ގާހިރާ (ޖުލައި 14): ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް އެހީފޯރުކޮށްދިނުމާއި އެމީހުންނަށް ހިލޭ ސާބަހަށް މަސައްކަތްކޮށްދިނުމަކީ ޖިހާދުގެ އަމަލެއް ކަމަށް ދެކިގެން ޣައްޒާގެ ހޮސްޕިޓަލުތަކުގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދިނުމަށް ޓަކައި ޣައްޒާ އަށް ދިޔުމަށް އަރަބި އެތައް ސަތޭކަ ޑޮކްޓަރުންނެއް އެބަތިބި ކަމަށް އަރަބި މެޑިކަލް ޑޮކްޓަރުންގެ ޔުނިޔަންއިން ބުނެފި އެވެ.
އެ ޔުނިޔަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. އުސާމާ އަރްސަލާން ވިދާޅުވީ އިސްރާއީލުގެ އަނިޔާވެރި ޙަމަލާތަކުގައި ޒަޚަމްވެފައިވާ ފަލަސްތީނުގެ އެތައް ސަތޭކަ ބަޔަކަށް ހިލޭ ސާބަހަށް ފަރުވާކޮށް ދިނުމަށް ޓަކައި އެކި އަރަބި ގައުމުތަކުގެ ތަފާތު ސްޕެޝިއަލިޓީތަކުގެ އެތައް ސަތޭކަ ޑޮކްޓަރުންގެ އިތުރުން ގިނަ އަދަދެއްގެ ނަރުހުން ވެސް ތިބީ ރިސްކު ނަގައި އެމީހުންގެ ފުރާނަތައް ވެސް ގުރްބާންކުރުމަށް ތައްޔާރަށް ކަމުގަ އެވެ. އިސްރާއީލުގެ އުދުވާނުގެ ޝިކާރައަކަށް ވެފައިވާ ޣައްޒާގެ ރައްޔިތުންނަށްއަރަބި މެޑިކަލް ޑޮކްޓަރުންގެ ޔުނިޔަންއިން ހަދިޔާކުރި ބޭހާއި މެޑިކަލް ސާމާނު ހިފައިގެންދިޔަ ލޮރީތަކެއް މިސްރުގެ ސަރަހައްދީ ރޮނގު ހުރަސްކޮށް ޣައްޒާއަށް އެތެރެވުމުގެ ފުރްސަތު މިސްރުން އިއްޔެވަނީ ދީފަ އެވެ.
އަރަބި ޑޮކްޓަރުންގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ މިއީ އެ ޖަމްއިއްޔާ އިން ޣައްޒާގެ ރައްޔިތުންނަށް ހަދިޔާކުރި ބޭހާއި ބެންޑޭޖާއި އެނޫން ވެސް ތަފާތު މެޑިކަލް ސާމާނު ކަމަށާ މިތަކެތި ޣައްޒާގެ ހޮސްޕިޓަލްތަކަށް ރޭގެ ވަގުތެއްގައި ފޯރާފައިވާ ކަމުގަ އެވެ. ޣައްޒާގެ ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރުމަށް ބޭނުންވާ ގިނައަދަދެއްގެ އަރަބި ޑޮކްޓަރުންނާއި ނަރުހުން ވެސް މިހަފްތާގެ ތެރޭގައި މިސްރުގެ ސަރަހައްދީ ރޮނގު ހުރަސްކޮށް ޣައްޒާއަށް ވަނުމަށް ތައްޔާރުވަމުންދާ ކަމަށާ މިޑޮކްޓަރުންގެ ތެރޭގައި ވަރަށް ބޮޑެތި އަދި އުނދަނގޫ އޮޕަރޭޝަންތައް ކުރާ ސްޕެސިއަލިސްޓުންވެސް ހިމެނޭކަމަށް އެއިއްތިޙާދުން ބުނެ އެވެ.
ގަލްފުގެ އަރަބި ގައުމެއް ކަމަށްވާ ގަތަރުން ވެސް މިދިޔަ ހަފްތާގައި ވަނީ ޣައްޒާގެ ހޮސްޕިޓަލްތަކަށް ބޭނުންވާ ބޭހާއި އެހެނިހެން ތަކެތި ގަތުމަށް ފަސް މިލިޔަން ޑޮލަރުގެ ނަގުދު ފައިސާ ފަލަސްތީނުގެ ސިއްޙަތާބެހޭ ވުޒާރާއާ ހަވާލުކޮށްފަ އެވެ. އަދި އީރާނުގެ ރެޑްކްރެސެންޓުން ވެސް ވަނީ ޣައްޒާ އަށް 20 ޓަނުގެ ބޭހާއި މެޑިކަލް ސަޕްލައިގެ ގާފިލާއެއް ފޮނުވާލާފައިވާނެ ކަމަށާ މިހަފްތާތެރޭގައި އެޝިޕްމަންޓް މިސްރުގެ މަގުން ޣައްޒާ އަށް ވަންނާނެ ކަމަށް ބުނެފަ އެވެ. (ނޫސްއެޖެންސީތައް)