ޣައްޒާ (އޭޕީ) - އިސްރާއީލުގެ ޓޭންކަރުތަކުން ޣައްޒާގައި ދެމުން ގެންދާ ވަރުގަދަ ހަމަލާތަކުގެ ސަބަބުން، ހިތްތަކުގައި ބިރުވެރިކަން އުފެދިފައިވާ ގިނަ އަދަދެއްގެ ރައްޔިތުން އަވައްޓެރި އެހެނިހެން ހިސާބުތަކަށް ދަތުރުކުރަން ފަށައިފި އެވެ.
ބައެއް ފަރާތްތަކުން ބުނެފައި ވަނީ، އެމީހުން، އެ ސަރަހައްދުތައް ދޫކޮށް، ރައްކާތެރި ހިސާބުތަކަށް ދަތުރުކުރަމުން ދިޔައިރު، އެ ސަރަހައްދު ތަކުގެ ސަލާމަތީ ކަންކަން ހުރިގޮތުން އެމްބިއުލާންސަށް ވެސް ދެވޭނެ ގޮތެއް ނެތި، މަގުތަކުގައި މަރުވެފައި ވާ ހަށިގަނޑު ތަކާއި އަދި ގިނަ ބަޔަކު ޒަޚަމްވެގެން ވެއްޓިފައި ވާ މަންޒަރު ފެނިފައި ވާ ކަމަށެވެ.
ފަލަސްތީނު މިނިވަން ކުރުމަަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުގެ ބާރުތައް ކަނޑުވާލައި، އިސްރާއީލަށް ދެމުންގެންދާ ހަމަލާތައް ހުއްޓުވުމަށް ކަމަށް ބުނެ، އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ، ޣައްޒާގައި ދެމުން ގެންދާ ބިމުގެ ހަމަލާތައް މިއަދު އަނެއްކާވެސް އިތުރަށް ވަރުގަދަ ކޮށްފައެވެ. އަދި ހަމާސްގެ ހަނގުރާމަވެރިން އިސްރާއީލުގެ ތެރެއަށް ވަނުމަށް ބޭނުންކުރާ ބިންގަރާސް މަގުތައް ހަލާކުކުރުމަށް ކަމަށް ބުނެ އިސްރާއީލުން ވަނީ، ޣައްޒާއަށް އިތުރު ސިފައިން ފޮނުވާފައެވެ.
މަންޒަރުދުށް މީހުން ކިޔައިދިން ގޮތުގައި، އިސްރާއީލުން ހަމަލާތައް އިތުރަށް ވަރުގަދަކޮށްފައިވާ އިރު، އިސްރާއީލުގެ ބޯޑަރު ކައިރީގައި އޮންނަ، ޣައްޒާގެ ޝިޖައިޔާ ގަބީލާއަށް އިސްރާއީލުގެ ޓޭންކަރުތަކުން ދަނީ، ވަކިތަނެއް ނުބަލައި ހަމަލާތައް ދެމުންނެވެ. އެ އަވަށުގައި ދިރިއުޅޭ ފަރުދެއް ކަމަށްވާ މުޙައްމަދު އަލް ހިލާއު ބުނީ، އޭނާއާ އަދި ވެސް އެ ގަބީލާގެ ގިނަ ބަޔަކު މިހާރު ވަނީ، އިސްރާއީލުގެ އެ އަނިޔާވެރި އުދުވާނުގެ ސަބަބުން ގެދޮރު ދޫކޮށް އެހެން ހިސާބުތަކަށް ދާން މަޖުބޫރުވެފައި ކަމަށެވެ.
ފަލަސްތީނުގެ އޮފިޝަލުން ހާމަކޮށްފައި ވާ ގޮތުގައި، އެ ސަރަހައްދުން އެކަނިވެސް އަށް މީހުން ވަނީ، ޝަހީދުކޮށްލައިފަ އެވެ. އޭގެ ތެރޭގައި ހަމާސްގެ ސީނިއާ ލީޑަރެއް ކަމަށްވާ ޚަލީލު އަލް ހާޔާގެ ފިރިހެން ދަރިފުޅާއި، ދަނބި ދަރިފުޅާއި، ދެ ކާފަދަރިން ވެސް ހިމެނޭ ކަމަށް ފަލަސްތީނުގެ އޮފިޝަލުން މައުލޫމާތު ދެއެވެ.