އިސްރާއީލާ ދެކޮޅަށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގައި ދައުވާކޮށްފި

ޕެރިސް (25 ޖުލައި ) – އިސްރާއީލުން ޣައްޒާގައި ހިންގަމުން ގެންދަނީ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށް ބުނެ ޒަޔަނިސްޓް ޔަހޫދީ ދައުލަތާ ދެކޮޅަށް ޣައްޒާގެ އިސް އޮފިޝަލުންތަކެއް ބައިނަލްއަގްވާމީ ޖިނާއީ ކޯޓު (އައިސީސީ) ގައި ދައުވާ ކޮށްފި އެވެ.

ފަލަސްތީނުގެ ޖަސްޓިސް މިނިސްޓަރު ސަލީމް އަލް ސައްގާއާއި ޣައްޒާ ކޯޓުގެ ޕަބްލިކް ޕްރިސެކިއުޓަރު އިސްމާއީލް ޖަބަރު އިސްވެ ހުންނަވައިގެން ޕެރިހުގެ ލޯޔަރެއް މެދުވެރިކުރައްވައި މިއަދު ވަނީ، އައިސީސީގައި މައްސަލަ ފައިލުކޮށްފަ އެވެ.

ފަލަސްތީނުގެ އޮފިޝަލުންނާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ބުނީ، ހަނގުރާމާއިގެ ޖަރީމާ ތަކުގެ ގޮތުގައި އައިސީސީގައި އިސްރާއީލާ ދެކޮޅަށް އުފުލާފައިވާ ދައުވާގައި ފަލަސްތީނުގެ ބިންތައް ހިސާރުކުރުމާއި، އާންމު ރައްޔިތުންނަށް އަމާޒުކޮށް ހަމަލާދިނުމާއި، ނަސްލު ނައްތައިލާން މަސައްކަތްކުރުމުގެ އިތުރުން އެތަކެއް އިންސާނުންގެ ފުރާނަ ދުއްވައިލުން ހިމެނޭ ކަމަށެވެ.

ނެދަލޭންޑްގެ ހޭގުގައި ހުންނަ އައިސީސީގައި މި މައްސަލަ ކުރިއަށް ގެންދިއުމުގެ ކުރިން، އިސްރާއީލާ ދެކޮޅަށް ހުށަހަޅާފައިވާ ދައުވާ ކުރިއަށް ގެންދިއުމުގައި ގާނޫނީ ހައިސިއްޔަތު ލިބިދޭތޯ އެކޯޓުން ބަލަން ޖެހެއެވެ.

އައިސީސީގެ ޗީފް ޕްރޮސެކިއުޓަރު ވިދާޅުވީ، ފަލަސްތީނަކީ އދ.ގެ އޮބްޒާވަރެއްގެ ގޮތުގައި 2012 ވަނަ އަހަރު ބަލައިގެންފައިވާ ބަޔަކަށް ވީ ނަމަވެސް މިނިވަން ދައުލަތެއްގެ ގޮތުގައި އދ.އިން ބަލައި ގެންފައި ނުވާތީ އެ މައްސަލަ ކުރިއަށް ގެންދިއުމަށް ފަލަސްތީނުން އެ ކޯޓުގައި ބައިވެރިވާން ޖެހޭ ކަމަށެވެ.

ފަލަސްތީނުގެ ސިއްހަތާ ބެހޭ އޮފިޝަލުން ހާމަކުރައްވާފައި ވާ ގޮތުގައި އިސްރާއީލުން ވޭތުވެދިޔަ 18 ދުވަހުގެ ތެރޭގައި މެދު ކެނޑުމެއް ނެތި ހިންގަމުންދާ އުދުވާނުގައި މިހާތަނަށް ފަލަސްތީނުގެ 800އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައި ވާއިރު، ހަމަލާތަކުގައި ޒަހަމްވެފައިވާ މީހުންގެ އަދަދު 5200އަށް ވުރެ ގިނަ ކަމަށެވެ. އަދި އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިން ހިމެނެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު