ހުޅަނގު އައްސޭރީގައި އިސްރާއީލާ ދެކޮޅު ހެދި ފަސް މީހަކު ޝަހީދުކޮށްލައިފި

ޖެރޫސެލަމް (25 ޖުލައި)- އިޒުރޭލުގެ ބާރުގެ ދަށުގައި އޮތް ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިސްރާއީލާ ދެކޮޅަށް މުޒާހަރާ ކުރި ފަސް މީހަކު ޔަހޫދީ ސިފައިން ބަޑި ޖަހައި ޝަހީދުކޮށްލައިފި އެވެ.

ފަލަސްތީނުގެ ހޮސްޕިޓަލެއްގެ އޮފިޝަލުންނާ ހަވާލާދީ، އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ބުނީ، ބަޑިޖެހުމުގެ އެ ހާދިސާ ހިންގާފައި ވަނީ، ނާބްލުސް ޝަހަރުގެ އުތުރުން އޮންނަ އަވަށެއް ކަމަށްވާ ހަވާރާއާއި، ހަބްރޫން ސިޓީގެ ދެކުނުން އޮންނަ އަވަށެއް ކަމަށްވާ ބައިތު އުމަރުގައި ކަމަށެވެ.

އެ ދެ ސަރަހައްދުގައި މުޒާހަރާ ކުރަމުން ގެންދިޔަ ފަރާތްތަކާއި، އިސްރާއީލުގެ އަސްކަރީ ސިފައިންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާފައިވާ ކަމަށް ހަބަރުތައް ލިބުނު ނަމަވެސް އިސްރާއީލުގެ އަސްކަރިއްޔާއިން އެކަމާ ގުޅޭ ގޮތުން އަދި މިހާތަނަށް ބަހެއް ބުނެފައެއް ނުވެ އެވެ.

ނާބްލުސްގެ ރަފީދިއްޔާ ހޮސްޕިޓަލުގެ ޑިރެކްޓަރު މާޒިން އަލް ހަމޫޒު ވިދާޅުވީ، އިސްރާއީލު ސިފައިންނާ ދެކޮޅަށް ހުކުރު ދުވަހު ރަވާހްގައި މުޒާހަރާކުރި ފަލަސްތީނު ރައްޔިތުންގެ ތެރެއިން 21 އަހަރުގެ ޒުވާނަކާއި 22 އަހަރުގެ ޒުވާނެއްގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލާފައި ވާ ކަމަށެވެ.

މުޒާހަރާގެ ބައިވެރިންނަށް ހުރަސްއެޅުމުގެ ގޮތުން ބައިތު އުމަރުގެ ޗެކްޕޮއިންޓެއްގެ ކައިރީގައި އިސްރާއީލުގެ އަސްކަރިއްޔާގެ ސަފުތަކެއް އަތުރާލާފައި ވަނިކޮށް އެތަނަށް މުޒާހަރާގެ ބައިވެރިން ގާއުކާފައި ވާކަމަށް ލޯކަލް މީޑިއާތައް ބުނެއެވެ. އަދި މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ޒަޔަނިސްޓުން ލަޝްކަރުން ބަޑި ޖެހުމުގެ ސަބަބުން 47 އަހަރުގެ މީހަކާއި 27 އަހަރުގެ މީހަކު ޝަހީދުވެފައި ވާ ކަމަށް، ހަބްރޫން ހޮސްޕިޓަލުގެ އިމަޖެންސީ ރޫމާ ހަވާލާދީ އޭޕީގައި ވެ އެވެ.

ޣައްޒާގައި މިމަހުގެ އަށް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ހިންގަމުން އަންނަ ރަހުމުކުޑަ އުދުވާނާ ގުޅިގެން ހުޅަނގު އައްސޭރީގެ ހާލަތުވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

ފަލަސްތީނުގެ ސިއްހަތާ ބެހޭ އޮފިޝަލުން ހާމަކުރައްވާ ގޮތުގައި އިސްރާއީލުގެ މި އުދުވާނުގައި މިހާތަނަށް 800އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައި ވާއިރު، ހަމަލާތަކުގައި ޒަހަމްވެފައިވާ މީހުންގެ އަދަދު 5200އަށް ވުރެ ގިނަ އެވެ.

ޔަހޫދީ އަސްކަރިއްޔާއާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން ކުރަމުން ގެންދާ މުޒާހަރާތަކުގައި ބުރާސްފަތި ދުވަހު ވަނީ، އިރުމަތީ ޖެރޫސެލަމާއި ހުޅަނގުއައްސޭރީގެ ޗެކްޕޮއިންޓެއްގެ ކައިރީގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައިފައެވެ. އަދި މިއީ މިފަހަކަށް އައިސް މި ސަރަހައްދުގައި ބޭއްވި އެންމެ ބޮޑު މުޒާހަރާކަށް ރިޕޯޓުތައް ބުނެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު