ޣައްޒާ އަށް ވަރުގަދަ ޙަމަލާތަކެއްދީ އިސްރާއީލުން ފަލަސްތީނުގެ 24 މީހުން ޝަހީދުކޮށްލައިފި

ޣައްޒާ (ޖުލައި 9): އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ އުދުވާނީ ޙަމަލާތަކުގައި އިއްޔެއާއި ރޭގައި އެކަނިވެސް ފަލަސްތީނުގެ 24 މީހުން ޝަހީދުކޮށްލައި އެތަށް ބަޔަކު ޒަޚަމްކޮށްލައިފި އެވެ.

ޣައްޒާގެ ސިއްޙަތާ ބެހޭ ދާއިރާ އިން ބުނީ އިސްރާއީލުން އިއްޔެއާއި ރޭގެ އިރާކޮޅާއި ހާރުދަމުގެ ވަގުތުތަކުގައި ޣައްޒާގެ އެތަންމިތަނަށް 100 އަށްވުރެ ގިނަ ވައިގެ ޙަމަލާތައް ދީފައިވާ އިރު އެ ޙަމަލާތަކުގައި ފަލަސްތީނުގެ 24 މީހުން ޝަހީދު ކޮށްލާފައިވާ ކަމަށާ އަދި އެޙަމަލާތަކުގައި ޒަޚަމްވެގެން 100 އަށް ވުރެ ގިނަ މީހުން ޣައްޒާގެ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވާ ކަމުގަ އެވެ. ރޭ ހާރުދަމުގެ ވަގުތުގައި އިސްރާއީލު ދިން ވައިގެ ޙަމަލާއެއްގައި ފަލަސްތީނުގެ އިސްލާމިކް ޖިހާދު ޖަމާއަތުގެ އަސްކަރީ ގޮފި ކަމަށްވާ "ސަރާޔާ އަލްޤުދްސު"ގެ ކޮމާންޑަރު ހާފިޒް ޙަަމަދު ވެސް ވަނީ ޝަހީދުވެފަ އެވެ. އޭނާގެ އިތުރުން އޭނާގެ އާއިލާގެ ފަސްމީހަކުވެސް އިސްރާއީލުން ރޭގައި ވަނީ ޝަހީދުކޮށްލާފަ އެވެ. އިސްރާއީލުގެ ޙަމަލާތައް އަމާޒުކޮށްފައި ވަނީ އޭނާގެ ގެއަށާއި ޖިހާދު ޖަމާއަތުގެ ކޮމާންޑް ސެންޓަރުތަކަށެވެ.

އިސްރާއީލުން ޣައްޒާ އަށް ވައިގެ ޙަމަލާތައް ދެމުންގެންދާތާ ދިހަވަރަކަށް ދުވަސްވެފައިވާ އިރު މީގެ ތެރެއިން އެންމެ ގިނަ ވައިގެ ޙަމަލާތައް ދީފައި ވަނީ އިއްޔެ އާއި ރޭގަ އެވެ. އިސްރާއީލުގެ މިޢުދުވާނަށް ރައްދުދިނުމުގެ ގޮތުން ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ޙަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތާއި އެނޫން ވެސް ޖަމާއަތްތަކުން ވަނީ އިސްރާއީލުގެ އަނިޔާވެރިކަމާ އަޅުވެތިކަމާ ދެކޮޅަށް ޖިހާދުކުރުމަށް ތައްޔާރީ ޙާލަތުގައި ތިބުމަށް ފަލަސްތީނުގެ ރައްޔިތުންނަށް ގޮވާލައި ބަޔާންތައް ނެރެފަ އެވެ.

އިސްރާއީލުގެ މި އުދުވާނީ ޙަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ޙަމާސްޖަމާއަތުން އިސްރާއީލަށް އިއްޔެ 18 ރޮކެޓް ފޮނުވާލާފައިވެ އެވެ. މީގެ ތެރެއިން ގިނަ ރޮކެޓްތައް ވެއްޓިފައި ވަނީ އޭނާގެ އަމާޒަށް ވާސިލްނުވެ ހަނަފަސް ސަހަރާއަށެވެ. ނަމަވެސް ބައެއް ރޮކެޓް އިސްރާއީލުގެ ރަށްތައް ކަމަށްވާ ހައިފާ، ތެލްއަވީވް އަދި އަސްދޫދުގައިވާ ޔަހޫދީންގެ ގެތަކަށް އަރާފައިވާ ކަމަށް އިސްރާއީލުން ބުނެފައިވެ އެވެ. އަދި އިސްލާމިކް ޖިހާދު ޖަމާއަތުން ފޮނުވާލި 60 ރޮކެޓް އިސްރާއީލުގެ ޢަސްގަލާން، އޮފީކުމް، ނެތިފޯތް އަދި އަސްދޫދުއާއި ބިއްރުއްސަބްޢު އަށް އަރައި ޔަހޫދީންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި ބައެއް ގެތައް ހަލާކުވެ އެކަކު ޒަޚަމްވެފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

އިސްރާއީލުގެ ދިފާއީ ވަޒީރު މޯޝޭ ޔުއާލޫން ވަނީ ޣައްޒާއަށް ވައިގެ މަގުން ދެމުންގެންދާ އުދުވާން އިތުރަށް ފުޅާކޮށް އެއްގަމާއި ކަނޑުގެ މަގުންވެސް ޙަމަލާތައް ދިނުމަށް ތައްޔާރުވަމުންދާ ކަމުގެ އިންޒާރު ދެއްވައިފަ އެވެ. މިކަމަށް ތައްޔާރުވުމުގެ ގޮތުން އިސްރާއީލު ސިފައިންގެ ރިޒާވް ފޯސްގައި ހިމެނޭ 40 ހާސް މީހުން ތައްޔާރީ ޙާލަތުގައި ތިބުމަށްވެސް ޔުޢާލޫންވަނީ އަމުރުކުރައްވާފަ އެވެ.

އިސްރާއީލުގެ އުދުވާން ހުއްޓުވުމަށް މިސްރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ދަށުން މިސްރުގެ ޖާސޫސީ އިދާރާގެ ވެރިޔާ އިސްރާއީލަށް އިއްޔެ ވަޑައިގެން ޙަމާސްއާއި އިސްރާއީލާ ދެމެދު ޙަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއް ވުޖޫދަށް ގެނެވޭތޯ އިސްރާއީލުގެ މަސްއޫލުވެރިންނާ ވަނީ މަޝްވަރާތަކެއް ކުރައްވާފަ އެެވެ. އިސްރާއީލުން ބުނަނީ ޣައްޒާއާ ދެކޮޅަށް ހިންގަމުންގެންދާ ޢަސްކަރީ އޮޕަރޭޝަންގެ ބޭނުމަކީ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ މަރުކަޒުތަކާއި ބޭސްތަކާއި ހަތިޔާރުއުފައްދާ ވޯކްޝޮޕްތައް ހަލާކުކޮށްލުން ކަމަށާ މިކަމަށް ދިހަވަރަކަށް ދުވަސްބޭނުންވާ ކަމުގަ އެވެ. ނަމަވެސް އިސްރާއީލަށްރޮކެޓް ޙަމަލާތައް ނުދޭނެ ކަމުގެ ޔަގީންކަން ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ މުޖާހިދުންގެ ޖަމާއަތްތަކުން ދީފިނަމަ ހަމަލާތައް ހުއްޓާލެވިދާނެ ކަމަށް އިސްރާއީލުގެ ދިފާއީ ވަޒީރު ވިދާޅުވި އެވެ.

ފާއިތުވި 10 ވަރަކަށް އަހަރު ތެރޭގައި އިސްރާއީލުން ހަތަރު ފަހަރެއްގެ މަތިން މިފަދަ ބަހަނާތައް ދައްކައިގެން ދިގު މުއްދަތަކަށް ޣައްޒާއާ ދެކޮޅަށް ވަޔާއި އެއްގަމާއި ކަނޑުގެ މަގުން އުދުވާން ހިންގައި ފަލަސްތީނުގެ އެތައް ހާސްބަޔަކު ޝަހީދު ކޮށްލާފައިވެ އެވެ. ނަމަވެސް މިއިން ކޮންމެ ފަހަރަކު ވެސް ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ މަރުކަޒުތަކާއި ބޭސްތަކާއި ޙަމާސް އިން ރޮކެޓްތައް އުފައްދާ ވޯކްޝޮޕްތައް ހަލާކު ކޮށްލުމުގައި އިސްރާއީލުވަނީ ނާކާމިޔާބުވެފަ އެވެ. އަދި މިއިން އެއްފަހަރު ވެސް ޙަމާސްއިން އިސްރާއީލާ ދެކޮޅަށް ދޭ ރޮކެޓް ޙަމަލާތައް އިސްރާއީލަށް ހުއްޓުވިފައެއް ނުވެ އެވެ. ހަމަލާތައް ހުއްޓާލާފައި ވަނީ މިކަމަށް ދެފަރާތުން ވެސް އެއްބަސްވެގެންނެވެ. މުޖާހިދުންގެ ޖަމާއަތްތައް ބަލިވެގެނެއްނޫނެވެ.

ޙަމާސް ޖަމާއަތުން އިއްޔެ ވަނީ އުދުވާން ކުރިޔަށް ގެންދާ ނަމަ މިހާތަނަށް އެޖަމާއަތުން ބޭނުން ނުކުރާ އަދި އިސްރާއީލަށް ހައިރާންކަން ގެނުވާވަރުގެ ދުރުރާސްތާގެ ބާރުގަދަ ރޮކެޓްތައް އިސްރާއީލުގެ ރަށްތަކާއި ސިޓީތަކަށް ދޭންޖެހިދާނެ ކަމުގެ އިންޒާރު ދީފަ އެވެ. އިސްރާއީލަ ދެކޮޅަށް އަދި ބޭނުންނުކުރާ އެތައް ވައްތަރެއްގެ ދުރުރާސްތާގެ ރޮކެޓް އެބަހުރި ކަމަށް ވެސް ޙަމާސްއިން ވަނީ ބުނެފަ އެވެ. (އަލްޖަޒީރާ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު