އަފްޣާން ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުކުރުމަށް އަބްދުﷲ ތަކުރާރުކޮށް ދެކޮޅުހައްދަވަނީ

ކާބުލް (ޖުލައި 9): އަފްޣާނިސްތާނުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބުކުރެއްވީ އޭނާ ކަމަށާ މިނޫންގޮތެއް ގަބޫލުނުކުރައްވާނެ ކަމަށް އެއިންތިޚާބުން ބަލިވެވަޑައިގެންނެވި އަބްދުﷲ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބްދުﷲ އަށްސަޕޯޓްކުރާ އެތައް ހާސްބަޔަކާ މުޚާތަބު ކުރައްވައި ކާބުލްގައި އިއްޔެ ވާހަކަ ދައްކަމުން އޭނާ ވިދާޅުވީ އަފްޣާނިސްތާނުގެ ވެރިކަމަށް ރައްޔިތުން އިންތިޚާބުކުރީ އޭނާ ކަމަށާއި އެހެން ބޭފުޅަކު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ކަމަށް ނެރެފައިވާ ނަތީޖާ ގަބޫލުނުކުރައްވާނެ ކަމުގަ އެވެ. އަދި އޭނާގެ ވާދަވެރިޔާ އަޝްރަފް ޣަނީ އިންތިޚާބު ކާމިޔާބު ކުރެއްވިކަން ބަޔާންކޮށް އަފްޣާން އިންތިޚާބުތަކާ ބެހޭ ކޮމިޝަނުން ނެރެފައިވާ ވަގުތީ ނަތީޖާއަކީ މަކަރާއި އޮޅުވާލުމެއްގެ ތެރެއިން ނެރެފައިވާ ނަތީޖާއެއް ކަމަށާ އެއީ ރައްޔިތުންގެ ނިންމުން ބަދަލުކޮށްލުމަށް ގެނަސްފައިވަ މަދަނީ އިންގިލާބެއް ކަމަށް ވެސް އަބްދުﷲ ސިފަކުރެއްވި އެވެ.

އަފްޣާން އިންތިޚާބުތަކާ ބެހޭ ކޮމިޝަނުން މިދިޔަ އާދީއްތަ ދުވަހު ނެރެފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން އަޝްރަފް ޣަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރައްވާފައި ވަނީ 56.44 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ. އަބްދުﷲ އަބްދުﷲ އަށް ދެވަނަ ބުރުގައި ލިބިވަޑައިގެންފައިވަނީ 43.6 އިންސައްތަ ވޯޓު ކަމަށްވެސް ވަގުތީ ނަތީޖާ ބުނެ އެވެ. ދެބޭފުޅުންގެ ނަތީޖާގައި އެއްމިލިޔަން ވޯޓުގެ ތަފާތެއްވާއިރު އަފްޣާން އިންތިޚާބުތަކާބެހޭ ކޮމިޝަންގެ ވެރިޔާ ވިދާޅުވެފައި ވަނީ ހަތަރު މިލިޔަން ވޯޓު އިތުރަށް ބަލައި ޗެކްކުރުމަށް ޓަކައި ދެވަނަ ފަހަރަށް ގުނުމަށް ހަމަޖެހިފައިވާ ކަމުގަ އެވެ. ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުކުރުމަށް އަބްދުﷲ އަބްދުﷲ ދެކޮޅު ހެއްދެވުމާ ގުޅިގެން އޭނާގެ ސަޕޯޓަރުން ހިންގަފާނެ ހަމަނުޖެހުންތަކަކާ މެދު އަފްޣާން ސަރުކާރާއި އެގައުމަށް ވަނީ ކަންބޮޑުވާކަން ހާމަކޮށްފަ އެވެ.

އަނެއްކޮޅުން ގާނޫނާ ޚިލާފަށް އަފްޣާނިސްތާނުގެ ވެރިކަމަށް އަތްގަދަކުރުމަށް ކޮންމެފަރާތަކުން މަސައްކަތް ކުރި ނަމަވެސް ބައިނަލްއަގްވާމީ ގޮތުން އަފްޣާނިސްތާނަށް ލިބެމުންދާ އެހީތަކުން އެގައުމު މަހްރޫމް ވެދާނެ ކަމުގެ އިންޒާރު އެމެރިކާ ވަނީ ދީފަ އެވެ. ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުނުކުރައްވާނެ އަބްދުﷲ އަބްދުﷲ ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާތީ އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ވިދާޅުވީ އަފްޣާން ރިޔާސީ އިންތިޚާބުގެ ނަތީޖާއާ ޚިލާފަށް އެއްވެސް ކެންޑިޑޭޓަކު އެގައުމުގެ ވެރިކަމަށް އަތްގަދަކުރުމަށް މަސައްކަތްކުރާ ނަމަ އެކަން ބައިނަލްއަގްވާމީ މުޖްތަމައު ގަބޫލު ނުކުރާނެ ކަމަށާ އަދި އެކަމުގެ ސަބަބުން އަފްޣާން ރައްޔިތުން، އިތުރު ހަމަނުޖެހުންތަކާއި ވޭންތައް ތަހައްމަލް ކުރަންޖެހިދާނެ ކަމުގަ އެވެ. އެމެރިކާ ގެންދަނީ އަންނަ އަހަރު ނިމޭއިރު އަފްޣާނިސްތާނުން ފޭބުމަށް މަސައްކަތް ކުރަމުންނެވެ. (ރޮއިޓާސް)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު