ހދ. ހޮނޑައިދޫގައި ބަނގުރާ ގެންގުޅުމުގެ ކުށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު އާއި ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ހާމިދު އަބްދުލްޣަފޫރުގެ މައްޗަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ހދ. ހޮނޑައިދޫން ފެނުނު އެންމެހައި ބަނގުރާ ފުޅިތަކަކީ ސ. ހުޅުދޫ ރީފް ސައިޑު ޖާދުﷲ ޖަމީލު ބޭނުންކުރުމަށް އޭނާ އަމިއްލައަށް ގެންދިޔަ ތަކެތި ކަމަށް ބުނެ މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ޖާދުﷲ ދައުވާ އަށް އިއުތިރާފުވެފައިވާ ކަމަށެވެ.
އެހެންކަމުން ގާނޫނާ ޚިލާފަށް ރާއްޖެއަށް ބަނގުރާ އެތެރެކޮށް ގެންގުޅުމުގެ ކުށުން ޖާދުﷲ ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި އެ ކުށުގެ އުގޫބާތެއްގެ ގޮތުން އޭނާ 5000ރ. އިން ޖޫރިމަނާ ކުރުމަށް ވަނީ ހުކުމް ކޮށްފަ އެވެ.
ޖާބިރު އާއި ހާމިދުގެ މައްޗަށް އެ ދައުވާ ސާބިތުކުރަން ހުށަހެޅި ހެކީން ޝަރީއަތަށް ހާޒިރުކުރިނަމަވެސް އެމީހުންގެ ހެކިބަހުން އެ ދެ މީހުންގެ މައްޗަށް އެ ކުށް ސާބިތުކުރެވިދާނެ ކަމަށް ޝަރީއަތަށް ނުފެންނަ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ. އެގޮތަށް ނިންމާފައި ވަނީ ސުޕްރީމް ކޯޓާއި ހައިކޯޓުން މީގެކުރިން ނިންމާފައިވާ ގަޒިއްޔާއެއްގައި ހަވާލާދީފައިވާ ކަންތައްތަކަށް ރިއާޔަތް ކުރުމަށްފަހު ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.
މިއަދު ބޭއްވި އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ މުހުތާޒު މުހުސިން ވިދާޅުވީ އެ ހާދިސާގައި އެ ދެ ބޭފުޅުންގެ އަތުން ފެނުނު ތަކެތި ތަހުލީލުކުރިކަން އެނގޭނެ އެއްވެސް ހެއްކެއް ދައުލަތުން ޝަރީއަތަށް ހުށަހަޅާފައިނުވާ ކަމަށެވެ.
ގާޒީ އެގޮތަށް ވިދާޅުވުމުން ދައުލަތުގެ ވަކީލާ ނިއުމާ މުހައްމަދު ވިދާޅުވީ ޖާބިރާއި ހާމިދުގެ އަތުން ފެނުނު ތަކެތި ލެބޯޓަރީގައި ތަހުލީލު ކުރުމުން ބަނގުއާތްވަށް ޕޮޒިޓިވްވެފައިވާ ކަމަށާއި ޗެއިން އޮފް ކަސްޓަޑީ ރިޕޯޓުން އެކަން އެނގެން އޮންނަ ކަމަށެވެ.
ނިއުމާ ވިދާޅުވީ މިހާތަނަށް ޕީޖީ އޮފީހުން އަމަލުކުރާ ގޮތަކީ ޝަރީއަތުން އެންގުމުން ޗެއިން އޮފް ކަސްޓަޑީ ރިޕޯޓު ޝަރީއަތަށް ހުށަހެޅުން ކަމަށެވެ. ނަމަވެސް ގާޒީ ވިދާޅުވީ އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ހެކި ހުށަހަޅާއިރު އެ ރިޕޯޓު ވެސް ހުށަހަޅަން ޖެހޭނެ ކަމަށެވެ.