ބޯކޯ ހަރާމުން ކެމަރޫންގެ ބޮޑުވަޒީރުގެ ނައިބުގެ އަނބިކަނބަލުން ރަހީނުކޮށްފި

ނައިޖީރިއާގެ ޖަމާއަތެއް ކަމަށްވާ ބޯކޯ ހަރާމްގެ ހަނގުރާމަވެރިން، ކެމަރޫންގެ ބޮޑުވަޒީރުގެ ނައިބު، އަމަދޫ އަލީގެ އަނބިކަނބަލުން ރަހީނުކޮށްފި އެވެ.

ކެމަރޫންގެ އިންފޮމޭޝަން މިނިސްޓަރު އިއްސާ ޓްޝިރޯމާ ވިދާޅުވީ، ނައިޖީރިއާގެ ބޯޑަރު ސަރަހައްދުގެ ކައިރީގައިވާ ކެމަރޫންގެ އުތުރުގެ އަވަށެއް ކަމަށްވާ ކޮލޮފާތާގައި އަލީގެ އަނބިކަނބަލުން ރަހީނުކުރި ހާދިސާގައި ބޯކޯހަރާމުން ދިން ހަމަލާގައި އިތުރު ތިން މީހަކު މަރާލާފައިވާ ކަމަށެވެ. އަދި ވަކިން ދިން ހަމަލާތަކެއްގައި އެ އަވަށުގެ ދީނީ ލީޑަރު އަދި މޭޔަރު ސެއިނީ ބޫކަރު ލެމީން ވެސް ރަހީނު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ޔަގީންކޮށްދެން، ކޮލޮފާތާގައި ހުންނަ ވައިސް ޕްރައިމްމިނިސްޓަރު އަލީގެ ގެކޮޅަށް ބޯކޯ ހަރާމްގެ ހަނގުރާމަވެރިން ވަރުގަދަ ހަމަލާތަކެއް މިއަދު ދީފައިވާ ކަން،" ރޮއިޓާސްއަށް އާދީއްތަ ދުވަހު ކެމަރޫންގެ އިންފޮމޭޝަން މިނިސްޓަރު ވިދާޅުވި އެވެ.

"އެމީހުން ވަނީ، ޢަލީގެ އަނބިކަނބަލުން ގެންގޮސްފައި. އަދި އެމީހުން ވަނީ، އަވަށުގެ ދީނީ ލީޑަރެއްގެ ގެއަށް ހަމަލާދީ އޭނާވެސް ރަޙީނު ކޮށްފައި."

ނައިޖީރިއާގެ ހަނގުރާމަވެރި ޖަމާއަތާ ކުރިމަތިލުމަށް ކެމަރޫންގެ ހާހަކަށް ވުރެ ގިނަ ސިފައިން ދެގައުމުގެ ބޯޑަރު ސަރަހައްދަށް ފޮނުވާފައި ވާ އިރު، ކްރޮސް-ބޯޑަރު ސަރަހައްދުގައި ބޯކޯ ހަރާމްގެ ހަނގުރާމަވެރިންނާއި ކެމަރޫންގެ ސިފައިންނާ ދެމެދު ހިނގި ކުރިމަތިލުން ތަކެއްގައި ސިފައިންގެ ހަތަރު މީހަކު މަރުވެފައި ވާ ކަމަށް ވެސް އެގައުމުގެ އިންފޮމޭޝަން މިނިސްޓަރު ވިދާޅުވި އެވެ.

ބޯކޯ ހަރާމްގެ ހަނގުރާމަވެރިން ވަނީ، މިދިޔަ މޭ މަހު، ކެމަރޫންގައި މަސައްކަތްކުރާ، ޗައިނާގެ 10 މީހަކުވެސް ރަހީނުކޮށްފައެވެ. އަދި މިދިޔަ ހަފުތާގައި އެޖަމާއަތުން ވަނީ ވަރުގަދަ ކުރިމަތިލުންތަކަކަށް ފަހު، ނައިޖީރިއާގެ އިރުއުތުރު ޝަހަރެއް ކަމަށްވާ ޑަމްބޯއާ ހިސާރުކޯށް 15،000އަށް ވުރެ ގިނަމީހުން ގެދޮރުން ބޭރުކޮށްލާފައެވެ.

ބޯކޯ ހަރާމްގެ ހަނގުރާމަ ވެރިން 2009 ވަނަ އަހަރު ނައިޖީރިއާ ސަރުކާރާ ދެކޮޅަށް ތެދުވި ފަހުން ދެފަރާތުގެ ކުރިމަތިލުން ތަކުގައި މިހާތަނަށް އެތަކެއް ހާސް ބަޔަކު މަރުވެފައި ވާއިރު، ވޭތުވެދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި އެ ޖަމާއަތުން ވަނީ، އެތަކެއް ސަތޭކަ ބަޔަކު މަރާލައިފައެވެ.

ނައިޖީރިއާގައި މީގެ 12 އަހަރު ކުރިން ހަރަކާތްތެރިވަމުން އަންނަ މި ހަރުކަށި ޖަމާއަތް، ބައިނަލްއަގްވާމީ މުޖުތަމައުގެ ލޮލުގައި އަޅައިގަތީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި އެގައުމުގެ ސްކޫލެއްގައި ކިޔަވަންތިބި 270 އަންހެންކުދިން ރަހީނުކުރި ހާދިސާއަށް ފަހު އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު