ޕާކިސްތާނު މީހުން ޑީޕޯޓު ކުރަން ކްރިމިނަލް ކޯޓުން އަންގާފައިނުވާނެ ކަމަށް ބުނެފި

ބިދޭސީން ޑީޕޯޓު ކުރުމަށް އެންގުމަކީ ކުރިމިނަލްކޯޓުގެ އިޚްތިޞާސްގެ ތެރޭގައި ހިމެނޭ ކަމެއްނޫން ކަމަށާއި މިހާތަނަށް އެ ކޯޓުން އެފަދަ އެންގުމެއް އެއްވެސް ފަރާތަކަށް އަންގާފައިނުވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.

ކްރިމިނަލް ކޯޓުން މިހެން ބުނެފައި ވަނީ ރާއްޖެއަށް 24 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ބޯޑުގައި އުޅުނު ޕާކިސްތާނުގެ ދެ މީހަކު ޑީޕޯޓު ކުރުމަށް އެ ކޯޓުން އަންގާފައިވާ ކަމަށް ފުލުހުން ބުނެފައި ވަނިކޮށެވެ.

ކްރިމިނަލް ކޯޓުން މިއަދު ނެރުނު ދެންނެވުމެއްގައި ބުނެފައި ވަނީ ޖިނާއީ ކުށެއްގެ ތުހުމަތުގައިވާ މީހަކުވިއަސް އަދި އެހެން މައްސަލައެއްގައި ވިޔަސް އެއްވެސް މީހަކު ޑީޕޯޓު ކުރުމާއި ޑީޕޯޓް ކުރުމަށް އެންގުމަކީ ކްރިމިނަލް ކޯޓުގެ އިޚްތިޞާސްގެ ތެރޭގައި ހިމެނޭ ކަމެއްނޫނެވެ.

އެ ދެންނެވުމުގައި ބުނެފައި ވަނީ ރާއްޖޭގެ ޚަބަރު ފަތުރާ ބައެއް ވަސީލަތްތަކުގައި "ހެރޮއިން އެތެރެކުރި ބޯޓުގެ ޕާކިސްތާން މީހުން ޑީޕޯޓް ކުރުމަށް ކޯޓުން އަންގައިފި" މިސުރުޚީގެ ދަށުން ލިޔެފައިވާ "ކަނޑުމަގުން 24 ކިލޯ ހެރޮއިން ރާއްޖެއަށް އެތެރެކުރި އީރާނުގެ މަސްބޯޓުގައި މަސައްކަތްކުރާ ޕާކިސްތާން ދެމީހަކު ޑީޕޯޓު ކުރުމަށް ކްރިމިނަލް ކޯޓުން އަންގާފައިވާކަމަށް" ލިޔެފައިވާ ޚަބަރަކީ ހަޤީޤަތާ ޚިލާފު މަޢުލޫމާތު ތަކެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚަބަރަކަށްވާތީ، އެކަން މައުލޫމާތަށްޓަކައި ދަންނަވާ ކަމަށެވެ.

ޕާކިސްތާނުގެ އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމައި އެ ކޯޓުން ނެރުނު ދެ އަމުރުގައި ވަނީ "މުޖުތަމަޢުގެ ސަލާމަތަށްޓަކައި 15 ދުވަހުގެ މުއްދަތަށް އެ ދެ މީހުން ބަންދުގައި ބެހެއްޓުމަށް އަމުރުކުރާ ކަމުގައެވެ."

ކްރިމިނަލް ކޯޓުގެ ދެންނެވުމުގައި ބުނެފައި ވަނީ އެ ދެ މީހުން ޑީޕޯޓު ކުރުމަށް ނިންމާފައި ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކަމަށް އެ ކޯޓުގެ މުއްދަތު މަޖިލިހުގައި ފުލުހުން ބުނެފައިވާ ކަމަށެވެ. އެހެންކަމުން ޑީޕޯޓު ކުރަން އަންގާފައިވާ މުއްދަތުގައި އެ ދެ މީހުން ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނާއި ހަވާލުކުރަމަށް އެ އަމުރުގައި "އިތުރުބަޔާން" މި ސުރުޚީގެ ދަށުން ލިޔެފައިވާނެ ކަމަށް އެ ކޯޓުން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު