުށީ ދާއިރާގެ މެމްބަރު ގޮވާލައްވައިފި

ގއ. ކޮނޑޭގައި ކައުންސިލެއް ގާއިމް ކޮށްދިނުމަށް ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލު އުސްމާން ކަމާ ބެހޭ އިދާރާ ތަކަށް ގޮވާލައްވައިފި އެވެ.

ސަން އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ޖަމީލު ވިދާޅުވީ ކޮނޑޭގައި ކައުންސިލެއް ނެތްތާ ހަ މަސް ފާއިތުވެގެން ގޮސްފައިވާ ކަމަށާއި އެއީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ އެންމެ ފަހުން ބޭއްވި ކޮނޑޭ ކައުންސިލްގެ އިންތިޚާބު ބާތިލް ކުރުމަށްފަހު އަލުން އިންތިޚާބު ބޭއްވުމަށް ހައިކޯޓުން ހުކުމް ކުރުމާ ގުޅިގެން އެ ކޮމިޝަންގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށެވެ. އަދި ކޮނޑޭ ކައުންސިލް އިންތިޚާބާ ބެހޭގޮތުން އެއްވެސް ކަމެއް ކުރާނީ ސުޕްރީމް ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ކޮނޑޭ ކައުންސިލް އިންތިޚާބާ ގުޅޭ މައްސަލަ އެ ކޮމިޝަންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައި އޮންނަތާ އެތަކެއް ދުވަސް ފާއިތުވެގެން ދިޔަ ނަމަވެސް މިހާތަނަށް އެ މައްސަލައިގެ އެއްވެސް އަޑުއެހުމެއް ބާއްވާފައެއް ނުވެއެވެ.

ގެމަނަފުށީ ދާއިރާގެ މެމްބަރު ވިދާޅުވީ ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ނިންމުމަށް ނޭންގޭނެ ކަމަށާއި އެހެންނަމަވެސް އެކަމާ ބެހޭ ގޮތުން ވާހަކަދެކެވި އަވަސް ހައްލެއް ގެނެވެން ޖެހޭނެ ކަމަށެވެ.

"އެ މައްސަލަ [ކޮނޑޭ ކައުންސިލް އިންތިޚާބާ ބެހޭ މައްސަލަ] ކޯޓު މަރުހަލާގައި އުޅޭތާ ގާތްގަނޑަކަށް ހަ މަސް ވެގެން މިދަނީ. މިއީ ވަރަށް ސީރިއަސްކޮށް ނަގަންޖެހޭ މައްސަލައެއް. ސުޕްރީމް ކޯޓު ވިޔަސް އެލްޖީއޭ ވިޔަސް އަދި ނޫނިއްޔާ އިލެކްޝަންސް ކޮމިޝަނުން ވިޔަސް ތަންކޮޅެއް ރަނގަޅު ގޮތެއް ހޯދައި މިކަން ކުރެވޭނެ ގޮތެއް ރާވަން އެބަޖެހޭ،" ޖަމީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ކޮނޑޭގައި ކުރަންޖެހިފައި ހުރި ވަރަށް ގިނަ ޕްރޮޖެކްޓުތަކާއި ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި ކަމަށާއި އެރަށުގައި ކައުންސިލެއް ނެތުމުން އެ ހުރިހާ ކަމެއް ވަނީ ހުއްޓިފައި ކަމަށެވެ.

"ޚާއްސަކޮށް ކޮނޑޭ ފުޓުބޯޅަ ދަނޑުވެސް ހަދަން ވެގެން ޔޫތު މިނިސްޓްރީން ވަނީ ދެ ފަހަރެއްގެ މަތިން އިއުލާންކޮށްފައި. ނަމަވެސް އެރަށުގައި ކައުންސިލެއް ނެތުމުން އެކަން ކުރާނެ ބަޔަކު ނެތިގެން ވަނީ ނުކުރެވިފައި،" ޖަމީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންތިޚާބާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކަށް ހުށަހެޅޭ މައްސަލަތައް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ ދެ ކެނޑިޑޭޓެއްގެ ދެމެދުގައި ކުދިކުދި ތަފާތުތަކެއް ހުރެގެން މައްސަލައެއް ޖެހުނު ކަމުގައި ވިޔަސް، އަދާކުރަމުންދިޔަ ވަޒީފާ ދޫކޮށްލުމަށްފަހު އިންތިޚާބުގައި ވާދަކޮށް ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންގެ ހައްގުތަކެއް ވާކަން ވެސް ދަންނަންޖެހޭނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު