ގާޒީ މުހުތާޒުގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެފައެއް ނުވޭ: ޖޭއެސްސީ

ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލައްވާފައިވާ ކްރިމިނަލް ކޯޓުގެ ގާޒީ މުހުތާޒު މުހުސިންގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެފައި ނުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.

ޖޭއެސްސީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ގާޒީ މުހުތާޒުގެ މައްޗަށް ސޫލޫކީ މައްސަލައެއް ސާބިތުވެފައި ނުވާ ކަމަށާއި އަދި އޭނާގެ މައްޗަށް ޝަކުވާއެއް ވެސް ކޮމިޝަނުން ބަލައި ނިންމާފައިނުވާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ، އެފަދަ ނިންމުމެއް ކޮމިޝަނުން ނިންމާފައި ނުވާއިރު ގާޒީ މުހުތާޒުގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެފައި ވާކަމަށްބުނެ ރާއްޖެ ޑޮޓް އެމްވީންނާއި އަދި ރާއްޖެ ޓީވީން ޚަބަރު ފަތުރާފައިވާ ކަމަށާއި އެފަދަ ދޮގުޚަބަރެއް ފަތުރާފައި ވާތީ އެކަމާ މެދު ކޮމިޝަނުން ކަންބޮޑުވެ ހިތާމަކުރާ ކަމަށެވެ.

"މިއީ ޒިންމާދާރު ނޫސްވެރިކަމެއްގައި ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހަޤީޤީ ތެދު މަޢުލޫމާތު ފެތުރުމުގެ ބަދަލުގައި ރާއްޖެ ޑޮޓް އެމްވީންނާއި އަދި ރާއްޖެ ޓީވީން ކޮށްފައިވާ ޒިންމާދާރުކަން ކުޑަ ޢަމަލެއް ކަމަށް މި ކޮމިޝަނުން ދެކެމެވެ،" ޖޭއެސްސީގެ ބަޔާނުގައި ވެއެވެ.

އެފަދަ ކަންތައްތައް ނުކުރުމަށް ޖޭއެސްސީން ވަނީ ރާއްޖެ ޑޮޓް އެމްވީއާއި ރާއްޖެޓީވީ އަށް އިލްތިމާސްކޮށްފަ އެވެ.

ޕީޖީގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ގާޒީ މުހުތާޒާއި ގާނޫނީ ވަކީލު މައުމޫން ހަމީދުގެ ނަންފުޅު ރައީސް ޔާމީން ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައެވެ.

އިއްޔެ ބޭއްވި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި ވަނީ ގާޒީ މުހުތާޒު މުހުސިން ޕީޖީގެ މަގާމަށް ގެނައުމަށް ވޯޓު ދިނުމަށް ތްރީލައިން ވިޕެއް ނެރެފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު